ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް ރާއްޖޭގެ ކެޕްޓަން މުހައްމަދު އިލާން އިމްރާން ހޯދި ނަމަވެސް، އޭނާ އަތުން ޓްރޮފީ އަތުލި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އިލާންގެ އިތުރުން  އިންޑިއާގެ ފޯވާޑް އޮމަންގް ޑޯޑަމް ވެސް ވަނީ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް ހޯދާފަ އެވެ. އެ ދެ ކުޅުންތެރިން ވެސް ވަނީ، ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހާފަ އެވެ. 

ރޭ ކުޅުނު ފައިނަލު މެޗަށް ފަހު ބޭއްވި އިނާމު ދިނުމުގެ ހަފުލާގައި، އިލާން އާއި ޑޯޑަމް ވެސް ވަނީ، އިންޑަވިޖުއަލް އެ ޓްރޮފީއާ އެކު ފޮޓޯ ނަގައިފަ އެވެ. 

އިލާން (ކ) އާއި އޮމަންގް ޑޯޑަމް، ސާފް 20 އަހަރުންދަށުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް ޓްރޮފީއާ އެކު ފޮޓޯ ނަގަނީ --- ފޮޓޯ: ސާފް
އިލާން (ކ) އާއި އޮމަންގް ޑޯޑަމް، ސާފް 20 އަހަރުންދަށުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް ޓްރޮފީއާ އެކު ފޮޓޯ ނަގަނީ --- ފޮޓޯ: ސާފް

ދެ ކުޅުންތެރިން، ޓޮޕް ސްކޯރާގެ އެވޯޑް ހޯދި ނަމަވެސް، އެ ހަފުލާގައި ދޭން ތައްޔާރުކޮށްފައި ވަނީ އެންމެ ޓްރޮފީއެކެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ބޭނުން ކުރި އެ ޓްރޮފީ އިލާނަށް ދިނުމަށް ޑޯޑަމް ވެސް އިއިތިރާޒު ނުކުރެ އެވެ. އެހެންެވެ އެ ޓްރޮފީ އިލާނާ ހަވާލު ކުރި އެވެ.

އެކަމަކު އޭގެ ފަހުން ސާފްގެ އޮފިޝަލަކު ވަނީ އިލާން އަތުން ޓްރޮފީ އަތުލައިގެން ގޮސް ޑޯޑަމް އަށް ދީފަ އެވެ. އަދި ދެތިން ދުވަހެއްގެ ތެރޭގައި އިލާނަށް އެ ޓްރޮފީ ދޭނެ ކަމަށް ސާފްގެ އޮފިޝަލް ބުނެފައިވާ ކަމަށް ވެއެވެ.