ލޯތްބާ އެކު ހަދިޔާކުރީ ކިޑްނީ

މިއީ ހަމަ ހަގީގީ ލޯބީގެ ވާހަކަ އެކެވެ. ކައިވެންޏަށް މި އަހަރު 52 އަހަރު ފުރޭނެ އެވެ. އެކަމަކު ދެމަފިރިންގެ ކައިވެންޏަށް ކިތަންމެ ދުވަހެއް ވިޔަސް ލޯތްބަކަށް ބަދަލެއް ނާދެ އެވެ. ހައި ސްކޫލްގައި ކިޔަވަން އުޅެނިކޮށް، ދިމާވެ އުފެދުނު ލޯބި އަދިވެސް އެ ތާޒާކަން މަތީގައި އެބަ އޮތެވެ.


އެކަން ސާބިތުކޮށް ދެނީ އުމުރުން މިހާރު 74 އަހަރުގެ އަނބިމީހާ ޕެގީ ނިޕާޒަށް ފިރިމީހާ މައިކް ނިޕާޒް، 80، ކިޑްނީ ހަދިޔާކޮށް، އޮތް ލޯބި އިތުރަށް ފާޅުކޮށް ދިނުމެވެ. އެމެރިކާގެ ޓެކްސަސްގައި ދިރިއުޅޭ މި ދެމަފިރިންނަކީ ފެށުނީއްސުރެ ވެސް ވަރަށް ލޯބިން އުޅެމުން އަންނަ ދެ މީހުންނެވެ.

އެކަމަކު، ކުއްލި ގޮތަކަށް މި ފަހަކަށް އައިސް ޕެގީ މާ ބޮޑަށް ބަލިވާން ފެށީ އެވެ. ވާ ގޮތެއް ކުރިއަކުން ނޭނގެ އެވެ. އެ ހާސްކަމުގެ ތެރޭގައި ހެދި ޗެކަޕްތަކަކުން އެނގުނީ އޭނާގެ ކިޑްނީގައި ސިސްޓެއް އުފެދި ޕޮލިސިސްޓިކް ކިޑްނީ ޑިޒީޒް (ޕީކޭޑީ) ގެ ޝިކާރަ އަކަށް ވެފައިވާ ކަމެވެ. އޭރު މަސައްކަތް ކުރަނީ ކިޑްނީގެ އެންމެ 14 ޕަސަންޓެވެ.

އެއީ އާއިލާ އިން ޕެގީ އަށް ވާރުތަކުރި ބައްޔެކެވެ. އޭނާގެ މަންމަ މަރުވީ ވެސް އެ ބަލީގަ އެވެ. އަދި ބޭބެ އަކީ ވެސް ބަލީގެ ތިން ވަނަ ސްޓޭޖްގައި ހުރި މީހެކެވެ.

ޕީކޭޑީއާ އެކު، ޕެގީ އަށް އޮތީ އުމުރުގެ ބާކީ ބައިގައި ޑައިލިސިސް އަދި ކިޑްނީ ޓްރާންސްޕްލާންޓް ހެދުމެވެ. އެކަމަކު، ދިމާވާ ކިޑްނީއެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. ކަމާ ބެހޭ އިދާރާތަކުގައި ރަޖިސްޓަރީ ކޮށްގެން ޑޯނާ އަކަށް ކުރާ އިންތިޒާރު ގިނަ ފަހަރު ހައެއްކަ އަހަރަށް ވެސް ދިގު ދެމިގެން ދެ އެވެ.

އެ ފިކުރާއި ހާސްކަމުން ޕެގީ ސަލާމަތް ކޮށްދިނީ ލޯބިވާ ފިރިމީހާ ހަދިޔާކުރި ކިޑްނީ އެވެ. އެކަމަށް އުންމީދު ވެސް ނުކޮށް، އެފަދަ ވާހަކައެއް ވެސް ދައްކާފައި ނުވަނީސް މައިކް ވަނީ އޭނާގެ ކިޑްނީ އަނބިމީހާ ހަދިޔާކޮށް ލޯބިން ހިތްފުރާލައި ދީފަ އެވެ. ޕެގީގެ ޓްރާންސްޕްލާންޓް ކުރިއަށް ގެންދިޔައީ މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ޓެކްސަސްގެ ސެއިންޓް ޑޭވިޑްސް ނޯތު އޮސްޓިން މެޑިކަލް ސެންޓަރުގަ އެވެ.

