31 އޮކްޓޯބަރ 2021 - 07:13
ރައުސުލްމާލު އެންމެ ބޮޑު ކުންފުނިތަކުގެ ތެރެއިން އެޕަލް ފަހަތަށް ޖައްސާލުމަށްފަހު މައިކްރޮސޮފްޓް އެންމެ އަގުހުރި ކުންފުނީގެ މަގާމަށް ޖެހިލައިފި އެވެ.
މީޑިއާތަކުން ބުނީ މައިކްރޮސޮފްޓްގެ އަގު މިހާރު 2.49 ޓްރިލިއަން ޑޮލަރަށް އަރާ އިރު، އެޕަލްގެ ރައުސުލްމާލަކީ މިހާރު 2.46 ޓްރިލިއަން ޑޮލަރު ކަމަށެވެ.
މައިކްރޮސޮފްޓް ދެ ޓްރިލިއަން ޑޮލަރު ކުންފުންޏަކަށްވީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.
މީޑިއާތަކުން ބުނީ އެމެރިކާގެ ކުންފުނިތަކުގެ ތެރެއިން މީގެ ތިން އަހަރު ކުރިން އެންމެ ފުރަތަމަ އެއް ޓްރިލިއަން ޑޮލަރު ހަމަކޮށް، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ދެ ޓްރިލިއަނަށް އެރި އެޕަލް ކުންފުނި ފަހަތަށް ޖައްސާލައި، މައިކްސޮފްޓް އެ މަގާމު ހޯދީ އެޕަލްގެ ސަޕްލައި ޗޭނަށް ހުކުރު ދުވަހު އެރި ލޮޅުމާ އެކު ލިބުނު 6 ބިލިއަން ޑޮލަރުގެ ގެއްލުމާ ހެދި އެވެ. އަދި އެ ދުވަހު މައިކްރޮސޮފްޓްގެ ހިއްސާގެ އަގު ވެސް ބޮޑުތަނުން އުފުލި އާމްދަނީ އިތުރުވީ އެވެ.
Microsoft overtakes Apple to become the world’s most valuable company https://t.co/H5buOT7w2B pic.twitter.com/vgAL50wLrD
— The Verge (@verge) October 29, 2021
މައިކްރޮސޮފްޓަކީ މީގެ 46 އަހަރު ކުރިން 1975 ގައި ވުޖޫދަށް އައި ކުންފުންޏެކެވެ. އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 182,268 އަށް ވުރެ ގިނަ އެވެ.
ދެ ޓްރިލިއަންގެ އަގުހުރި ކުންފުނީގެ ގޮތުގައި މިހާރު އޮތީ ހަމައެކަނި މައިކްރޮސޮފްޓާއި އެޕަލް ކަމަށް ވިޔަސް، ޓްރިލިއަން ޑޮލަރަށް އަރާ ކުންފުނިތަކުގެ އަދަދު މިހާރު 7 އަށް އަރަ އެވެ. އެ ލިސްޓަށް އެންމެ ފަހުން އިތުރުވި ޓެސްލާއާ އެކު ދެން ހިމެނެނީ އެމެޒޯން އާއި ފޭސްބުކް ހިންގާ މެޓަ ޕްލެޓްފޯމްސް އިންކް އާއި ގޫގުލް ހިންގާ އަލްފަބެޓްގެ އިތުރުން ޕެޓްރޯ ޗައިނާ އެވެ.
ކުރިން ދެ ޓްރިލިއަން ޑޮލަރަށް އެރި ކުންފުނިތަކުގެ ތެރޭގައި ސައުދި އަރަބިއްޔާގެ ތެޔޮ ކުންފުނި، ސައުދީ އަރާމްކޯ ވެސް ހިމެނުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy