އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ރޮކް ބޭންޑް "ޕިންކް ފްލޯއިޑް" ގެ ލަވަކިޔުންތެރިޔާ ޑޭވިޑް ގިލްމޯގެ އަތުގައި ހުރި ގިނަ އަދަދެއްގެ ގިޓާ ނީލަމެއްގައި ވިއްކާލައި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތަށް ހަދިޔާކުރަން ނިންމައިފި އެވެ.
ނީލަމުގައި އެއްޗެހި ވިއްކާ އިނގިރޭސި ކުންފުނި ކްރިސްޓީޒްއާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ނީލަމުގައި ޑޭވިޑްގެ ކަލެކްޝަނުގައި ހުރި ގިޓާތަކުގެ ތެރެއިން 126 ގިޓާ ވަނީ ވިއްކާލައިފަ އެވެ. އަދި ނީލަން ހުޅުވައިލިތާ 8 ގަޑިއިރު ތެރޭގައި 66 ގައުމަކުން ގިޓާތަކަށް ބިޑް ކުރި އެވެ. އެ އެއްޗެހި ވިއްކައިގެން ވަނީ 21,490,750 ޑޮލަރު (333,106,625ރ.) ލިބިފަ އެވެ.
ނީލަމުގައި ވިއްލައިލި ގިޓާތަކުގެ ތެރޭގައި "ޕިންކް ފްލޯއިޑް" އިން އުފެއްދި މަގުބޫލު އަލްބަމްތަކުގެ ތެރޭގައި ހިމެނޭ "ދަ ޑާކް ސައިޑް އޮފް ދަ މޫން" އާއި "ވިޝް ޔޫ ވާ ހިއާ" ގެ އިތުރުން "ދަ ވޯލް" ގެ ލަވަތަކުގައި ބޭނުންކުރި 1969 ގެ މަޝްހޫރު ގިޓާ "ދަ ބްލަކް ސްޓްރަޓް" ވެސް ހިމެނެ އެވެ. އެ ގިޓާ ނީލަމުގައި ވިކުނީ 3,975,000 ޑޮލަރު (61,612,500ރ.) އަށެވެ. އަދި މިއީ މިހާތަނަށް ނީލަމެއްގައި ގިޓައެއް އެންމެ ބޮޑު އަގުގައި ވިއްކައިލި ފުރަތަމަ ފަހަރު ވެސް މެ އެވެ.
އެ ގިޓާ އަށް ބިޑްކޮށް، ކާމިޔާބުކުރީ އެމެރިކާގެ ފުޓްބޯޅަ ޓީމް އިންޑިއާނާޕޮލިސް ކޯލްޓްގެ ވެރިޔާ ޖިމް އާޒީ، 60، އެވެ. އޭނާ ވަނީ "ބްލަކް ސްޓްރަޓް" ކާމިޔާބު ކުރެވުމުން ޓްވިޓާގައި ވެސް އެ ވާހަކަ ހިއްސާކޮށްފަ އެވެ.
ޑޭވިޑް، 73، ބުނީ އޭނާގެ ހިތާ ވަރަށް ގާތް އަދި ހަޔާތުގެ މުހިއްމު ހަނދާންތަކާ ގުޅިފައިވާ ގިޓާތަކެއް ވިއްކައިލަން ނިންމުމަކީ ވަރަށް ޖަޒުބާތީ ކަމެއް ކަމަށެވެ. އެކަމަކު މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތަކަށް އެހީވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ބުންޏެވެ.
ނީލަމުން ލިބުނު ފައިސާ ހަދިޔާކުރަން ނިންމާފައި ވަނީ ތިމާވެއްޓަށް މަސައްކަތްކުރާ ޖަމިއްޔާ "ކްލައިންޓްއާތު" އަށެވެ.