އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ކުޑަކުޑަ އަވަށެއްގައި ދިރިއުޅޭ އުމުރުން 18 އަހަރުގެ ޕޫޖާ ކުޝްވަހް ވަރަށް ކުޑއިރުއްސުރެ ގުރުއާން ކިޔެވުމަށް ލޯބިކުރެ އެވެ. އެ އަވަށުގައި ހިންގާ ގުރުއާން ކްލާހަކަށް އޭނާ ވަރަށް ކުޑައިރު ދާން ފެށި އެވެ. ގުރުއާނަށް އޭނާގެ ހިތުގައި އުފެދުނު ލޯތްބެއްގެ ބޮޑުކަމުން އެ ގުރުއާން ކްލާހުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނެވެ.
މިހާރު ގްރޭޑް 12 ގައި ކިޔަވަމުންދާ ޕޫޖާ ބޭނުންވީ އޭނައަށް ހަދިޔާއަކަށް ލިބިފައިވާ ގުރުއާނުގެ އިލްމު އެހެން ކުދިންނަށް ދަސްކޮށްދޭށެވެ. އެގޮތުން އެ ސަރަހައްދުގައި އުޅޭ މުސްލިމް 35 ކުއްޖަކަށް މިހާރު އޭނާ ދަނީ ގުރުއާން ކިޔަވައިދެމުންނެވެ.
"މީގެ އެތައް އަހަރެއް ކުރިން އަހަރެމެން އުޅޭ ހިސާބުގަނޑުގައި އަންހެނަކު އުޅުނު. އެއީ މުސްލިމް ބައްޕަ އަކާއި ހިންދޫ މަންމައަކަށް ލިބިފައިހުރި ސަންގީތާ ބޭގަމް ކިޔާ މީހެއް. ސަންގީތާ ބޭގަމް އޭނާގެ ގޭގައި ކުދިންނަށް ގުރުއާން ކިޔަވަން ދަސްކޮށްދިން. އަހަރެންގެ ހިތުގައި ކީރިތި ގުރުއާނަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް އުފެދި އޭނާގެ ކްލާހަށް ކިޔަވަން ދާން ފެށިން. ވަރަށް އަވަހަށް އަހަރެން ގުރުއާން ކިޔެވުމުގެ ރޮނގުން ކުރިއަރަމުން ގޮސް މުޅި ކްލާހުން އެއްވަނައަށް ދިޔަ،" ޓައިމްސް އޮފް އިންޑިއާއަށް ޕޫޖާ ކިޔައިދީފައިވެ އެވެ.
ސަންގީތާ ބޭގަމް ކުދިންނަށް ކިޔަވައިދިނުން ހުއްޓާލަން ޖެހުމުން ޕޫޖާ ގާތު ކުދިންނަށް ކިޔަވައިދިނުމުގެ ކަންތައް ކުރިޔަށް ގެންގޮސްދޭން އެދުނެވެ.
އެ މީހަކަށް އެނގިހުރި އިލްމެއް އެހެން މީހުންނަށް ފޯރުކޮށް ނުދޭ ނަމަ އެ އިލްމެއްގެ ބޭނުމެއް ނެތޭ ކަމަށް އިސްލާމް ދީނުގައި އޮންނަ ކަމަށް ސަންގީތާ ޕޫޖާ ގާތު ބުނެފައިވެ އެވެ. އެހެންވެ ޕޫޖާ ކޮންމެހެން ވެސް އެގޮތަށް އަމަލުކުރަން ބޭނުންވި އެވެ.
ޕޫޖާގެ ކްލާހަށް ކިޔަވަންދާ ކުދިންގެ ތެރޭގައި ރޭޝްމާ ބޭގަމްގެ ފަސް އަހަރުގެ އަންހެންދަރިފުޅު އަލީޝާ ހިމެނެ އެވެ. ރޭޝްމާ ބޭގަމް ބުނި ގޮތުގައި އެހާ ޅަ އުމުރުގައި އެހާ މޮޅަށް ޕޫޖާ ގުރުއާން ކިޔަވަން ދަސްކޮށްފައި ވުމަކީ ހައިރާންވާ ވަރުގެ ކަމެކެވެ. އަދި އޭނާގެ ދަރިފުޅަށް ކިޔަވައިދޭ ޓީޗަރަކީ ޕޫޖާއަށް ވީތީ ރޭޝްމާ ބޭގަމް ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ.
ރޭޝްމާ އަށާއި ޕޫޖާ ކައިރިއަށް ކިޔަވަންދާ އެހެން ކުދިންގެ ބެލެނިވެރިންނަށް ވެސް ޕޫޖާގެ ދީން އެހާ މުހިއްމެއް ނޫނެވެ. މުހިއްމީ އޭނާ ކިޔަވައިދޭ އެއްޗެކެވެ.
ޕޫޖާ މި ކްލާސްތައް ހިންގަނީ ހިލެ އެވެ. އެންމެ ކުރިން ފަށައިގަތްއިރު ޕޫޖާ ކިޔަވައިދިނީ އަމިއްލަ ގޭގަ އެވެ. ނަމަވެސް ކުދިން ގިނަވެ ގޭގައި ކިޔަވައިދެވެން ނެތުމުން ފައްޅީގައި ކިޔަވައިދޭން ފެށީ އެވެ.
ޕޫޖާ ބުނި ގޮތުގައި އޭނާ ކައިރިއަށް ކިޔަވަން އަންނަ ގިނަ ކުދިންނަކީ ވަރަށް ފަގީރު ކުދިންނެވެ. އެމީހުންނަށް އޭނާއަށް ދޭނެ ފައިސާއެއް ނުލިބޭނެ އެވެ. އޭނާ ފައިސާ ބޭނުމެއްވެސް ނޫނެވެ.