އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް މިއަދު ބޭއްވި އެފްއޭއެމްގެ ކޮންގްރެސް އަށް ފަހު މީޑިއާ އާ ވާހަކަ ދައްކަވަނީ --. ފޮޓޯ: ނިޝާން އަލ | /މިހާރު
06 ޖޫން 2022 - 22:39
އެފްއޭއެމްގެ މި އަހަރުގެ ބަޖެޓްގެ ގޮތުގައި 80 މިލިއަން ރުފިޔާ މިއަދު ބޭއްވި ކޮންގްރެސްގައި ފާސްކޮށްފި އެވެ.
އެކަމަކު ހަރަދަށް އެކަނިވެސް 88،9 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އެ ބަޖެޓްގައި ލަފާކޮށްފައި އެވެ. އެހެންކަމުން މި އަހަރުގެ ބަޖެޓްގެ 8.6 މިލިއަން ރުފިޔާ އަކީ ޑެފިސިޓެވެ. އެކަމަކު އެ އަދަދު މި އަހަރު ނިމެންވާއިރަށް އަރަނި އަދަދަކަށް ބަދަލު ކުރެވޭނެ ކަމުގެ ޔަގީންކަން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެއްވި އެވެ.
އެފްއޭއެމަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ، ސްޕޮންސާޝިޕުންނެވެ. ސްޕޮންސަޝިޕުން ލިބޭނެ ކަމަށް ބަޖެޓްގައި ޖަހާފައި ވަނީ 43.7 މިލިއަން ރުފިޔާ އެވެ.
އެ އެސޯސިއޭޝަންގެ އެކި މުބާރާތްތަކާއި ހަރަކާތްތަކުގެ މައިގަނޑު ސްޕޮންސަރުންނަކީ، ޖަޕާނުގެ ފުޓްބޯޅަ އެސޯސިއޭޝަން، ބީއެމްއެލް އަދި އުރީދު އެވެ. ޔޫތު މުބާރާތްތަކުގެ މެއިން ސްޕޮންސަރަކީ ޖަޕާނުގެ އެފްއޭ އެވެ. ގައުމީ ޓީމުގެ ސްޕޮންސަރަކީ ބީއެމްއެލް އެވެ. ދިވެހި ޕްރިމިއަ ލީގުގެ ޓައިޓަލް ސްޕޮންސަރަކީ އުރީދު އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން މި އަހަރު އެފްއޭއެމަށް ދޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 24.3 މިލިއަން ރުފިޔާ އެވެ. އޭޝިއާގެ ފުޓްބޯޅަ އިދާރާ، އޭއެފްސީން 6.2 މިލިއަން ރުފިޔާ، ޔޫތު މިނިސްޓްރީ މެދުވެރިކޮށް ސަރުކާރުން 3.7 މިލިއަން ރުފިޔާ އަދި ހަރަކާތްތައް ހިންގައިގެން އިތުރު 2.5 މިލިއަން ރުފިޔާ ހޯދޭނެ ކަމަށް ވެސް ބަޖެޓްގައި ވެ އެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ (އެފްއޭއެމް) އަހަރީ ކޮންގްރެސްގައި ބައިވެރިވި ބައެއް މެމްބަރު ކްލަބްތަކުން ވޯޓް ދެނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު
އެފްއޭއެމުގެ ބަޖެޓްގައި ބުނެފައިވާ ގޮތުން، އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް ވަނީ ޑިވެލޮޕްމެންޓް އަދި އެޑިއުކޭޝަނަށެވެ. އެ ދާއިރާ އަށް 44.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެ އެވެ.
