މައިކްރޮސޮފްޓް 2030 ގައި ކާބަން ނިއުޓްރަލް ވަނީ

ތިމާވެއްޓަށް ގެއްލުން ހުރި ހަކަތަ ބޭނުންކުރުން ހުއްޓާލައި، 2030 އަންނަންވާ އިރަށް ތިމާވެއްޓާ ރައްޓެހި ހަކަތަކާ އެކު ކާބަން ނިއުޓްރަލް ވާން އަމާޒު ހިފާފައިވާ ކަމަށް މައިކްރޮސޮފްޓުން ބުނެފި އެވެ.


ޒީރޯ އެމިޝަން އަމާޒަކަށް ހަދައި، ކްލީން ޓެކްނޮލޮޖީއާ ދިމާއަށް މިސްރާބު ޖަހާފައިވާކަން ބުރާސްފަތި ދުވަހު އިއުލާންކޮށް، އެ ކުންފުނިން ބުނީ އެ އަމާޒަށްވުމަށްޓަކައި ކުރިއަށް އޮތް 10 އަހަރަށް ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމާފައިވާ ކަމަށެވެ.

ދުނިޔޭގައި ދެވަނަ އަށް އެންމެ މުއްސަނދި މީހާ ބިލް ގޭޓްސްގެ މައިކްރޮސޮފްޓްގެ ރައީސް ބްރެޑް ސުމިތު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މުޅި ދުނިޔެ ވެސް ޒީރޯ އެމިޝަނަށް ދާން ޖެހިފައިވާ މި ދަނޑިވަޅުގައި އެ ކުންފުނީގެ އަމާޒަކަށްވާނީ ވީހާ ވެސް އަވަހަކަށް ލަނޑުދަނޑި އަށް ވާސިލުވާން މަސައްކަތްކުރުން ކަމަށެވެ.

"އަހަރެމެން ބުނަން އޮތް ވާހަކަ އަކީ މިކަން މިހާރުން މިހާރަށް ވެސް ފަށައިގަނެ، މިކަމާ އުޅެވެން ތިބި ބަޔަކު މިކަން އަވަސްކުރަން ޖެހެއޭ،" އޭނާ ވިދާޅުވި އެވެ.

މައިކްރޮސޮފްޓުން ބުނިގޮތުގައި އެ ކުންފުނިން މި އަހަރު އެކަނި ވެސް 16 މިލިއަން މެޓްރިކް ޓަނުގެ ކާބަން އެމިޝަން މަދުކުރާނެ އެވެ.

"ހަމަމިއާ އެކު ކުންފުނީގެ އެތެރޭގެ ކާބަން ފީ ފުޅާކޮށް، މިކަމަށް ހޭދަކުރާ ފަންޑް އިތުރުކުރާނެ،" ސުމިތު ވިދާޅުވި އެވެ.

މައިކްރޮސޮފްޓިން ބުނިގޮތުގައި ކާބަން ނިއުޓްރަލްވާން ކުރާ މަސައްކަތުގެ ތެރޭގައި 2025 އާ ހަމައަށްދާ އިރު 100 ޕަސަންޓް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމާއި ކުންފުނީގެ މުވައްޒަފުން މަސައްކަތްކުރާ ކެމްޕަސްތަކުގައި 2030 އާ ހަމައަށް އަންނަ އިރު މުޅިން ވެސް އިލެކްޓްރިކް ވެހިކަލްތައް ބޭނުންކުރުމާއި ކާބަން ރިޑަކްޝަން ޓެކްނޮލޮޖީ ތަރައްގީކުރަން "ކްލައިމެޓް އިނޮވޭޝަން ފަންޑް' ގެ ނަމުގައި ބިލިއަން ޑޮލަރުގެ ފަންޑެއް ހުޅުވބުން ހިމެނެ އެވެ.

ދުނިޔޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކުގެ ތެރެއިން ގޫގްލް އަކީ 2007 އިން ފެށިގެން ކާބަން ނިއުޓްރަލް ކުންފުންޏެކެވެ. އެ އަމާޒަށް ވާސިލުވާން މަސައްކަތްކުރާ ކުންފުނިތަކުގެ ތެރޭގައި އެމެޒޯނާއި އެޕަލް ހިމެނެ އެވެ.