އޮޕަރޭޝަނަށް ފަހު، ޕެގީގެ ހާލު އަންނަނީ ރަނގަޅު ވަމުންނެވެ. މިކަމާ ބެހޭ ގޮތުން އޭނާ ސީއެންއެން އަށް ބުނީ އޭނާ އަށް ފިރިމީހާ އާ ހަޔާތެއް ހޯދައި ދީފި ކަމަށެވެ.

"މި އަށް ވުރެ ވަކި ބޮޑު ހަދިޔާއެއް އަންބަކަށް ފިރިއެއްގެ ފަރާތުން ލިބޭނެތަ؟" ޕެގީ ސުވާލު ކުރި އެވެ.

"މިއިން ދައްކުވައިދޭ ކަމަކީ އަހަރެމެން ދެ މީހުން އުމުރު ދުވަހަށް ވެސް އެކީގައި އުޅޭނެ ކަން. މައިކްގެ ކިޑްނީ އާއި އަހަރެން މެޗް ވުމަކީ މި ލޯބީގެ ނިޝާނެއް. އެއީ ވަރަށް އުފާވި ކަމެއް."

މައިކް ބުނިގޮތުގައި އަނބިމީހާ އަށް ކިޑްނީ ދޭން ނިންމުމަކީ ދެވަނަ ވިސްނުމަކަށް ދާން ޖެހުނު ކަމެއް ވެސް ނޫނެވެ. އަދި އޭނާ އަބަދު ވެސް ހުންނާނީ ޕެގީގެ ހިމާޔަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށް ބުންޏެވެ. ދެ މީހުން ގުޅުން ސިފަކުރަމުން މައިކް ބުނީ މިޒާޖުގެ ގޮތުން ދެ މީހުން އަބަދު ވެސް ވަރަށް ތަފާތު ކަމަށެވެ.

"އަހަރެން މިއީ މާސް އިން އައި މީހެއް ނަމަ ޕެގީ ނިސްބަތް ވަނީ ވީނަސް އަށް. އެހާ ވެސް ބޮޑު ތަފާތެއް އަހަރެމެން ދެ މީހުންގެ މިޒާޖުގައި ހުރޭ. އެކަމަކު މި ގުޅުމުގެ ކާމިޔާބީގެ ސިއްރަކީ ފަނޑުވުމެއް ނެތް އިހުލާސްތެރި ލޯބި،" އޭނާ ބުންޏެވެ.

"އެ ލޯތްބަށް ދުވަހަކު ވެސް ބަދަލެއް އުނިކަމެއް ނާންނާނެ."

މައިކް ބުނިގޮތުގައި ދެ މީހުން ކައިވެނިކުރީ އުމުރު ދުވަހަށް އެކީގައި އުޅުމަށެވެ. އުފާތަކާއި ހިތާމަތައް އެކީގައި ހިއްސާ ކުރާށެވެ.

"އެހެންވެ ޕެގީ އަށް ލިބޭ ހިތާމައެއްގައި ނުވަތަ ދެރަ ކަމެއްގައި އަހަރެންގެ ހިއްސާ ނުވުމަކީ ހިޔާލަށް ވެސް ގެނެވޭނެ ކަމެއް ނޫން،" މައިކް ބުންޏެވެ. "އަހަރެމެން ދެ މީހުންނަކީ މި ގުޅުމުގައި ވަރަށް ކޮމިޓެޑް ދެ މީހުން. އެހެންވީމާ އެންމެ ފަހު ވިންދާ ހަމައަށް އެކަކު އަނެކަކަށްޓަކައި ނޭވާލާނީ."