ކަރަން ދެ ކުދިންނާ އެކު.
12 އެޕްރީލް 2020 - 08:21
އާ ފިލްމު "ތަޚުތު" ގެ ޝޫޓިން ފަށައިގަންނަން މިދިޔަ މަހުގެ ތެރޭގައި ތައްޔާރުވެފައި ވަނިކޮށް ކޮވިޑް-19އާ ހެދި މަސައްކަތް ހުއްޓާލައި މި ވަގުތު ގޭގައި ހުންނަން ޖެހުމުން ބޮލީވުޑްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ވެސް ފޫހިފިލުވުން އޮތީ ގޭތެރޭގަ އެވެ.
އޭނާގެ އިންސްޓަގްރާމާއި ޓްވިޓާގައި ކޮންމެ ދުވަހަކު ވެސް އެތައް ވީޑިއޯއެއް ހިއްސާކުރެ އެވެ. އެންމެ ހާއްސަ ކަމަކީ ސަރޮގޭޓް ކޮށްގެން ކަރަން އަށް ލިބުނު އެއްމާބަނޑު ދެ ކުދިން ކަމަށްވާ ޔާޝް އާއި ރޫހީ އަދި ކަރަންގެ މަންނަ ހީރޫގެ އެކި ކަހަލަ ވާހަކަތައް ހިއްސާކުރާތީ އެވެ. މީގެ ތެރޭގައި ވަރަށް މަޖާ ކަންކަން އެބަ ހުއްޓެވެ.
އެގޮތުން ކަރަންގެ ވޯޑްރޮބަށް ވަދެ، ދެ ކުދިން އޭނާގެ ހެދުންތަކާއި ބޫޓްތަކާއި އައިނުތަކަށް މަލާމާތްކުރާ ވީޑިއޯތަކާއި ބަނޑެއް ހުންނަ ވާހަކަ އާއި ލަވަކިޔަން ނޭނގޭ ވާހަކަ އާއި ކަރަންގެ ފިލްމުތައް ފޫހިކަމުގެ ވާހަކަ އެ ކުދިން ދައްކަ އެވެ.
Ek aur critic! pic.twitter.com/ekBFZujJwo
— Karan Johar (@karanjohar) April 7, 2020
އެގޮތުން އެއް ވީޑިއޯއެއްގައި ކަރަން، ޔާޝް ކައިރިން އަހަނީ އޭނާގެ "ކުޗް ކުޗް ހޯތާ ހޭ" ބަލާނަންތޯ އެވެ. ރައްދުގައި ތިން އަހަރުގެ ކުއްޖާ ބުނަނީ އެއީ ވަރަށް ފޫހި ފިލްމެއް ކަމަށެވެ. މީ ވީޑިއޯ ކަރަން ޕޯސްޓްކުރީ ކެޕްޝަނަނަށް "އިތުރު ކްރިޓިކެއް" ޖަހައިފަ އެވެ. ކަރަންގެ އަލަތު ޑައިރެކްޝަން ފޫހި ވާހަކަ ބުނުމުން އޭނާގެ ހިނިގަނޑު ފަޅައިގެން ވެސް ދެ އެވެ.
އެހެން ވީޑިއޯއެއްގައި ފެންނަނީ ކަރަންގެ ގަދަ ފިޔާތޮޅި ކުލައިގެ ބޫޓެއް ޔާޝް ނަގައިގެން އުޅެނިކޮށެވެ. އެއީ ކާކުގެ އެއްޗެއްތޯ އެހުމުން ޔާޝް ބުނަނީ އެއީ ރޫހީގެ ބޫޓެއް ކަމަށެވެ.
އެހެންވެ ވީޑިއޯގައި ރޫހީ ފެންނަނީ ކަރަން މި އަހަރުގެ ފިލްމުފެއާ އެވޯޑްސްގައި ލީ ރަތް ކުލައިގެ ކޯޓް ހިފައިގެން ހުއްޓަ އެވެ. ހެދުންތަކަށް ކުދިން ޖޯކް ޖަހާތީ ކަރަން ބުނަނީ އޭނާގެ "ފެޝަން ސެންސް" މިހާރު ބަދަލުކުރަންވެއްޖެ ކަމަށެވެ.
އެހެން ވީޑިއޯއެއްގައި ކަރަން 2016 ގައި ގެނެސްދިން ފިލްމު "އޭ ދިލް ހެ މުޝްކިލް" ގެ ލަވައެއް ކަމަށްވާ "ޗަންނަމެރެޔާ" ކިޔައި ދިނުމުން ކުދިން ބުނަނީ އޭނާ ލަވަކިޔާ ގޮތް އެއްގޮތަކަށް ވެސް ކަމުނުދާ ކަމަށެވެ. އަދި އެކަމާ ހީހީފައި ކަރަން މަންމަ ގާތުން ސުވާލުކުރުމުން ހިރޫ ބުނަނީ އޭނާގެ ބައްޕަ ޔާޝް ޖޯރަކީ ވެސް ލަވަކިޔައި އުޅުނު މީހެއް ނޫން ކަމަށެވެ.
އެކަމަކު ބައްޕަ އަށް ވުރެ ކަރަން ތަންކޮޅެއް ރަނގަޅު ކަމަށް ބުނެ އެވެ.
އެހެން ވީޑިއޯއެއްގައި ޔާޝް މާމަ ދެކެ ރުޅި އައިސްގެން އުޅެނީ ކީއްވެތޯ ކަރަން އެހުމުން ހީރޫ ބުނަނީ އޭނާގެ އިސްތަށިގަނޑަށް އަތްލާތީ އެކަމާ ނުރުހިގެން އެއްޗެއް ބުނުމުން ކަމަށެވެ.
އަދި ހީރޫ ސްޓްރޯބެރީއަކާ ވައްތަރުތޯ ރޫހީ ކައިރީ އެހުމުން ބުނަނީ މާމަ ވައްތަރީ ފައިދިގު މަކުނަކާ ކަމަށެވެ. އެހެން ވީޑިއޯއެއްގައި އިނގިރޭސި ލަވަކިޔުންތެރިޔާގެ މިކް ޖެގާގެ ފޮޓޯ ދައްކާފައި އެއީ ޝާހްރުކް ޚާން ކަމަށް ޔާޝް ބުނާ ވީޑިއޯއަކާއި ކޮރޯނާވައިރަސް ނައްތައިލެވޭނީ އަމީތާބް ބައްޗަނަށް ކަމަށް ބުނާ ވީޑިއޯއެއް ވެސް ހިމެނެ އެވެ.
ކަރަންގެ އިންސްޓަގްރާމުން މިކަހަލަ ކިތަންމެ މަޖާ ވާހަކަތަކެއް އެބަހުއްޓެވެ.
ލޮކްޑައުނާ ހެދި ފޫހިފިލުވަން ކަރަން އާއި ދެ ކުދިންނާއި މަންމަ ގޭގައި ތިބެގެން ހިންގާ މުއާމަލާތްތަކުގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންދާ އިރު، ވަރަށް ގިނަ ފިލްމީ ތަރިން ވެސް ޕޯސްޓްތަކަށް ކޮމެންޓްކުރަމުންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޒްކާރޓް
13 April 2020
ލުކްސް ވެރީ ފޭކް. ވެރީ ޓެރިބްލް އެކްޓިންގ