ގަލްފުގެ ގައުމުތަކުގެ ސެކިއުރިޓީއަށް ހަމައެކަނި އެމެރިކާއަށާއި ބައިނަލްއަގުވާމީ އެހެން އިއްތިހާދުތަކަށް ބަރޯސާވެގެން ތިބެވެން ނެތް ކަމަށާއި، އަމިއްލަ ފުދުންތެރިކަން އިތުރުކުރަންޖެހޭ ކަމަށް ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.
"ގަލްފުގެ ސަރަހައްދުގައި ބައިނަލްއަގުވާމީ ބާރުތައް ތިބުމާއި، އެމެރިކާއާ އެކު އެކުލަވާލެވިފައިވާ ސްޓްރެޓީޖިކް އިއްތިހާދަކީ ވަރަށް މުހިންމު ކަމެއް ނަމަވެސް، އެއީ އެކަމުން އެކަނި ފުދޭވަރުގެ ކަމެއް ނޫންކަން ގަލްފުން ގަބޫލުކުރަންޖެހޭ،" ޔޫއޭއީގެ އަބޫ ދާބީގައި ބޭއްވި ހީލީ ފޯރަމްގައި އޭނާ ވިދާޅުވި އެވެ.
"ސެކިއުރިޓީގެ ކަންކަމުގައި އަމިއްލަ ފުދުންތެރިކަން ހޯދުމަކީ ކުރިއަށްދެވެން އޮތް ހަމައެކަނި މަގު. އާދެ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ބައިވެރިން ބޭނުންވޭ. އާދެ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އިއްތިހާދުތައް ބޭނުންވޭ. ނަމަވެސް އަޅުގަނޑުމެންގެ ސެކިއުރިޓީއަށްޓަކައި ހަމައެކަނި އެމީހުންނަށް ބަރޯސާވެގެން ތިބެވޭކަށް ނެތް."
ގަތަރަކީ އެމެރިކާ އާއި އީރާނުގެ ހަނގުރާމައިގައި މުހިންމު މެދުވެރިއެކެވެ. އަދި އެ ގައުމަށް އިރާނުގެ ވަރުގަދަ ހަމަލާތަކެއް، ހާއްސަކޮށް އެ ގައުމުގެ ހަކަތައިގެ ވަސީލަތްތަކަށް، އަމާޒުކޮށްފައިވެ އެވެ.
ކުޑަ އެކަމަކު، ގޭހުގެ މުއްސަނދިކަން ލިބިފައިވާ މި ގައުމަކީ މެދުއިރުމަތީގައިވާ އެމެރިކާގެ އެންމެ ބޮޑު މިލިޓަރީ ބޭސް ހުންނަ ގައުމެވެ. ހަނގުރާމައިގެ ތެރޭގައި އީރާނުން ވަނީ އެމެރިކާގެ މިލިޓަރީ ސައިޓްތަކަށާއި ސަރަހައްދީ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދީ އެމެރިކާގެ ހަމަލާތަކުގެ ބަދަލު ހިފައިފަ އެވެ.
ހަނގުރާމައަށް ހަ މަސް ދުވަސް ވެފައިވާއިރު، އަދި ދެ ހަތުރުން ސުލްހަވުމެއް ނެތް ހާލަތެއްގައި ތިބިއިރު، އިރާނުން ދަނީ ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ހުރަސްއަޅަމުންނެވެ. އަދި އެމެރިކާއިން ދަނީ އިރާނުގެ ބަނދަރުތައް ހިސާރުކޮށް އެކަން ދަމަހައްޓަމުންނެވެ. -- އޭއެފްޕީ