ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ސަރުކާރުން ކޮންމެ މަހަކު ދެމުންދާ 7,000ރ. ގެ އިނާޔަތް، ފުޓްސަލް ގައުމީ ޓީމުގެ ކުޅުންތެރިންނަށް ވެސް ލިބެން މަގުފަހިވާނެ ގޮތަށް ކްލަބް މޯލްޑިވްސް މުބާރާތްތަކުގެ ގަވާއިދު ބަދަލުކުރަން ހުށަހަޅާނެ ކަމަށް އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.
އެފްއޭއެމުން ބަލައިގަންނަ ރާއްޖޭގެ މައި ފުޓްސަލް މުބާރާތަކީ ކްލަބް މޯލްޑިވްސް ކަޕްގެ މުބާރާތްތައް ކަމަށް ކަނޑައަޅައި، އެ ކްލަބާ އެކު، އެފްއޭއެމުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ތޯރިގް ވިދާޅުވީ ރާއްޖޭގެ މައި ފުޓްސްލަ ލީގުގެ ގޮތުގައި ކްލަބް މޯލްޑިވްސްގެ މުބާރާތް ބަލައިގަތުމުން، ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް ދިނުމަށް ވެސް މަގުފަހިވާނެ ކަމަށެވެ. މެދުކެނޑުމަކަށް ފަހު ބާއްވަން އިއުލާންކޮށްފައިވާ އެފްއޭއެމްގެ އެވޯޑްސްގައި މުޅިން އަލަށް ހިމަނާފައިވާ ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ ހޮވުމުގައި މި އަހަރު ބަލާނީ ކުރިއަށް އޮތް ކްލަބް މޯލްޑިވްސްގެ މުބާރާތްތަކުގައި ކުޅުންތެރިންނަށް ދައްކާ ކުޅުމަށް ކަމަށް، ތޯރިގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފީފާ އާއި އޭއެފްސީ އަދި އެފްއޭއެމްގެ މިންގަނޑުތަކަށް ފެތޭ ގޮތަށް ކްލަބް މޯލްޑިވްސްގެ މުބާރާތްތަކުގެ ގަވާއިދަށް ބަދަލުގެންނަން އެ ކްލަބާއި އެފްއޭއެމްގެ ކޮމްޕްޓީޝަން ޑިޕާޓްމެންޓް ގުޅިގެން މަސައކްަތް ކުރާނެ ކަމަށެވެ.
އެ ބަދަލުތައް ގެންނާނީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ސަރުކާރުން ދޭ އިނާޔަތް ވެސް ގައުމީ ފުޓްސަލް ޓީމަށް ލިބެން މަގުފަހިވާނެ ގޮތަށް ކަމަށް، ތޯރިގް ވިދާޅުވި އެވެ.
ސަރުކާރުގެ އުސޫލުތައް އޮންނަ ގޮތުން ގައުމީ ޓީމުތަކުގެ އިނާޔަތް ދެނީ،އެ ކުޅިވަރެއް ތަމްސީލު ކުރާ އެސޯސިއޭޝަނަކުން ބަލައިގަންނަ ރަސްމީ މުބާރާތްތަކެއް، މެދުކެނޑުމެއް ނެތި ކޮންމެ އަހަރަކު ބާއްވުމުގެ އިތުރަށް ބައިނަލްއަގްވާމީ މުބާރާތްތަކުގައި އެ ކުޅިވަރަކުން ވާދަ ކުރާނަމަ އެވެ.
ބައިނަލްއަގްވާމީ މުބާރާތްތަކުގައި ފުޓްސަލް ޓީމުތައް ވާދަކުރާތާ އަހަރުތަކެއް ވެއްޖެ އެވެ. ސާފްގެ ފުރަތަމަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ވެސް ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމުން ވަނީ ހޯދާފަ އެވެ. އެކަމަކު ސަރުކާރުން ދޭ އިނާޔަތް ފުޓްސަލް ގައުމީ ޓީމަށް ނުލިބެ އެވެ.
"އެ އިނާޔަތް ލިބޭ ޝަރުތުތަކުގެ ތެރޭގައި އެފްއޭއެމްގެ އެފިލިއޭޓް މުބާރާތްތަކަށް ވުން ހިމެނޭ. އެހެންކަމުން އެ ގަވާއިދުތަކަށް ފެތޭ ގޮތަށް (ކްލަބް މޯލްޑިވްސްގެ މުބާރާތްތަކަށް) ބަދަލުތައް ގެންނާނަން،" ތޯރިގް ވިދާޅުވި އެވެ.
ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މީގެ ކުރިން ވިދާޅުވީ އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާ ބަޖެޓްގައި ފުޓްސަލް ގައުމީ ޓީމު ކުޅުންތެރިންނާއި އޮފިޝަލުންނަށް ވެސް އިނާޔަތް ލިބިގެންދާނެ ކަމަށެވެ.