24 އެޕްރީލް 2020 - 08:47
ކޮރޯނާވައިރަހާ ބެހޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން އާންމުކޮށްފައިވާ މައުލޫމާތުތަކާ ފުށުއަރާ ގޮތަށް އާންމުކުރާ ކޮންޓެންޓްތައް ޔޫޓިއުބުން ނަގާ ގޮތަށް ނިންމައިފި އެވެ.
ގޫގުލްގެ ދަށުން ހިންގާ ޔޫޓިއުބުން ބުނީ ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 މުޅި ދުނިޔޭގެ ހަލުވިކޮށް ފެތުރެން ފެށުމާ އެކު އެ ބައްޔާ ބެހޭ ގޮތުން ސައްހަ ނޫން އެތައް މައުލޫމާތެއް އެ ޕްލެޓްފޯމް މެދުވެރިކޮށް ފަތުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ބަލިން ފަސޭހަވާނެ ގޮތްގޮތް ކަމަށް ބުނެ ސައްހަ ނޫން މައުލޫމާތުތައް ދައުރުކުރާ މައްސަލަ ވަކިން ބޮޑު ކަމަށް ބުންޏެވެ.
އެހެންވެ މިކަމާ ދެކޮޅަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެފަދަ ވީޑިއޯތައް ވަގުތުން ނަގާނެ ކަމަށް ބުންޏެވެ.
YouTube CEO Susan Wojcocki says users are using the platform during the coronavirus crisis.
— Reliable Sources (@ReliableSources) April 19, 2020
It started with basic information but now users “want to know about life under quarantine... like exercise at home. How do I fix my freezer? How do I give myself a haircut.” pic.twitter.com/p8jxTUBRte
މިކަމާ ބެހޭ ގޮތުން ޔޫޓިއުބްގެ ޗީފް އެކްޒެކެޓިވް ސޫޒަން ވިޗިސްކީ ސީއެންއެންގެ "ރިލައިބަލް ސޯސް" އަށް ވިދާޅުވީ ކޮވިޑް-19 އިން ފަރުވާ ލިބޭ ކަމަށް ބުނެ ޔޫޓިއުބްގައި އާންމުކުރާ ކޮންޓެންޓްތަކާ މެދު ވަރަށް ކަންބޮޑުވާ ކަމަށެވެ. އެހެންވެ އެފަދަ މައުލޫމާތުތައް ބަރޯސާނުވާން އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
"މިސާލަކަށް އެބަހުރި ވިޓަމިން ސީ ބޭނުންކުރުން އިތުރުކުރާށޭ. ނުވަތަ ރީނދޫ ގިނަގިނައިން ބޭނުންކުރާށޭ ބުނެ މައުލޫމާތުތައް ހިއްސާކޮށްފައި. އެކަމަކު މިފަދަ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް. އަދި މިއީ ޑަބްލިއުއެޗްއޯ ވެސް ލަފާ ދޭ ކަންކަމެއް ނޫން،" ސޫޒަން ވިދާޅުވި އެވެ. "އެހެންވެ މި ބާވަތުގެ މައުލޫމާތުތައް ކުރިއަށް އޮތް ތަނަކު ޔޫޓިއުބަކު ނުބަހައްޓާނެ. އަދި މިއީ އަހަރެމެންގެ ޕޮލިސީތަކާ ވެސް ހިލާފުކަމެއް. ވަރަށް ސީރިއަސްކޮށް އަހަރެމެން މިކަން ނަގަނީ."
އޭނާ ވިދާޅުވީ ކޮރޯނާވައިރަހާ ދިމާކޮށް މައުލޫމާތު ހޯދަން ޔޫޓިއުބް ބޭނުންކުރާ ނިސްބަތް 75 ޕަސަންޓް އިތުރުވެފައިވާކަން ވެސް ފާހަގަކުރެވެ އެވެ. އެކަމަކު މި ދަނޑިވަޅުގައި ވައިރަހާ ގުޅޭ ގޮތުން ބަރޯސާވާންވީ ސީދާ ޑަބްލިއުއެޗްއޯ އާއި އެމެރިކާގެ ސެންޓަ ފޯ ޑިޒީސް ކޮންޓްރޯލް (ސީޑީސީ) ފަދަ ތަންތަނުން ދޭ އިރުޝާދުތަކަށް ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy