ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްގެންދާ މަޝްވަރާތަކުގައި އެއްބަސްވުމަކަށް އައުމަށްޓަކައި އަދި އިތުރު ވަގުތު ބޭނުންވާ ކަމަށް ގަތަރުން އަންގާރަ ދުވަހު ބުނެފި އެވެ.

ގަތަރުން މިހެން ބުނެފައި މިވަނީ،  އީރާނަށް ދޭން ރާވާފައި ހަމަލާތައް، މި މަޝްވަރާތަކަށް ފުރުސަތެއް ދިނުމުގެ ގޮތުން ފަސްކޮށްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިތާ އެއްދުވަސް ފަހުންނެވެ.

"ދެ ފަރާތް އެއްމޭޒަކަށް ގެނެސް، ހައްލެއް ހޯދުމަށް ޕާކިސްތާނުން ކުރަމުންދާ ސީރިއަސް ޑިޕްލޮމެޓިކް މަސައްކަތްތަކަށް އަހަރެމެން ތާއީދުކުރަން. އަދި މިކަމަށް އިތުރު ވަގުތު ބޭނުންވާނެ ކަމަށް އަހަރެމެން ގަބޫލުކުރަން،" ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދު އަލް-އަންސާރީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

ސިޔާސީގޮތުން ގެއްލުންތަކެއް ކުރިމަތިވެދާނެ ފަދަ ހަނގުރާމައަކުން ވަކިވާން ބޭނުންވާކަން ހާމަކޮށް، ހަމަލާނުދީ އޮތް އޮތުން މުއްދަތެއް ނެތް ގޮތަށް އިތުރުކުރެއްވި ރައީސް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވީ، އެމެރިކާއިން ހުށަހެޅި އެއްބަސްވުމުގެ އޮނިގަނޑަށް އީރާނުން ދެކޮޅު ހެދުމާ ގުޅިގެން، އަނެއް ދުވަހު އަސްކަރީ ހަމަލާއެއް ދިނުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

ނަމަވެސް، ހޯމަ ދުވަހު ސޯޝަލް މީޑިއާގައި ޓްރަމްޕް ވިދާޅުވީ، ގަތަރާއި، ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވެރިން މަޝްވަރާތަކަށް ފުރުސަތެއް ދިނުމަށް އެދިވަޑައިގަތުމުން، އީރާނަށް ދޭން އުޅުނު ހަމަލާ ފަސްކުރައްވާފައިވާ ކަމަށެވެ.

"މި ސަރަހައްދުގައި ހިނގާފާނެ އެއްވެސް ކުރިމަތިލުމެއްގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނެ ބަޔަކީ މި ސަރަހައްދުގެ ރައްޔިތުން ކަމަށްވާތީ، އެ ރައްޔިތުން ރައްކާތެރިކުރަން އަހަރެމެން ބޭނުންވޭ،" އަލް-އަންސާރީ ވިދާޅުވި އެވެ.

އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އުންމީދު އެބައޮތްތޯ ނުވަތަ ނޫންތޯ ސުވާލުކުރުމުން އޭނާ އެއްވެސް އެއްޗެއް ވިދާޅެއްނުވެ އެވެ. އަދި ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓާ ގުޅޭގޮތުން އިތުރު ކޮމެންޓެއް ވެސް ނުކުރެއްވި އެވެ. -- އޭއެފްޕީ