ވިޓްނީ ހިއުސްޓަންގެ ވެޑިން ޑްރެސް ނީލަމަށް

މީގެ އަށް އަހަރު ކުރިން މަރުވެފައިވާ އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ވިޓްނީ ހިއުސްޓަންގެ މެޑިން ޑްރެސް ނީލަމެއްގައި ވިއްކައިލަން ހުޅުވާލައިފި އެވެ.


އެމެރިކާގެ އޮކްޝަން ހައުސް ހެރިޓޭޖުން މި ހެދުން ވިއްކަން އަގު ފަށަނީ 3،500 ޑޮލަރުންނެވެ. މި ހެދުމަކީ ވިޓްނީ އާއި ބޮބީ ބްރައުން ޖުލައި 18، 1992 ގެ ކުރި ކައިވެނީގައި ބޭނުން ކުރި ހެދުމެވެ. އެ ހެދުން ފަރުމާކޮށްފައި ވަނީ އޭރުގެ މަޝްހޫރު ޑިޒައިނަރު މާކް ބައުވާ އެވެ.

ހެރިޓޭޖުން ބުނިގޮތުގައި ވިޓްނީގެ ގައުން ނީލަމުގައި ވިއްކައިލާ އިރު، އޭގެ ސައްހަކަން އަންގައިދޭ އާއިލާގެ ލިއުމަކާއި ކައިވެނީގެ ރަސްމިއްޔާތުގައި ނަގާފައިވާ ފޮޓޯއެއް ވެސް ނީލަން ކާމިޔާބުކުރާ މީހަކަށް ލިބޭނެ އެވެ.

އެތަނުން ބުނިގޮތުގައި ވިޓްނީގެ ކައިވެނީގެ ހެދުން ވިއްކައިލާ އިރު އޭގައި ކުދިކުދި ތަންކޮޅުތައް ހަލާކުވެފައިވެ އެވެ. އެގޮތުން ބިމުގައި ކޭއްތި ފަސްބައިގެ ބައެއް ތަންތަނުން ހަލާކުވެފައި ހުރުމުގެ އިތުރަށް ބޮލުގައި އެޅި ފޮތިގަނޑުގައި ލޯވަޅެއް ހިމެނެ އެވެ.

"އެކަމަކު މިއީ އަދިވެސް ހަމަ ފުރިހަމަކޮށް އޮތް ވަރަށް ރީތި ހެދުމެއް،" ހެރިޓޭޖުން ބުންޏެވެ.

ވިޓްނީގެ ކައިވެނީގެ ހެދުން ވިއްކައިލަން ކުރިއަށް ގެންދާ ނީލަން ކުރިއަށް އޮތް 23 އަށް ކުރިއަށް ދާނެ އެވެ. މި ހެދުން ވިއްކައިލާ އިރު، ވިޓްނީ އާއި ބޮބީގެ ކައިވެނި 2007 ގައި ރޫޅި، އެ ކައިވެންޏަށް ލިބުނު ހަމައެކަނި ދަރިފުޅު ބޮބީ ކްރިސްޓީނާ ބްރައުން ވަނީ 2015 ގައި 26 އަހަރުގައި މަރުވެފަ އެވެ.

ބޮބީ ބްރައުން އަދިވެސް ދުނިޔޭގައި އެބަހުއްޓެވެ. އޭނާގެ އުމުރަކީ 51 އެވެ. ވިޓްނީ މަރުވި އިރު އުމުރަކީ 48 އެވެ.