ބެން އެންޑް ޖެރީސްގެ އައިސް ކްރީމް ތަށިތަކަކާ އެކު ބަޔަކު.
23 ޖުލައި 2021 - 07:50
އައިސް ކްރީމް އުފައްދާ ބެން އެންޑް ޖެރީސްގެ އައިސް ކްރީމް އިޒްރޭލުގައި އުފައްދައި، ވިއްކުން ހުއްޓައިލަން އެ ކުންފުނިން ނިންމައިފި އެވެ.
މިގޮތަށް ނިންމީ އިޒްރޭލުން ހުޅަނގު އައްސޭރީން ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތަކުގެ މައްސަލާގައި ބެން އެންޑް ޖެރީސް އިން ފަލަސްތީނާ އެކުގައި އޮތްކަމާއި އިޒްރޭލުގެ އަނިޔާވެރި އަމަލުތަކާ ދެކޮޅުކަން ހާމަކޮށް ދިނުމުގެ ގޮތުންނެވެ.
ދެހާސް ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުގެ ޔުނިލީވާގެ ދަށުން ހިންގަމުން އަންނަ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެ ނިންމުމަކީ ކުންފުނީގެ ފޭނުންނާއި ކުންފުންޏާ އެކީގައި ތިބި ވިޔަފާރި ޕާޓްނަރުންގެ ވެސް ވިސްނުން ކަމަށެވެ. އެހެންވެ އިޒްރޭލުގައި ބެން އެންޑް ޖެރީސްގެ އައިސް ކްރިމް އުފައްދައި، ޑިސްޓްރިބިއުޓްކުރަން ހަދާފައި އޮތް އެއްބަސްވުން މި އަހަރުގެ ނިޔަލަށް ހަމަވުމުން އެ އާ ނުކުރާނެ ކަމަށް ބުންޏެވެ.
Ben & Jerry’s will end sales of our ice cream in the Occupied Palestinian Territory. Read our full statement: https://t.co/2mGWYGN4GA pic.twitter.com/kFeu7aXOf3
— Ben & Jerry's (@benandjerrys) July 19, 2021
"ފަލަސްތީނުގެ ބިންތައް ގަދަކަމުން ފޭރިގަނެގެން އިޒުރޭލުން އުޅުމަކީ އަހަރެމެން ގަބޫލުކުރާ ކަމެއް ނޫން،" ބެން އެންޑް ޖެރީސްގެ ބަޔާނުގައި ބުންޏެވެ. "އެހެންވެ އުސޫލު އަހަރެމެން ގަބޫނުކުރާތީ، އިޒްރޭލާ އެކު ހަދާފައި އޮތް އެއްބަސްވުން ބަދަލުކުރަން ވިސްނާތާ ވެސް އެތައް ދުވަހެއްވެއްޖެ. އެހެންވެ މި އަހަރުގެ ފަހުކޮޅު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ އާނުކުރަން ވާނީ ނިންމާފައި."
މި ނިންމުމަށް އިޒްރޭލުގެ ބޮޑުވަޒީރު ނަފުތާލީ ބެނެޓާއި ސަރުކާރުގެ ބައެއް މިނިސްޓަރުން ފާޑު ވިދާޅުވެފައިވެ އެވެ.
ނަފުތާލީ.
"އެއީ ހަމަ އާއި އުސޫލުތަކުން ބަލާއިރު ވެސް ގޯސް ނިންމުމެއް. އަދި ނިންމުމަކީ ގޯހެއްކަން މާލީ ގޮތުން ވެސް ހާމަވެގެން ދާނެ،" ބޮޑުވަޒީރު ވިދާޅުވި އެވެ.
ބެން އެންޑް ޖެރީސްގެ ވިޔަފާރި އިޒްރޭލުގައި ހުއްޓައިލަން ނިންމި އިރު، އެތަނުގައި އެ ކުންފުނީގެ ދެ "ސްކޫޕް ޝޮޕް" ހިންގަ އެވެ.
ބެން އެންޑް ޖެރީސް އަކީ 1978 ގައި އެމެެރިކާގައި އުފެދުނު ކުންފުންޏެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގެދާނޯމޮސް
24 July 2021
ޕަލަސްތީނަކީ - ނަސްރު ލިބޭނެ ބަޔެކެވެ.
އަލްޖިބްރާ
23 July 2021
ތިޔަ އިޒްރޭލުގެ އަނިޔާވެރިކަމާއި ދެކޮޅަށް ބެން އެންޑް ޖެރީޒް ގެ އުފެއްދުންތަށް އިޒްރޭލުގައި ހުއްޓާލިއަސް ވާނެ ގެއްލުމަށް ވުރެ ކުރާ ފައިދާ ބޮޑުވާނެ !
?♂️
23 July 2021
ރަގަޅު އެއްގޮތްވެސް ނެތް ދޮތޯ!
ކިރަން
23 July 2021
ވަރަށް އުފާވެރި ހަބަރެއް.