މިއީ އެއްގޮތަކަށް ވެސް ދުނިޔޭގެ ރީތީގެ މުބާރާތަކުން ވަނަ ހޮވާ ގޮތަށް ހޮވައި އެންމެ ރީތި އަންހެނަކަށް ލަގަބެއްދޭ ގޮތުގެ ވާހަކައެއް ނޫނެވެ. މިއީ ސައިންސާއި ގަދީމީ ހިސާބުގެ އިލްމުން މިނަކިރައި އަންހެނުންގެ ރީތިކަން ވަޒަންކުރާ ގޮތުގެ ވާހަކަ އެވެ.
މިއަށް ކިޔަނީ "ގޯލްޑެން ރޭޝިއޯ އޮފް ބިއުޓި ފައި" އެވެ. މި މިންގަނޑުން ކިރާ އިރު، ދުނިޔޭގައި މި ވަގުތު ހުރި އެންމެ ރީތި އަންހެނަކީ މަޝްހޫރު ސުޕަމޮޑެލް ބެލާ ހަޑީޑް ކަމަށް ސައިންސްވެރިން ބުނެ އެވެ. އިނގިރޭސވިލާތަށް އުފަން 23 އަހަރުގެ ބެލާ އަކީ މަޝްހޫރު މޮޑެލް ޖިޖީ ހަޑިޑްގެ ކޮއްކޮ އެވެ.
"ގޯލްޑެން ރޭޝިއޯ އޮފް ބިއުޓި ފައި" އިން މިންކުރާ އިރު ދުނިޔޭގެ އެންމެ ރީތި އަންހެނާގެ މަގާމު ބެލާ އަށް ލިބެނީ އޭނާގެ މޫނުގެ ބައްޓަމުގެ ހިސާބުން ރީތިކަން ވަޒަންކުރާ އިރު ނަތީޖާ 94.35 ޕަސަންޓަށް އަރާތީ އެވެ.
އެންމެ ރީތި އަންހެނުން މިންކުރުމުގެ މަސައްކަތް ކުރި ލަންޑަނުގެ މަޝްހޫރު ފޭޝަލް ކޮސްމެޓިކް ސާޖަން ޑރ. ޖޫލިއަން ޑި ސިލްވާ ވިދާޅުވި ގޮތުގައި ބެލާގެ މޫނަކީ އަންހެނެއްގެ މޫނު ރިތިވުމާއި ފުރިހަމަވުމުގެ ހުރިހާ ޝަރުތަކާ އެންމެ ގާތްކުރާ މޫނެވެ. އެހެންވެ އޭނާ އަކީ އެންމެ ރީތި އަންހެނާ ކަމަށް ވިދާޅުވި އެވެ.
"ޕާކެޓް މޫނެއްގެ މަގާމު މީހަކަށް ދޭ ނަމަ އެ ހައްގުވާ މީހަކީ ބެލާ. މީހާގެ ރީތިކަން އެންމެ ބޮޑަށް ދައްކުވައި ދެނީ މީހާގެ މޫނުގެ ވަނާތަކުން،" ޖޫލިއަން ވިދާޅުވި އެވެ. "އެބައި އެންމެ ފުރިހަމަ އަންހެނަކީ ބެލާ. އަދި ބެލާގެ ދަތްދޮޅީގެ ބައްޓަމަށް ބަލާ އިރު އޭނަގެ ނަތީޖާ އެބައަރާ 99.7 ޕަސަންޓަށް."
"ގޯލްޑެން ރޭޝިއޯ އޮފް ބިއުޓި ފައި" މިނާ އިރު އެންމެ ރީތި އަންހެނާގެ މަގާމު ލިބޭ ދެވަނަ މީހަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ އެވެ. ތިން ކުދިންގެ މަންމަ އަދި 36 އަހަރުގެ ބިޔޯންސޭގެ މާކުހަކީ 92.44 ޕަސަންޓެވެ.
ތިން ވަނައިގައި ހިމެނެނީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޮނީ ޑެޕްގެ ގާތުން ވަރިވެފައިވާ ބަތަލާ އެމްބާ ހާޑެވެ. އުމުރުން 33 އަހަރުގެ ބަތަލާގެ ޕަސަންޓޭޖަކީ 91.85 އެވެ. ހަތަރު ވަނައިގައި އޮތީ 26 އަހަރުގެ ލަވަކިޔުންތެރިޔާ އެރިއާނާ ގްރަންޑޭ އެވެ. އޭނާގެ ނަތީޖާއަކީ 91.81 ޕަސަންޓެވެ.