މިއަހަރުގެ ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސް ތަށި، ހުސައިން ޒަޔާން ޝަހީދު ޒަކީ ދިފާއުކޮށްފި އެވެ.
ކުޅިވަރު އެކުވެނީގެ ބެޑްމިންޓަން ހޯލްގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ ފައިނަލްގައި ޒަޔާން ކާމިޔާބު ހޯދީ އޭނާގެ އެކުވެރިޔާ ނިބާލް އަހުމަދާ ބިޓްކޮށްލުމަށް ފަހު އެވެ.
ޒަޔާން މެޗު ކާމިޔާބުކުރީ 15-11، 9-15 އަދި 17-15 އިން އެވެ.
ކާމިޔާބީއަށް ފަހު ވާހަކަދައްކަމުން ޒަޔާން ބުނީ، މިހާރު ރާއްޖޭގެ މުބާރާތްތަކުގައި ކުޅުމުގެ އެންމެ ބޮޑު މޯޓިވޭޝަނަކީ އޭނާގެ މަންމަ އާއި އާއިލާއަށް އުފަލެއް ހޯދައިދިނުން ކަމަށެވެ.
"ލޯކަލް މުބާރާތްތަކުގައި މިހާރު ހަމައެކަނި މޯޓިވޭޝަނަކީ ހަމަ މަންމަ އަދި އާއިލާއަށް އުފަލެއް ގެނެސްދިނުން،" އޭނާ ބުންޏެވެ.
ރާއްޖޭގެ ބެޑްމިންޓަން ހަރާކާތް ހުއްޓިފައި އޮތް ދަނޑިވަޅު ބައިނަލްއަގްވާމީ ކޯޓުގައި ރާއްޖޭގެ ނަން ދެމެހެއްޓީ ޒަޔާން އިސްވެ އުފައްދާފައިވާ ރިވައިވަލް ސްޕޯޓްސް އެވެ. މިދިޔަ އަހަރު ބައިނަލްއަގުވާމީ މުބާރާތްތަކުގައި އަމިއްލަ ގޮތުން ބައިވެރިވެ ރިވައިބަލްއިން ވަނީ ތާރީހީ ކާމިޔާބުތަކެއް ހޯދާފަ އެވެ.
އެ ކާމިޔާބުގައި އަމަލީގޮތުން ހިއްސާވި ޒަޔާން ބުނީ އޭނާގެ ކުރިއަށް ހުރި ލަނޑުދަނޑިތައް މިހާރު ހުރީ ބައިނަލްއަގްވާމީ މުބާރާތްތަކަށް ބޭރަށެވެ. ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ބައިނަލްއަގުވާމީ މައިދާނުގައި ގައުމަށް ރަން ވަނަތަކެއް ހޯދައިދިނުމަކީ އޭނާގެ އެންމެ ބޮޑު އުންމީދު ކަމަށް ޒަޔާން ބުންޏެވެ.
"ޓާގެޓް ހުރީ ހަމަ ކުރިއަށް އޮތް ދޭއް ނުވަތަ ތިން އަހަރު އަހަރު، އިންޝާﷲ، ބައިނަލްއަގުވާމީ މުބާރާތްތަކުން ގައުމަށް ރަން ވަނަތަކެއް ހޯދައިދިނުން،" ޒަޔާން ބުންޏެވެ.
ފިރިހެން ސިންގަލްސްގެ އިތުރުން ޒަޔާން ވަނީ މުބާރާތުގެ ފިރިހެން ޑަބަލްސް އަދި މިކްސް ޑަބަލްސް ފައިނަލްގައިވެސް ވާދަވެރި ކުޅުމެއް ދައްކާފަ އެވެ.
މިކްސް ޑަބަލްސް ފައިނަލްގައި ފާތިމަތު ނަބާހާއާ އެކު ނުކުމެ، ނިބާލް އަހުމަދާއި އަމީނަތު ނަބީހާގެ ޕެއާ އަތުން ބަލިވީ ވަރަށް ގާތުން ވާދަކޮށް 12-15، 15-12 އަދި 15-11 އިން އެވެ.
ފިރިހެން ޑަބަލްސް ފައިނަލްގައި ނިބާލް އަހުމަދާ އެކު ޕެއާ ހަދައިގެން ނުކުމެ، އަހުމަދު ތޯއިފް އާއި ރިޔާޒް މުހައްމަދާ ވާދަކުރި މެޗުގައި 4-3 އިން ނަތީޖާ އޮއްވައި، ނިބާލް އަށް ކުރިމަތިވި އަނިޔާގެ ސަބަބުން މެޗު ދޫކޮށްލަން ޖެހުމުން އެ ދެ ކުޅުންތެރިން ފުއްދާލަން ޖެހުނީ ޑަބަލްސްގެ ރަނަރަފް މަގާމުގަ އެވެ.