އުރަމަތީ ކެންސަރުގެ ވޭނާ ދެކޮޅަށް ކުރާ ކަމަކީ ސްކޭޓްކުރުން

ބޮޑު ބައްޔަކާ ހަނގުރާމަކުރަން ޖެހުމަކީ ދިރިއުޅުން ހުއްޓުމެއް ނޫނެވެ. ބޭނުންވަނީ އާ ހިތްވަރަކާއި އާ ޖޯޝަކާ އެކޯ ދިރިއުޅުމުގެ ދަތި ހާލަތުން ވެސް އަރައިގަތުމެބެ. ތައިލެންޑް މީހެއް ކަމަށްވާ އުމުރުން 63 އަހަރުގެ މި އަންހެން މީހާގެ ފަރާތުން ފެންނަނީ ކަންކަމާ ކެރިގެން ކުރިމަތިލާން ޖެހޭ ކަމުގެ މުހިއްމުކަމެވެ.


ބެންކްކޮގައި ދެ ދަރިންނާ އެކު ދިރިއުޅެމުން އަންނަ ނޮންގްލަކް ޝެރޫޓިޗާއީ އަށް އުރަމަތީގެ ކެންސަރު ޖެހުނީ މީގެ 10 އަހަރު ކުރިންނެވެ. އޭގެ ފަހުން އަންނަނީ ފަރުވާ ހޯދަމުންނެވެ. ވަރުބަލިކަމެއް، ފޫހިކަމެއް އަދި ޝަކުވާއެއް ނެތެވެ. ބައްޔާ ހަނގުރާމަކުރަން އޭނާ ހިތްވަރު ހޯދަނީ ސްކޭޓްކޮށްގެންގެންނެވެ. މިއީ މިހާރު ނޮންގްލަކްގެ ޕެޝަނެވެ. އޭނާ ހަމައެކަނި ބެންކޮކްގެ މަގުތަކުގައި ސްކޭޓްކުރަނީކީ ނޫނެވެ. ނޮންގްލަކް އަކީ މިހާރު ތައިލެންޑްގެ ގައުމީ ލޯންގްބޯޑް ޓީމްގެ ހިމެނޭ އެންމެ ދުވަސްވީ މީހާ ވެސް މެ އެވެ. ޓީމަށް އޭނާ ކޮލިފައިވީ މިދިޔަ އަހަރު އެވެ.

"އަހަރެންގެ ހިތްވަރަކީ، އުފަލަކީ އަދި ހިތްހަމަޖެހުމަކީ މިހާރު ސްކޭޓްކުރުން،" ޖިއަބްގެ ވަނަމުން މަޝްހޫރުވެފައިވާ ނޮންގްލަކް ބުންޏެވެ. "މިކަމުގެ ތެރޭގައި އުޅޭ އިރު އަހަންނަކަށް އިހުސާސެއް ނުކުރެވޭ ބަލި މީހެއް ކަމަކަށް."

އޭއެޕްޕީ އަށް ދިން އިންޓަވިއެއްގައި އޭނާ ބުނީ ސްކޭޓްކުރުން "ވަރަށް މަޖާ" ކަމަށެވެ.

"ފަށައިގަތް ދުވަސްކޮޅު ވަރަށް ޖެހިލުންވި. އެކަމަކު މިހާރު މިއީ އަހަރެންގެ ދިރިއުޅުން،" ނޮންގްލަކް ބުންޏެވެ. "ސްކޭޓްކުރާ އިރު އަހަންނަށް އިހުސާސްކުރެވެނީ ހަށިގަނޑުގެ ބާރުގަދަވެ، ދުޅަހެޔޮވާކަން. އަދި މިކަމަށް އަހަރެން މިހާރު ވަނީ ދެވިހިފާފައި."

އޭނާ ކިޔައިންދިން ގޮތުގައި ސްކޭޓްކުރަން ފެށުނީ ދަރިއަކު އެކަން ކުރާ ތަން ފެނިގެން އުފެދުނު ޝައުގުވެރިކަމެއްގެ ތެރެއިންނެވެ. މިހާރު އުމުރުން 37 އަހަރުގެ ދަރިފުޅު މަންމައާ ބެހޭ ގޮތުން ބުނީ ސްކޭޓްކުރަން ދަސްކުރަން ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވެ މަންމަގެ ކޮންފިޑެންސް ލެވެލް އިތުރެ، އުމުރުން ދުވަސްވެފައި ހުއްޓަސް މިކަން ވެދާނެކަން ގަބޫލުކުރި ކަމަށެވެ.

"އަބަދުވެސް މަންމަގެ އެންމެ ހާއްސަ އެއް ސިފަ އަކީ ވަރަށް އެޑްވެންޗަރަސް މީހަކަށްވުން،" ދަރިފުޅު ބުންޏެވެ. "އާއިލާ އަބަދު ވެސް މަންމަ އަށް ވަރަށް ސަޕޯޓިވް މިކަހަލަ ކަންކަމުގައި."

ތައި ނެޝަނަލް ލޯންގްބޯޑް ޓީމްގެ ޑިރެކްޓަރު އަޕިޗަތު ރަޓްނިން ބުނިގޮތުގައި ނޮންގްލަކް އަކީ ފިސާރި އަންހެނެކެވެ.

"އޭނާ އަކީ އެތައް އަންހެނުންނަކަށް އިންސްޕިރޭޝަނެއް. ހާއްސަކޮށް އަންހެން ކުދިންނަށް." އޭނާ ބުންޏެވެ.

ގައުމީ ޓީމުން ޖާގަ ލިބުނު ނަމަވެސް ނޮންގްލަކް ބުނާގޮތުގައި ސްކޭޓްކުރުމަކީ އޭނާގެ އަމިއްލަ އުފަލަކަށް ކުރާ ކަމެކެވެ.

"އެވަރު އަހަންނަށް ފުދޭ." އޭނާ ބުންޏެވެ.