ނިއު ޒީލެންޑަކީ 2015 އަންނައިރު ދުންފަތުގެ އިސްތިއުމާލުނުކުރާ ގައުމަކަށް ހަދަން ނިންމައި 2004 ގެ ފަހުން އުފަންވެފައިވާ މީހުންނާ އެކު ސިނގިރެޓާއި ދުންފަތާ ގުޅުން ހުރި އެއްވެސް މުއާމަލާތެއް ހިންގުން މަނާކުރާ ގޮތަށް ދުންފަތާ ބެހޭ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅައިފި އެވެ.

މި ބިލް ހުށަހަޅާފައި ވަނީ 2025 އަންނަންވާ އިރަށް ނިއު ޒީލެންޑަކީ ދުންފަތުގެ އިސްތިއުމާނުކުރާ ގައުމަކަށް ހަދަން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެކަމާ ގުޅުން ހުރި ގާނޫތަކަށް ގެންނަން ނިންމާފައިވާ އިސްލުތާތަކާ އެކީގަ އެވެ. އެ ބިލަށް އިސްލާހުތަކެއް ހުށަހެޅުއްވި ބޭފުޅުންގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހަށް މިދިޔަ އަހަރު އިންތިހާބުވަޑައިގަތް އަދި ނިއު ޒީލެންޑްގެ އެސޯސިއޭޓް ހެލްތު މިނިސްޓަރު ޑރ. އައިޝާ ވެރާލް ހިމެނިވަޑައިގަންނަވަ އެވެ.

ނިއު ޒީލެންޑަކީ ދުންފަތުން ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް އައިޝާ ހުށަހެޅުއްވި އިސްލާހުގެ ވާހަކަ އޭނާ ޓްވިޓާގައި ވެސް ހިއްސާކުރައްވާފައިވެ އެވެ. އޭގައި އޭނާ ވިދާޅުވީ ދުންފަތުގެ ސަބަބުން އެ ގައުމުން އަހަރެއްގެ މައްޗަށް ގާތްގަނޑަކް 5،000 މީހުން މަރުވާ ކަމަށާއި ދުންފަތާ ދެކޮޅަށް ކުރެވޭ މަސައްކަތަކީ ގައުމީ ފެންވަރުގައި ކުރެވޭ ބޮޑު މަސައްކަތަކަށް ހަދަން ޖެހޭ ކަމަށެވެ.

އައިޝާ ވިދާޅުވި ގޮތުގައި އޭނާގެ ހުށަހެޅުމުގައި ދުންފަތަކީ ދެވިހިފާ އެއްޗެއް ކަމަށް ކަނޑައެޅުމާއި ފަސޭހަ އިން ގަނެވޭ އެއްޗަކަށް ނުހެދުމާއި އަދި އާންމުންނަށް ވިއްކުމުގައި ހަރުކަށި އުސޫލުތަކެއް އެކުލަވާލުން ހިމެނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ނިއު ޒީލެންޑްގެ މިހާރުގެ ޖީލާއި ކުރިއަށް އޮތް ޖީލު ވެސް ދުންފަތުން ރައްކާތެރިކުރެވޭނީ މިހާރުން މިހާރަށް ހަރުދަނާ ދެމެހެއްޓެނިވި ފިޔަވަޅުތަކެއް އަޅައިގެންނެވެ.

"ދުންފަތުގެ އިސްތިއުމާކުރާ މީހުންގެ ހަތްދިހަ ޕަސަންޓް އެކަމާ ދުރުވާން ވެސް މަސައްކަތްކުރޭ. އެކަމަކު އެޑިކްޓްވުމުގެ ސަބަބުން އެއީ ގޮންޖެހުމަކަށްވޭ،" އައިޝާ ވިދާޅުވި އެވެ. "އެހެންވީމަ މީގައި ފޯކަސް އެބަކުރަން ޖެހޭ ވަކިވަކި ފަރުދުން ދުންފަތާ ދުރުކުރުމަށް ވުރެ ބޮޑަށް ގިނަ ބަޔަކު ދުންފަތާ ދުރުކުރެވޭނެ ގޮތްތަކެއް ހޯދަން."

ދުންފަތާ ދެކޮޅަށް ނިއު ޒީލެންޑުން ކުރާ މަސައްކަތަށް އެކުލަވާލައިފައިވާ "ސްމޯކް ފްރީ އައުޓޭރޯ (ނިއު ޒީލެންޑް) 2025 އެކްޝަން ޕްލޭން" އަށް އާންމުންގެ ހިލާޔު ހޯދަން ވެސް ވަނީ ހުޅުވާލައިފަ އެވެ. އެ ފުރުސަތު އަންނަ މަހުގެ 31 އާ ހަމައަށް އޮންނާނެ އެވެ.

"ޕްލޭން ފައިނަލްކުރާނީ އާންމުންގެ ފަރާތުން ލިބޭ ހިޔާލުތަކަށް ވެސް ބިނާކޮށް. އަދި އެކްޝަން ޕްލޭނަށް ކެބިނެޓްގެ ރުހުން ހޯދާނެ." އައިޝާ ވިދާޅުވި އެވެ.