އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) ފަދަ ތަޖުރިބާކާރު ކުޅުންތެރިންގެ ސަބަބުން މުޅި ޓީމަށް ނަފްސާނީ ގޮތުން ވަރުގަދަކަން ގެނެސްދޭކަމަށް ކޯޗު އިސްތަވާން އުރްބާނީ ބުނެފި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގެ ފަހު މެޗުގައި އިއްޔެ ޓިމޯ ލެސްޓޭ އަތުން ގަލޮޅު ދަނޑުގައި ދިވެހި ޓީމު މޮޅުވީ ސެންޓޭ އާއި ދަގަނޑޭ އަދި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އިރުފާންގެ މުހިންމު ހިއްސާއާ އެކު އެވެ.
ސީނިއާ ޓީމަށް އުރްބާނީ ނެގީ ނިސްބަތުން ދޮށީ ސްކޮޑެކެވެ. އޭނާގެ ޓީމުގެ އުމުރުގެ ނިސްބަތަކީ 32 އަހަރެވެ. މިއީ 2017 ގެ ފަހުން ނެގި ނިސްބަތުން އެންމެ ދުވަސްވީ ސްކޮޑެވެ.
ދޮށީ ކުޅުންތެރިން ހިމެނުމުން ބައެއް މީހުންގެ ފާޑުކިޔުން އުރްބާނީ އަށް އަމާޒުވި އެވެ. އެކަމަކު ތިންވަނަ ފަހަރަށް ރާއްޖޭގެ ކޯޗުކަމާ ހަވާލުވެ، ސީނިއާ ގައުމީ ޓީމާ އެކު އޭނާގެ ފުރަތަމަ މެޗުގައި ކާމިޔާބު ހޯދައި ދިނީ ދޮށީ ކުޅުންތެރިންނެވެ.
އުރްބާނީ ބުނިގޮތުގައި ދަގަނޑޭ އާއި ސެންޓޭ ފަދަ ތަޖުރިބާކާރު ކުޅުންތެރިން ދަނޑުމަތީގައި ތިބުމުން ޒުވާން ކުޅުންތެރިންނަށް ލިބޭ ބޮޑު ހިތްވަރަކަށްވެ، މެޗުގެ ނަތީޖާ ބަދަލުކުރުމަށް ފަސޭހަވެގެންދެ އެވެ.
އޭނާ ބުނި ގޮތުގައި، ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިންގެ ތަފާތަކީ ޕްރެޝަރު ވަގުތުތަކުގައި ކުރިމަތިވާ ކަންކަން ހަމަޖެހިލައިގެން ނިންމާލުމުގެ ގާބިލްކަމެވެ.
އަޝްފާގާއި ސަންތޭ ފަދަ ކުޅުންތެރިން މި ޓީމަށް ގެނެސްދެނީ ތަފާތު ފެންވަރެއްގެ ކުޅުމެއް. އެއީ ނަފްސާނީ ގޮތުން ހުންނަ ވަރުގަދަކަން،" އުރްބާނީ ބުންޏެވެ.
"މިސާލަކަށް އަހަރެން އަޝްފާގު ކައިރީގައި ޕެނަލްޓީއެއް ޖަހަން ބުނެފިނަމަ، އޭނާ އަށް އެވަގުތު ކުރަންޖެހޭ ކަންތައް ވަރަށް ރަނގަޅަށް އެނގޭނެ. އެކަމަކު 20 ނުވަތަ 21 އަހަރުގެ ކުޅުންތެރިއަކަށް އެ އިތުބާރު ލިބޭނީ 10 ވަރަކަށް އަހަރުގެ ތަޖުރިބާއާއި އެތައް ސަތޭކަ މެޗެއް ކުޅެގެން."
މެޗުގެ ފަހު ވަގުތު އަޝްފާގު ކުޅެން އެރުމުން ސަޕޯޓަރުންގެ ފަރާތުން ފެނުނު ފޯރި އާއި، އޭގެ ސަބަބުން މުޅި މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔަކަން އޭނާ ފާހަގަ ކުރި އެވެ.
ރާއްޖެ މޮޅުވީ ފަހު ވަގުތު އަޝްފާގް ހޯދައި ދިން ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ޖެހީ ސެންޓޭ އެވެ. އޭރު އަޝްފާގް ހުރީ ދަނޑު ބޭރުގައި ފަރުވާ ހޯދުމަށެވެ. އެއީ ޓީމޯ ލެސްޓޭގެ ކީޕަރު ކުރި ފައުލުގެ ސަބަބުން ކުޑަވަރެއްގެ ހާނިކައެއް ވުމުންނެވެ.
އެކަމަކު ސަމާސާ ރާގެއްގައި އުރްބާނީ ބުނި ދަނޑު ބޭރުގައި ފަރުވާ ހޯދަން އަޝްފާގް ހުރީ އެހެން އުކުޅެއް ބޭނުން ކުރުމުގެ ގޮތުންނެވެ.
"އޭނާ (ދަގަނޑޭ) ދެއްކި ތަފާތު ކުޅުމާ މެދު އަހަރެން ވަރަށް އުފާވޭ. އަހަރެން ހީކުރީ އޭނާ ޕެނަލްޓީ ޖަހާނެ ކަމަށް. އެކަމަކު އަހަރެން ހިތަށް އެރި އޭނާ އެ އުޅެނީ ޕެނަލްޓީ ޖަހަން ނުކެރިގެން އަނިޔާވި ކަމަށް ހެދިގެންބާވައޭ. އެހެންވެބާވައޭ އަލުން ކުޅެން ނައީ. ނޫން. މިއީ އަހަރެން ސަމާސާއަކަށް ބުނި ވާހަކައެއް،" އުރްބާނީ ބުންޏެވެ.
ޓިމޯ ލެސްޓޭއިން ފުރަތަމަ ލީޑް ނެގީ އިރުފާނު އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. އެކަމަކު އޭނާ ވަނީ އަލުން އެނބުރި އައިސް ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްދީފަ އެޗެ.
އޭނާ އަށް ގޯސް ހެދުނު އިރު ވެސް މާޔޫސްނުވެ މެޗަށް ސަމާލަުކަން ދީ ނަތީޖާ ބަދަލުކުރުމުގައި އިރޭ ހިއްސާވުމުން އޭނާ ކެރެކްޓާގެ ވަރުގަދަ އެނގޭ ކަމަށް އުރްބާނީ ބުންޏެވެ.
އޭނާ ބުނީ ސަޕޯޓަރުންނަށް ހިތްހަމަޖެހުން ލިބޭފަދަ ގޭމެއް ކުޅެން އޭނާ އިސްކަންދޭ ކަމަށެވެ. ހަމައެޔާއެކު ސަޕޯޓަރުން ވެސް ޓީމުގެ ފަހުތުގައި ދެމިތިބުމަށް އޭނާ ވަނީ އެދިފަ އެވެ.
"އަހަރެމެން މަސައްކަތް ކުރާނީ ސަޕޯޓަރުންގެ އިތުބާރު އަލުން ހޯދައި، ދަނޑަށް މީހުން ވެއްދުމަށް،" ކޯޗު ބުންޏެވެ.