ޑިވެލޮޕްމެންޓް އަދި އެޑިއުކޭޝަންގެ ދަށުން އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް ބުނެފައި ވަނީ އެފްއޭއެމް ޓްވޯޑްސް ފިއުޗާ ޕްރޮގްރާމަށެވެ. އެ ޕްރޮގްރާމަށް 29.3 މިލިއަން ރުފިޔާ ހަރަދުވެ އެވެ. ކްލަބްތަކަށް ފައިސާ ވެސް ފޯރުކޮށްދެނީ ޓްވޯޑްސް ފިއުޗާގެ ބެނާގެ ދަށުންނެވެ. އެހެންވެ، އެއީ ކްލަބްތަކަށް މި އަހަރު ފައިސާ ދޭން ކަނޑައަޅައިފައިވާ ވަރު ކަމަށް ބެލެވެ އެވެ.
މުބާރާތްތައް ބޭއްވުމާއި ހަރަކާތްތައް ހިންގުމަށް 22.1 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ލަފާކުރެ އެވެ. ދިވެހި ޕްރިމިއަ ލީގަށް ކަނޑައެޅީ 13.6 މިލިއަން ރުފިޔާ އެވެ. އިދާރީ ހިންގުމާއި ގަވަނަންސަށް 19.2 މިލިއަން ރުފިޔާ އަދި ދަރަނި އަދާކުރުމަށް މި އަހަރުގެ ބަޖެޓުން ހަރަދު ކުރުމަށް ހަމަޖެހިފައި ވަނީ ތިން މިލިއަން ރުފިޔާ އެވެ.
މީރުމާ އިވެންޓްސްގައި މިއަދު ބޭއްވި ކޮންގްރެސްގައި ބައްސާމް ވިދާޅުވީ، އެފްއޭއެމްގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ކުރިން ބާއްވަމުން ދިޔަ ބައެއް ކަންކަން ނުހިންގަން ނިންމައިފައިވާ ކަމަށެވެ.
ބައްސާމް މިއަދު ކޮންގްރެސްގައި ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅާއިފައިވާނެ ކަމަށް --- ފޮޓޯ: ނިޝާން އަލީ | މިހާރު
ބައްސާމް ސިފަކުރެއްވި ގޮތުގައި އެ ކަންކަން މަޑުޖައްސައިލީ، މާލީ ގޮތުން ނޭވާލާނެ ޖާގައެއް ހޯދުމުގެ ގޮތުންނެވެ.
"ކުރިން ކުރާ ބައެއް ކަންކަން ހަރަދު ކުޑަކުރުމުގެ ގޮތުން އަޅުގަނޑުމެން ނުކުރަން މި ވިސްނަނީ. ޒަރޫރީ ކަންކަން އެކަނި، ފުޓްބޯޅައިގެ ޑިވެލޮޕްމެންޓަށް ސީދާ ބޭނުންވާ ކަންކަން ފިޔަވައި އިތުރު ކަންކަން ނުކުރަން މި އަހަރު މި ނިންމީ،" ބައްސާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެފްއޭއެމް މިހާރު އޮތް މާލީ އަޑިގަނޑުން އަރައިގަނެ ތަނަވަސް ހާލަތަކަށް އަންނަ ހަފުތާގައި ރުޖޫއަ ވެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑެބީ
07 June 2022
މާލީ ބޮޑު އަޑިގަނޑަކުން އަންނަ ހަފްތާގަ އަރައިގަނެވޭނެއޭ؟ މޮޅު އިނގޭ. ގައުމު ހިންގަންވެސް ހަވާލު ކުރަންވީ މިބައްސާމުއާ ޖަވާއާ.
ފުތުބޯޅަ
07 June 2022
ފުޓުބޯޅަ އުވާލާ އަވަހަށް، ތިޔަ ފައިސާ ފައިދާ ކުރަނިވި ކަމަކަށް ހަރަދުކުރަން މާ މުހިންމު.
ޚަރަދު
07 June 2022
13.6 މިލިއަން ރުފިޔާ ދިވެހި ޕްރިމިޔާ ލީގަށް ޚާއްސަކުރާއިރު، ޓާގެޓަކީ ޖުމްލަ 13.6 މީހުން އެއްމެޗަށް ނަމަވެސް ދަޑަށް ވަންނަންތޯ ބެލުން، އެހެންނޫންތޯ!