26 އޮކްޓޯބަރ 2020 - 08:32
އެމެރިކާގެ މަޝްހޫރު ހަފުތާ މަޖައްލާ "ޓައިމް" ގެ އެންމެ ފަހުގެ އަދަދު އެ މަޖައްލާގެ ތާރީހުގައި ވެސް މިހާތަނަށް ނަމާ ނުލައި ގެނެސްދޭން ނިންމައި ކަވަރު ދައްކާލައިފި އެވެ.
އަންނަ މަހު ބާއްވާ ރިއާސީ އިންތިހާބާ ގުޅުވައިގެން ނެރޭ އަދަދުގެ ނަަމަކަށް އިނީ "ޓައިމް" ގެ ފޮންޓް އިންނަ ގޮތަށް "ވޯޓް" އެވެ. މިއީ 1923 ގައި އެ މަޖަލައްލާ ނެރެން ފެށި ފަހު ނަން ނުޖަހައި ނެރޭ ފުރަތަމަ އަދަދެވެ.
އެމެރިކާގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ އިންތިހާބެއްގެ ގޮތުގައި އަންނަ މަހު ބާއްވާ އިންތިހާބު ފާހަގަކުރެވޭ އިރު އެކަމާ ގުޅުވައިގެން ނެރޭ "ޓައިމް" ގެ ކަވަރުގައި ޖަހާފައި އިނީ "ވޯޓް" ލިޔެފައި އިން ސްކާފެއް އަނގަމަތީގައި އަޅައިގެން އިންނަ އަންހެނެއްގެ ކުރެހުމެކެވެ. އަދި ކަވަރުގެ މައި ސުރުޚީ އަކީ "ޓައިމް ސްޕެޝަލް ރިޕޯޓް" އެވެ.
ކަވަރުގައި ހިމަނާފައިވާ ކުރެހުމަކީ 2008 ގެ ރިއާސީ އިންތިހާބުގައި އޭރު ވާދަކުރެއްވި ބަރަކް އޮބާމާގެ ކެމްޕޭނަށް "ހޯޕް" ގެ ނަމުގައި ޕޯސްޓަރެއް ހެދި ގްރެފިކް އާޓިސްޓް ޝެފާޑް ފައިރީގެ ކުރެހުމެކެވެ.
އެމެރިކާގެ ރިއާސީ އިންތިހާބުގެ މި ފަހަރުގެ މައި ކެންޑިޑޭޓުންނަކީ ދެވަނަ ދައުރަކަށް ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕާއި ކުރީގެ ނައިބު ރައީ ޖޯ ބައިޑަން އެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި އެމެރިކާގެ މި އަހަރުގެ އިންތިހާބު އެންމެ ހާއްސަވާ މައިގަނޑު ސަބަބަކީ އެ ގައުމުގެ ތާރީހުގައި ވެސް މިހާތަނަށް ވެރިކަމަށް ވަޑައިގެންނެވި އެންމެ ކަމުނުދާ ރައީސްގެ ގޮތުގައި ފާހަގަކުރާ ޓްރަމްޕަށް ދެވަނަ ދައުރެއް ނުދިނުމަށް ގިނަ ރައްޔިތުން ބޭނުންވުމެވެ.
އެމެރިކާގެ ތާރީހު ބަދަލުކުރަން ގިނަ ބަޔަކު ނުކުމެ ވޯޓް ދިނުމަށް، ނުފޫޒުގަދަ "ޓައިމް" އިން ވެސް ހިތްވަރު ދީފައިވާ އިރު، އެ މަޖައްލާގެ ކަވަރަށް މިހާތަނަށް ޓްރަމްޕް 20 ފަހަރެއްގެ މަތިން އަރާފައިވެ އެވެ. އެއީ އޭނާ ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން ގެންގުޅުއްވާ ސިޔާސަތުތަކާ ދެކޮޅަށް ފާޑުކިޔުމުގެ ގޮތުންނެވެ.
"ޓައިމް" އެންމެ ފަހުގެ އަދަދު ވިއްކަން ފަށާނީ އަންނަ ހުކުރު ދުވަހު އެވެ. އެމެރިކާގެ ރިއާސީ އިންތިހާބު އޮންނާނީ އަންނަ މަހުގެ 3 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy