ޓްވިޓާގެ މުވައްޒަފުންނަށް އަބަދު ގޭގައި މަސައްކަތްކުރެވޭ ގޮތަށް ހަމަޖައްސައިފި

ކޮރޯނާވައިރަހާ އެކު ކުރިމަތިވި ގޭގައި ތިބެގެން މަސައްކަތްކުރަން ޖެހޭ ޓްރެންޑާ އެކު ޓްވިޓާގެ މުވައްޒަފުންނަށް އަބަދު ވެސް ގޭގައި ތިބެގެން މަސައްކަތްކުރަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.


އެ ކުންފުނީގެ ވެރިިޔާ ޖެކް ޑޯޒީ މިކަން އިއުލާންކުރީ އަންގާރަ ދުވަހު އެވެ. އޭނާ ވިދާޅުވީ މުވައްޒުން ކުރިއަށް އޮތް ތަނުގައި އޮފީސްތަކަށް ނުކުމެ މަސައްކަތްކުރަން މަޖުބޫރު ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ހުރިހާ މުވައްޒަފުންނަށް "ފޯއެވާ" ގޭގައި މަސައްކަތްކުރެވޭނެ ކަމަށް ބުންޏެވެ.

ޓްވިޓާ އިން ވަނީ މި އަހަރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި، އެންމެން އެއްވެގެން ބާއްވާ އެއްވެސް އިވެންޓެއް ވެސް އަދި އަންނަ އަހަރުގެ ނިޔަލަށް މުވައްޒަފުންކުރަން ޖެހޭ އެއްވެސް ރަސްމީ ދަތުރެއް ވެސް ނުކުރާ ގޮތަށް ނިންމައިފަ އެވެ.

ޓްވިޓާ އަކީ ކޮރޯނާވައިރަހާ އެކު ކުރިމަތިވި ލޮކްޑައުންތަކާ އެކު މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތްކުރުުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވައިލި މަޝްހޫރު ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެވެ.

މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުން ދާއިމީ އުސޫލަކަށް ހަމަޖެއްސުމާ ގުޅިގެން ޓްވިޓާގެ ތަރުމާނު ބުނީ އޮފީހަށް ނުކުމެ މަސައްކަތްކުރަން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ. އެކަމަކު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން އެ ފުރުސަތެއް ނޯންނާނެ ކަމަށާއި އޭގެ ފަހުން އޮފީސްތައް ހުޅުވާނީ ވެސް ކޮވިޑް-19 އިން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކަކާ އެކީގައި ކަމަށެވެ.

ޓްވިޓާ އިން ބުނީ ކޮރޯނާވައިރަހާ އެކު ކުރިމަތިވި މި ހާލަތާ އެކު އެނގިގެން ދިޔައީ ގޭގައި ތިބެގެން ވެސް ވަރަށް ރަނގަޅަށް މަސައްކަތްކުރެވިދާނެ ކަމާއި މީގެ ސަބަބުން އުދެއްދުންތެރިކަމަށް ނޭދެވޭ އަސަރެއްނުކުރާ ކަމެވެ. އަދި ގޭގައި ތިބެގެން މަސައްކަތްކުރުމުގެ އުސޫލަކީ ދުނިޔޭގެ ވަޒީފާގެ ބާޒާރުން ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެ ވަރަށް ބޮޑު ބަދަލެއް ކަމަށް ގަބޫލުކުރާ ކަމަށް ވެސް ބުންޏެވެ.

ޓްވިޓާގެ ސީއީއޯ ޖެކް ޑޯޒީ.

ޓްވިޓާ އިން ބުނީ އެ މީހަކު ހުރި ތަނެއްގައި ހުރެގެން މަސައްކަތްކުރުމުގެ އުސޫލަކީ ކުރިއަށް އޮތް ތަނުގައި ކުންފުނިން ވަރަށް ބޮޑަށް ހިތްވަރުދޭނެ ކަމަށެވެ. އަދި މި ގޮތަށް މަސައްކަތްކުރަން ޖެހުނަސް މުވައްޒަފުންނާއި މެނޭޖްމަންޓާއި އަދި ދޭދޭ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ވެސް ހަމަ ކުރިއެކޭ އެއްގޮތަށް ދަމަހައްޓަން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް ބުންޏެވެ.

މީގެ 14 އަހަރު ކުރިން 2006 ގައި ވުޖޫދަށް އައި ޓްވިޓާގައި 5000 އާ ގާތްކުރާ އަދަދަކަށް މުވައްޒަފުން މަސައްކަތްކުރެ އެވެ. ޓްވިޓާ އަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ސޯޝަލް ޕްލެޓްފޯމެވެ. އެ ބޭނުންކުރާ މީހުންގެ އަދަދު 321 މިލިއަނަށް އަރަ އެވެ.