ފޭސްބުކް ވީޑިއޯ ކޯލަށް 50 މީހުންގެ ޖަމާއަތެއް

ކޮރޯނާވައިރަހާ އެކު މިހާރު އުޅެން ޖެހިފައިވާ އިޖުތިމާއީ ދުރުކަމުގެ ތެރޭގައި، މިހާރު މީހުންނަށް އެއްތަންވެވެނީ އޮންލައިންކޮށް ނުވަތަ ވާޗުއަލްކޮށެވެ. މިއާ އެކު މިފަދަ ވަސީލަތްތަކުގެ ބޭނުން ހިފާ މިންވަރު ވެސް އަންނަނީ އިތުރުވަމުންނެވެ. ހާއްސަކޮށް އެެއްފަހަރާ ގިނަ މީހުންނަށް ބައްދަލުކޮށްލެވޭ ކަހަލަ އެޕްތަކަށް މިހާރު ގިނަ މީހުން ދޭ ސަމާލުކަން ބޮޑެވެ.


އެގޮތުން ފޭސްބުކްގެ ދަށުން ހިންގާ ވަޓްސްއެޕްގެ ވީޑިއޯ ކޯލްގައި ބައިވެރިވެވޭ މީހުންގެ އަދަދު މިހާރު 4 އިން 8 އަށް އިތުރުކޮށްފައިވާ އިރު، ފޭސްބުކް ވީޑިއޯ ކޯލަށް ވެސް ވަނީ ބޮޑު ޖަމާއަތެއް ގެނެވޭ ގޮތް ހަދައިފަ އެވެ. ހުކުރު ދުވަހު އިނގިރޭސިވިލާތުގައި ފުރަތަމަ ފަހަރަށް ބައެއް ކަސްޓަމަރުންނަށް ތައާރަފުކުރި ފޭސްބުކް މެސެންޖާ ރޫމްސް އަށް މިހާރު 50 މީހުންނަށް ވަދެވޭނެ އެވެ.

މާކް ޒަކަބާގްގެ ފޭސްބުކުން ބުނީ މި ވަގުތު އެ ފީޗާ ލިބެމުން އަންނަނީ އިނގިރޭސިވިލާތުގެ ބައެއް މީހުންނަށް ކަމަށް ވިޔަސް، ވަރަށް އަވަހަށް ފޭސްބުކްގެ ހުރިހާ އަހުލުވެރިންނަށް ފީޗާ ދޫކޮށްލާނެ ކަމަށެވެ. އަދި އޭގެ ތައްޔާރީތައް ކުރިއަށްދާ ކަމަށް ބުންޏެވެ.

މެސެންޖާ ރޫމްސް އަށް 50 މީހުންނަށް ވަދެވޭ ގޮތަށް ހަދާފައި ވަނީ މި ފީޗާ ދޫކޮށްލަން ކުރިން ރާވައިގެން ތިބި މުއްދަތަށް ވުރެ މާ ކުރިންނެވެ. ސަބަބަކީ ކޮރޯނާވައިރަހާ ހެދި ގައުމުތައް ލޮކްޑައުންކޮށް، މީސްމީހުން ގޭތެރޭގައި ބަންދުވެފައި ތިބެމން ޖެހިފައިވާތީ އެވެ.

މެސެންޖާ ރޫމްސް ފަރުމާކޮށްފައި ވަނީ އެ ފީޗާ ހުޅުވާފައި އިންނަ އިރު، ވީޑިއޯ ޗެޓް ގްރޫޕާ "އިން އެންޑް އައުޓް" ވެވޭ ގޮތަށެވެ.

ފޭސްބުކްގެ ނިއުޒް ފީޑްގެ ވައިސް ޕްރެޒިޑެންޓް ޖޯން ހޭޖްމަން ވިދާޅުވި ގޮތުގައި އެ ޕްލެޓްފޯމްގެ އަމާޒަކީ ފިޒިކަލީ އެކަކު އަނެކަކު ބައްދަލުވާ އިރު ކުރެވޭ ކަހަލަ އިހުސާސްތަކެއް ވީޑިއޯ ކޮންފަރެންސްގެ ތެރެއިން ގެނެސްދިނުމެވެ. އެހެންވެ އެފަދަ އެހެން ޕްލެޓްފޯމްތަކާއި މެސެންޖާ ރޫމްސް އިން ތަފާތުތަކެއް އިހުސާސްކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ސީދާ ފޭސްބުކާއި މެސެންޖާ މެދުވެރިކޮށް ޗެޓް ރޫމްތައް ހެދޭ އިރު، އެ މީހަކު ހުންނަ ތަނެއްގެ 360 ޑިގްރީ ވިއު އަސްލާ އެއްގޮތަށާއި އާގްމެންޓް ރިއަލިޓީ ފިލްޓާތަކާ އެކު ވެސް ދައްކައިލެވޭނެ އެވެ.

"އަހަރެމެން މިހާރު އެބަ ވިސްނަން މި ފީޗާ އިންސްޓަގްރާމާއި ވަޓްސްއެޕަށް ގެންނަން ވެސް." ޖޯން ވިދާޅުވި އެވެ.