މުޅި ދުނިޔެ މިހާރު ތަހައްމަލުކުރަމުން އަންނަ ކޮރޯނާވައިރަހަށް ހާއްސަކޮށްގެން ގޫގުލް އިން ވެބްސައިޓެއް ލޯންޗްކޮށްފި އެވެ.
ހޮނިހިރު ދުވަހު ރަސްމީކޮށް google.com/covid19 ގެ ނަމުގައި ލޯންޗްކުރި މި ވެބްސައިޓުން ކޮވިޑް-19އާ ބެހޭ ވަރަށް ގިނަ މައުލޫމާތު ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި، ބަލިޖެހިދާނެ ގޮތްތަކާއި ރައްކާތެރިވާނެ ގޮތްތަކާއި ބައްޔާ ބެހޭ އެންމެ ފަހުގެ މައުލޫމާތާއި ސައްހަ މައުލޫމާތުތައް އިތުރަށް ހޯދޭނެ ތަންތަނާ ބެހޭ ލިންކްތައް ވެސް ހިމަނާފައިވެ އެވެ.
ގޫގުލް އިން ބުނިގޮތުގައި ވެބްސައިޓްގެ އެންމެ ބޮޑު މަގުސަދަކީ ކޮވިޑް-19އަށް މީހުން ހޭލުންތެރިކޮށް، އަހުލުވެރިކުރުވުމެވެ. އަދި އެންމެ ބޮޑު އެއް ބޭނުމަކީ ވީހާ ވެސް ސައްހަ ކަށަވަރު މައުލޫމާތު ފޯރުކޮށްދިނުމެވެ.
މި ވެބްސައިޓް ލޯންޗްކުރި އިރު މީގައި ވަނީ އާންމުންނަށް ބައްޔަށް ސްކްރީންކުރެވޭނެ ޓޫލެއް، އެމެރިކާގެ ސެންޓަ ފޮ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އާ ގުޅިގެން ހިމަނަން ވެސް މަސައްކަތްތަކެއްކޮށްފައިވެ އެވެ. ނަމަވެސް އަދިވެސް އޭގެ ތައްޔާރީތައް ކުރިއަށްދާތީ، އެ ޓޫލް ވެބްސައިޓަށް އަންނާނެ އިރެއް ކަށަވަރެއް ނުވެ އެވެ.
ކޮވިޑް-19 އަށް ހާއްސަކޮށްގެން ގޫގުލް އިން ވެބްސައިޓެއް ލޯންޗްކުރި އިރު، އޭގެ ބެލެނިވެރި ކުންފުނި އަލްފަބެޓްގެ ދަށުން ހިންގާ ކުންފުނި ވެރިލީން ވަނީ އޮންލައިންކޮށް ވައިރަހަށް ޓެސްޓްކުރެވޭ ވެބްސައިޓެއް މިދިޔަ ހޯމަ ދުވަހު ލޯންޗްކޮށްފަ އެވެ.