17 އޮކްޓޯބަރ 2021 - 07:30
ބައްޕަގެ ކޮންޓްރޯލްގެ ދަށުން މިނިވަންވެ މިހާރު ހަމަނޭވާ ލައިގެން އަމިއްލަ މިނިވަންކަމާ އެކު ދިރިއުޅުމުގެ ފުރުސަތު ލިބުނަސް، ހަޔާތުގައި ދެން އިތުރު ގޯސްތަކެއް ހެދިދާނެތީ ބިރުގަންނަ ކަމަށް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީސް ސްޕިއާސް ބުނެފި އެވެ.
ދާދި ފަހުން ލޯބިވެރިޔާ ސާމް އަސްގަރީއާ އެންގޭޖްވެ، މިހާރު ކައިވެންޏަށް ވެސް ތައްޔާރު ވަމުން އަންނަ ފަންނާނު އިންސްޓަގްރާމްގައި ޕޯސްޓްކުރި ދިގު ބަޔާނެއްގައި ބުނީ ހަޔާތުގައި މިހާތަނަށް ވަރަށް ގިނަ ހިތްދަތި އެތައް ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެކަމަކު މިހާރު ހުރީ އެންމެ ބޭނުންވި ހާލަތުގައި ކަމަށާއި ބައްޕަ ޖެމީ ސްޕިއާސްގެ "ކޮންޒަވޭޓަޝިޕް" އިން މިނިވަންވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ބްރިޓްނީ ބުންޏެވެ.
"އެކަމަކު ދެން ވެސް ގޯހެއް ހެދިދާނެތީ އަހަރެން ބިރުގަނޭ." އޫޕްސް! އައި ޑިޑް އިޓް އެގެއިން ފަދަ ހިޓް ލަވަތައް ގެނެސްދިން ލަވަކިޔުންތެރިޔާ ބުންޏެވެ.
ބްރިޓްނީ ބުނި ގޮތުގައި ކާމިޔާބު މީހަކަށްވީ ވަރަށް ބުރަ މަސައްކަތުންނެވެ. އަދި އެކަމުން ލިބުނު އުފާތައް ވަރަށް ބޮޑު ކަމަށާއި ދެން ވެސް ބޭނުން ވަނީ އޮމާން ހަޔާތަކާ އެކު ކާމިޔާބު މީހެއްގެ ގޮތުގައި ދެމިހުންނަން ކަމަށް ބުންޏެވެ.
ބްރިޓްނީ ފާހަގަކުރި ގޮތުގައި އޭނާ އަށް ކުރިން އުނދަގޫ އެތައް ކަމަކާ ކުރިމަތިލާން ޖެހުނު އިރު އެންމެ ބޮޑު އެއް ޕްރެޝަރެއް ކުރިމަތިމަތިވީ މީޑިއާތަކާއި ޕަޕަރާޒިންގެ ފަރާތުންނެވެ. އެގޮތުން ޕަޕަރީން ފަހަތުން އުޅެން ހަދައިގެން އެތައް ތުރާލަކާ ކުރިމަތިލާން ޖެހުނު ކަމަށާއި ދެން އެފަދަ ކަމެއް ތަކުރާރުވާން ބޭނުން ނުވާ ކަމަށް ބުންޏެވެ.
"ކުރިން ދިމާވި ކަންކަން މާޒީ އަށް ދޫކޮށްލައި ދެން އަހަރެން ބޭނުން ވަނީ ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް. އެކަމަށް ދުއާ ވެސް ކުރާނަން" ދެ ދަރިން ތިބި ބްރިޓްނީ ބުންޏެވެ. "ދެން ކަންކަން ކުރާނީ ވަރަށް ވިސްނައިގެން ފަރުވާތެރިކަމާ އެކު."
އޭނާ ބުނީ ފޭނުންނަށް ދޭން އޮތް ޔަގީން ކަމަކީ މިއުޒިކް ދާއިރާ އިން ނުގެއްލޭނެ ކަމާއި ކުރިން ދިމާވި ކަންކަމާ ހެދި ކެރިއަރު އޮތީ އޮޅުންބޮޅުން ވެފައި ކަމަށެވެ. މިހާތަނަށް 9 ސްޓޫޑިއޯ އަލްބަމް ނެރެފައިވާ ބްރިޓްނީގެ، 39، ގެ އެންމެ ފަހުގެ އަލްބަމަކީ 2016 ގެ "ގްލޯރީ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސްޓީވް
18 October 2021
ދެން ބަހީ ބޭބެއާއި އެކު އިނދެގެން ރާއްޖޭގައި އުޅެން..