ލައިފްސްޓައިލް

"ސްކްއިޑް ގޭމް" ހެދުމުގެ ތެރޭގައި ޑައިރެކްޓަރުގެ ހަ ދަތް ގެއްލުނު

"ސްކްއިޑް ގޭމް" ގެ ދެވަނަ ސީޒަނެއް ވެސް ގެނެސްދޭނެ

12 އޮކްޓޯބަރ 2021 - 06:03

މިހާރު އެ ސީރީޒެއްގެ ވާހަކަ އެންމެ ބޮޑަށް ދެކެވޭ އެއްޗަކީ ދެކުނު ކޮރެއާގެ "ސްކްއިޑް ގޭމް" ވާހަކަ އެވެ. މިދިޔަ މަހު ނެޓްފްލިކްސް އިން ސްޓްރީމްކުރި ނުވަ އެޕިސޯޑްގެ ސީރީޒްގެ ޑައިރެކްޓަރު ހުވަންގް ޑޮންގް-ހީކް ބުނި ގޮތުގައި މިއީ ފަސޭހަ މަސައްކަތެއް ނޫނެވެ. އެކަމަކު އޭނާ ހުރީ ކުރިން އުންމީދު ވެސް ނުކުރާ ވަރުގެ ތަރުހީބެއް އެއަށް ލިބެމުން އަންނާތީ ވަރަށް އުފަލުންނެވެ.

"ސްކްއިޑް ގޭމް" ގެ ތަޖުރިބާގެ ވާހަކަ ސީއެންއެންއާ ހިއްސާ ކުރަމުން ހުވަންގް ބުނި އެންމެ ހައިރާންވި ވާހަކަ އަކީ މީގެ މަސައްކަތުގެ ތެރޭގައި "ސްޓްރެސްވެގެން" ގޮސް އަނގައިން ހަ ދަތް ގެއްލުނު ވާހަކަ އެވެ.

"ހަމަ އަސްލު ވެސް ވަރަށް ސްޓްރެސްފުލް މަސައްކަތަކަށް މި ސީރީޒް ވެގެން ދިޔައީ." އޭނާ ބުންޏެވެ.

"ސްކްއިޑް ގޭމް" އަކީ އޭނާ އަމިއްލަ އަށް ލިޔެ، ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓް ވެސް ކުރި އެއްޗެކެވެ. ހުވަންގް ކިޔައިދިން ގޮތުގައި މި ސީރީޒަކީ އޭނާ ކުޑައިރު ކުޅުނު ގޭމަކާއި އޭރު ކުރަން ޖެހުނު އަމިއްލަ ތަޖުރިބާތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްދިން އެއްޗެކެވެ. އަދި ސީރީޒްގެ މައިގަނޑު ދެ ކެރެކްޓާ ކަމަށްވާ ސިއަންގް ޖީ-ހޫން އާއި ޗޯ ސަންގް-ވޫ އަކީ ހުވަންގްގެ ކުޑައިރުން ފެށިގެން އެންމެ ގާތް ރައްޓެހިންގެ ނަންތަކެވެ.

"ހުރިހާ ގޮތަކުން ވެސް ބެލިޔަސް އަހަންނަށް ވަރަށް ހާއްސަ އެއްޗެއް ސްކްއިޑް ކަމަކީ. އަމިއްލަ ލިޔެ، ޕްރޮޑިއުސްކޮށް މިފަދަ އެއްޗެއް ޑައިރެކްޓް ކުރުމަކީ ހަމަ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫން،" އޭނާ ބުންޏެވެ. "ވަރަށް ޗެލެންޖިން އެތައް ކަމަކާ ދިމާވި މި ހެދުމުގެ ތެރޭގައި."

އެކަމަކު ބެލުންތެރިންނަށް ހުވަންގް ދޭ އުފާވެރި ޚަބަރަކީ "ސްކްއިޑް ގޭމް" ގެ ދެވަނަ ސީޒަނަކަށް ވެސް އޭނާ ތައްޔާރުވާ ވާހަކަ އެވެ.

"މީހާ މުޅިން ވަރުބަލިކޮށްލާ ކަހަލަ މަސައްކަތަކަށް ވިޔަސް މި ސީރީޒަކީ އަހަރެންގެ ލެއާ ގުޅިފައި އޮތް އެއްޗެއް،" ހުވަންގް ބުންޏެވެ. "އެހެންވެ އަނެއްކާ ވެސް ދެވަނަ ސީޒަނަކަށް ގުރުބާންވާން ޖެހުމަކީ އެއްވެސް މައްސަލައެއް ނޫން."

އޭނާ ބުނި ގޮތުގައި "ސްކްއިޑް ގޭމް" އަކީ އެތައް ފިލާވަޅެއް ވެސް ލިއްބައިދޭ އެއްޗެކެވެ. އަދި މިއީ ނާކާމިޔާބު މީހުންނާ ބޮޑަށް ރިލޭޓްވާ އެއްޗެއް ކަމަށް ބުންޏެވެ.

"ދިރިއުޅުމުގައި ހުރި އުނދަގޫތަކާއި ގޮންޖެހުންތައް އަސްލު މީގެ މައިގަނޑު ޕޮއިންޓަކީ. އެހެން ގޮތަކަށް ބުނާ ބުނާ ނަމަ ހާލުގައި އުޅޭ މީހުން އެތައް ތަކުލީފެއް އުފުލަން ޖެހޭ އިރު، ފުދިގެން އުޅޭ މީހުންގެ ފެންވަރު އެތައް ތަނެއް ކުރިއަރައިގެން ދާކަން މިއިން ހާމަކޮށް ދެނީ. އެކަމަކު މުހިއްމު ކަމަކީ އެންމެން ވެސް ފުދިގެން އުޅުން."

"ސްކްއިޑް ގޭމް" މުޅި ދުނިޔެގައި ވަކި ހިއްޕާލި އިރު 50 އަހަރުގެ ޑައިރެކްޓަރު މީގެ ކުރިން ވެސް އެތައް އުފެއްދުމެއް ގެނެސް ދީފައިވެ އެވެ. އޭގެ ތެރޭގައި އޭނާ ސްކްރީން ޕްލޭ ލިޔެ، ޕްރޮޑިއުސްކުރި މިދިޔަ އަހަރުގެ "ކަލެކްޓާޒް" އާއި ލިޔެ، ޑައިރެކްޓްކުރި 2017 ގެ "ދަ ފޯޓްރެސް" އާއި 2013 ގައި ޑައިރެކްޓްކުރި "މިސް ގްރެނީ" އަދި ލިޔެ، ޑައިރެކްޓްކުރި 2007 ގެ "މަ ފާދާ" ހިމެނެ އެވެ.

މި ފީޗާތަކުގެ ކުރިން ހުވަންގް މުޅިން ވެސް ހަދާފައި ހުރީ ކުރު ފިލްމުތެކެވެ. އަދި "ސްކްއިޑް ގޭމް" އާ އެކު އޭނާގެ ވިދުން މިހާރު ވަނީ އެތައް ގުނަ ގަދަކޮށްފަ އެވެ.

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454