އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ ނުރަސްމީ މަޝްވަރާތައް އަދިވެސް ހުއްޓުމެއްނެތް ކުރިއަށްދާކަން ގަތަރުން ބުނެފި އެވެ.

 ދޯހާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަތަރުގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓަރެއް ކަމަށްވާ އިބްރާހީމް ބިން ސުލްތާން އިބްރާހީމް އަލްހާޝިމީ ވިދާޅުވީ، ގަތަރާއި ސަރަހައްދީ ބައިވެރިން މެދުވެރިކޮށް އެމެރިކާ އާއި އީރާނާ ދެމެދު މުއާސަލާތުކުރުމާއި މެސެޖުތައް ބަދަލުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށެވެ.

މި ހަނގުރާމައިގެ ނުރައްކާތެރިކަމުގެ ސަބަބުން "މުޅި ދުނިޔެ ވެސް މިކަމުގެ އަގު ދައްކަމުންދާ" ކަމަށް ވިދާޅުވެ، އަލްހާޝިމީ ވަނީ ހަތް މަސް ދުވަސް ވެފައިވާ މި ހަނގުރާމައަށް، ވާހަކަދައްކައިގެން އަވަސް ހައްލެއް ހޯދުމަށް ގޮވާލައްވައިފަ އެވެ.

މި ޑިޕްލޮމެޓިކް މަޝްވަރާތަކާ އެކުއެކީގައި، ގަތަރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އާލް ތާނީ ވަނީ އީރާނުގެ އިންޓީރިއާ މިނިސްޓަރު އެސްކަންދަރް މޮމެނީއާ ދޯހާގައި ބައްދަލުކުރައްވައި، ސަރަހައްދީ މަސްރަހް ފިނިކުރުމާ ބެހޭގޮތުން ވާހަކަދައްކަވައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި މަޝްވަރާތަކަށް މިވަގުތު ހުރަސްތަކެއް ކުރިމަތިވެފައިވީ ނަމަވެސް، ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ކުރާ މަސައްކަތްތައް އަދިވެސް ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ.

އެމެރިކާ އާއި އިޒްރޭލުން ފެބްރުއަރީ 28 ގައި އީރާނަށް ހަމަލާދީ އެ ގައުމުގެ ވެރިންނާއި އިސް އެތައް ބަޔަކު އަވަހާރަކޮށްލައި ބޮޑެތި ގެއްލުންތައް ދިނުމާ އެކު ފެށުނު ހަނގުރާމައިގެ ބަދަލު ހިފުމަށް އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށް ސަރަހައްދީ ގައުމުތަކުގައިވާ އެމެރިކާގެ މަރުކަޒުތަކަށް ހަމަލާ ދީފަ އެވެ. އެއާ އެކު މުޅި ސަރަހައްދަށް ހަނގުރާމަ ފުޅާވެ މިހާރު އޮތީ ހަނގުރާމައިގެ ކޮޅެއް މެދެއް ނުފެންނަ ހާލަތެއްގަ އެވެ.