ވަންޕްލަސް ފޯނުތައް އަގުހެޔޮކޮށް ދެން ނުވިއްކޭނެ

ވަންޕްލަސް މަޝްހޫރުވެފައި ވަނީ ނުބައްދަލު ހެޔޮ އަގުގައި މޮޅު ފޯނުތަކެއް ވިއްކާ ކުންފުންޏެއް ގޮތުގަ އެވެ. މިއީ ވަންޕްލަސް ވަރަށް މަޚުރުވެރި ވެސް ވާ ކަމެކެވެ. އޮފިޝަލުންގެ ވާހަކަތަކުން މިކަން ފާޅު ވެސް ވެ އެވެ. ނަމަވެސް، ވަންޕްލަސް 7 އާ ހަމަ އަށް އައިއިރު، މިހާރު ދެން ފޯނުތައް ހެޔޮ އަގުގައި ވިއްކޭނެ ގޮތެއް އެ މީހުންނަކަށް ނެތެވެ. ވާދަވެރި ކުންފުނިތަކުން ނުހަނު ބޮޑު ފައިދާ ހޯދާއިރު، ވަންޕްލަސް އަށް ވެސް ފޯނުތައް އަގު ބޮޑުނުކުރެވެންވީ ސަބަބެއް ނެތެވެ.


ސްމާޓްފޯން މާކެޓްގައި ހުރި ފޯނުތަކަށް ބަލާއިރު ވެސް، ވަންޕްލަސް ފޯނުތައް ނުހަނު ޗާލެވެ. ދުވެލި އެހައި ބާރެވެ. ވަފާތެރިން އަދި ސަޕޯޓަރުން އެހައި ގިނަ އެވެ. ވަންޕްލަސް ނޫން ފޯނެއް ބޭނުންނުކުރަން ހުވައިކޮށްގެން ތިބި ބަޔަކު ވެސް އެބަ ތިއްބެވެ.

ވަންޕްލަސް 7 އާންމު މާކެޓަށް ނެރޭ ވަގުތު ކުޑަތަންވެފައި ވާއިރު، ވަންޕްލަަސްގެ ހަޔާތުގައި މިއީ އެއް ދުވަހެއްގައި ދެ ފޯނު ނެރޭ ފުރަތަމަ ފަހަރެވެ. އެވެ. ވާހަކަތައް ހުރި ގޮތަށް ބަލާއިރު، އެއީ "ވަންޕްލަސް 7" އަދި "ވަންޕްލަސް 7 ޕްރޮ" އެވެ. މީގެ ކުރިން ވަންޕްލަސް ގެންގުޅެފައި ވަނީ، އަހަރުގެ ކުރީކޮޅު ނެރޭ އަދަދުގެ ފަހަތަށް "ޓީ" އަކުރު އިތުރުކޮށް އަހަރުގެ ފަހުކޮޅު ފޯނުތައް މާކެޓްކުރާ އުސޫލެކެވެ. މިސާލަކަށް "ވަންޕްލަސް 6" އަދި "ވަންޕްލަސް 6ޓީ" އެވެ.

ވަންޕްލަސް އިން ފޯނުތަކުގެ އަގާ ކުޅެލާ ގޮތަށް، ސެމްސަންގް އަދި އެޕަލް އަށް ވެސް އަގުތައް ކޮށާލާކަށް ނުކެރެ އެވެ. ވަންޕްލަސް އަކީ ޗައިނާ ކުންފުންޏަކަށް ވެފައި، ޗައިނާގައި މަސައްކަތްތެރިކަން އަގުހެޔޮވެފައިވުން ވަނީ ވަންޕްލަސް އަށް ބޮޑު ފައިދާއަކަށެވެ. ސައުތު ކޮރެއާގައި މަސައްކަތުގެ އަގުތައް އުފުލެމުން ދާ މިންވަރަށް ބަލައި، ގައުމުން ބޭރުވުމަކީ ސެމްސަންގް ވެސް ގެންގުޅޭ ޚިޔާލެކެވެ.

ވަންޕްލަސް އަށް ޗައިނާގައި ހުރި ފައިދާތަކާ އެކު ވެސް، ފޯނުތައް އަގު ހެޔޮކޮށް ވިއްކަން މިހާރު ބޭނުންނުވަނީ، ބިރެއް ނެތި މާކެޓްްގައި ހިފަހައްޓާލެވޭ ފެންވަރަށް ކުންފުންޔަށް އިތުބާރުލިބިފައި ވުމެވެ. އަދި ވަންޕްލަސް ފޯނުތަކަށް ގެންނަން ހުރި ޓެކްނޮލޮޖީ ދިރާސާކޮށް، ބޭނުންކުރާ މީހުންނަށް އާ ފީޗާތައް ގެނެސްދިނުމަށެވެ. މިއީ ފައިސާ އަދި ވަގުތު ވެސް ބޭނުންވާނެ ކަންކަމެވެ.