ބޭވަފާތެރިވުމުން ފިރިމީހާ 20 ޑޮލަރަށް ވިއްކާލައިފި

އަންބަކު ފިރިމީހާ ވިއްކާލި ވާހަކަ އެންމެ އަސަރު ގަދަކޮށް ދައްކުވައި ދީފައި ވަނީ 1997 ގައި ރިލީޒްކުރި ހިންދީ ފިލްމު "ޖުދާއީ" ގަ އެވެ. އެ ފިލްމުގައި ކުރީގެ ބަތަލާ ސްރީދޭވީ އޭނާގެ ދެ ކުދިންގެ ބައްޕަ އަދި އިންތިހާ އަށް އޭނާ ދެކެ ލޯބިވާ ފިރިމީހާ އަނިލް ކަޕޫރް، ތަނަވަސް ދިރިއުޅުމަކާއި ފައިސާގެ ދަހިވެތިކަމުގައި ވިއްކައިލަނީ މުއްސަނދި އަންހެނެއް ކަމަށްވާ އުރްމިލާ މަޓޯންޑްކަރަށެވެ.


މިއީ ފިލްމެއްގައި ކިޔައިދިން ހިޔާލީ ވާހަކައެއް ނަމަވެސް މިކަހަލަ އަސްލު ހާދިސާއެއް އާ އަހަރާ ދިމާކޮށް ކެނިއާގައި މި ވަނީ ހިނގައިފަ އެވެ. އަނބިމީހާ، ފިރިމީހާ ވިއްކައިލީ 2،000 ޝިލިން (20 ޑޮލަރު) އަށެވެ. މިވަރުގެ ކަމެއް ކައިވެންޏަށް ދެ ކުދިން ވެސް ލިބިފައިވާ އަނބިމީހާ އަށް ކުރަން މަޖުބޫރުވީ ފިރިމީހާގެ ބޭވަފާތެރިކަން ފަޅާއެރުމުންނެވެ.

އެޑްނާ މުކްވާނާ ކިޔާ އަންހެން މީހާއާ ހަވާލާދީ މީޑިއާތަކުން ބުނީ އޭނާ ފިރިމީހާ ވިއްކައިލީ ހިތާވެގެން އުޅުނު އަންހެން މީހާއާ އެއްކޮށް އޮއްވައި ފެނިގެން ކަމަށެވެ. އެ ހާދިސާއާ ގުޅިގެން އޭނާ ވަނީ ފިރިމީހާ ގެއިން ވެސް ނެރެލައިފަ އެވެ.

އޭގެ ހަފުތާއެއްހާ ދުވަސްހުން ފިރިމީހާގެ ލޯބިވެރިޔާގެ ފަރާތުން އަންނަ ހުށަހެޅުމަކީ 17،000 ޝިލިން ދީފި ނަމަ، ފިރިމީހާ ދޫކޮށްލަން ތައްޔާރަށް ހުރިތޯ އެވެ.

އެހެންވެ އެޑްނާ ބުނީ 2،000 ޝިލިން ދޭން ތައްޔާރު ނަމަ ބޭވާފަތެރި ފިރިމީހާ ފައިސާކޮޅަކަށްޓަކައި އެއްކޮށް ދޫކޮށްލަން ތައްޔާރު ކަމަށެވެ.

"އަހަންނަކަށް އޭނާ މުހިންމެއް ނޫން. ދަރިންނަށް ރަނގަޅު ގޮތެއް ވާން އަހަރެން ބޭނުންވާތީ ފައިސާގައި ހިފީ. އެއަށް އަހަރެން ގަތީ އާ އަހަރަށް ދަރިންނަށް ބޭނުންވާ އަންނައުނު،" އޭނާ ބުންޏެވެ.