އަތޮޅުތަކުގެ ގަދަ ހަތަރެއް ދިވެހި ޕްރިމިއާ ލީގަށް

އަތޮޅުތަކަށް ހުޅުވާލައިގެން އެފްއޭއެމުން 2015 ވަނަ އަހަރު ފެށި މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ދޭން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.


އެފްއޭއެމް ކަލަންޑަރު އިއުލާން ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ރާއްޖޭގައި ކުޅެވޭ އެންމެ ބޮޑު ފުޓްބޯޅަ ލީގަށް އަތޮޅު ތަކުގެ ބައިވެރިވުން މުހިއްމު ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަފެނޭ ގައުމީ ޓީމަށް ބެލިޔަސް އަތޮޅުތަކުގެ ކުޅުންތެރިން. އަތޮޅު ފުޓްބޯޅަ ފޯރި އޮތްވަރު އެބަފެނޭ މިނިވަން ޗެމްޕިއަންޝިޕުން ވެސް. މި ހުރިހާ ގޮތަކަށް ވިސްނުމަށް ފަހު ފުޓްބޯޅަ ފޯރި އާއި ހުރިހާ ކަމަަކަށް ރަނގަޅަކަށް އަތޮޅުތަކުގެ ޓީމުތައް ޕްރިމިއާ ލީގަށް ގެންނަން ނިންމީ،" ބައްސާމް ވިދާޅުވި އެވެ.

"މިސާލަކަށް އޭދަފުށްޓާއި މާޒިޔާ ކުޅޭ މެޗަށް އޭދަފުށީ ސަޕޯޓަރުން ވަންނާނެ. އެހެންވެއްޖެނަމަ މާޒިޔާ އަށް ވެސް މަޖުބޫރުވޭ އެބަ ސަޕޯޓަރުން ގެންނަން. މި ބަދަލަކީ ފުޓްބޯޅަ ފޯރިއަށް ވަރަށް މުހިއްމު ބަދަލެއް،"

މިއަދު އޮތް އެފްއޭއެމްގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެފްއޭއެމްގެ ރައީސް ބައްސާމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ފޯމެޓަށް ވަނީ ބަދަލެއް ގެނެސް މުބާރާތް ފެށުން ވެސް އަވަސްކޮށްފަ އެވެ. އަންނަ މާޗު މަހުގެ 15 ވަނަ ދުވަހު ފަށަން ތާވަލްކޮށްފައި އޮތް މި މުބާރާތް މި ފަހަރު ކުރިޔަށްދާނީ ދެ ބުރަކަށެވެ. އެއީ އަތޮޅުތަކުގެ ބުރާއި މާލޭގައި ހުރިހާ ޒޯނެއްގެ ޗެމްޕިއަނެއްގެ މެދުގައި ކުޅޭ ޒޯން ލީގު ބުރެވެ. ޕްރިމިއާ ލީގަށް ހޮވޭނީ ޒޯން ލީގު ބުރުގެ ގަދަ ހަތަރެކެވެ.

"މިނިވަން ޗެމްޕިއަންޝިޕް ރާވަނީ ކުރިން ކުޅޭ ގޮތަށް، ފުރަތަމަ އަތޮޅު ބުރެއް ބާއްވާ ގޮތަށް. އެއަށް ފަހު ހުރިހާ ޗެމްޕިއަނެއް ދެން ކުޅޭނީ ލީގު އުސޫލުން ޒޯން ބުރެއް. އޭގެ ގަދަ ހަތަރެއް ޕްރިމިއާ ލީގަށް މިދަނީ،" ބައްސާމް ވިދާޅުވި އެވެ.

"ގާތްގަނޑަކަށް ހަތަރު މަހެއް ވަރު ޓީމުތައް މާލޭގައި ތިބެން ޖެހޭނެ. އަޅުގަނޑުމެން ފުދޭވަރެއްގެ ރަނގަޅު މާލީ އެހީތެރިކަމެއް ދޭނަން އެ ޓީމުތަކަށް."

މި ފަހަރު ޕްރިމިއާ ލީގުގައި ވާދަކުރާނީ މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމެވެ. ޕްރިމިއާ ލީގު ފަށާނީ ޖުލައި 28 ގަ އެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަން އަންނަ މަހު 16 ގައި ފަށަން ނިންމާފައިވާއިރު، މިއީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި އަތޮޅުތަކުގެ ބައިވެރިވުން އެންމެ ބޮޑު އަހަރެވެ.

މީގެ ކުރިން އަތޮޅު ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ފުރުސަތު ދިނީ ދިވެހި ލީގުންނެވެ. އޭރު ފުރުސަތު ދިނީ އަތޮޅުތަކުގެ ދެ ޓީމަށާއި ފުރަތަމަ ޑިވިޝަންގެ ހަ ޓީމަށެވެ. އެކަމަކު އެފްއޭއެމްގެ މި ބަދަަލާ އެކު ރާއްޖޭގެ އެންމެ ޝަރަފްވެރި ލީގުގައި އަތޮޅުތަކުގެ ހަތަރު ޓީމެއް ވާދަކުރާނެ އެވެ.

މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި 2015 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމު ސ.ފޭދޫ ކުޅުނު ނަމަވެސް މި އަަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ބ.އޭދަފުށްޓަށް ސީދާ ޖާގައެއް ނުލިބޭނެ އެވެ. ޕްރެޒިޑެންޓްސް ކަޕުން ޖާގަ ލިބޭނީ ޕްރިިމިއާ ލީގުގެ ގަދަ ހަތަރަކަށެވެ.