ރާއްޖޭގައި މިހާރު ކުރިއަށްދާ ގޯލްޑަން ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝްގެ 23 އަހަރުންދަށުގެ ޓީމު އަފްޣާނިސްތާނުގެ ސީނިއާ ޓީމު ވެސް ލަނޑެއް ޖެހިޔަ ނުދީ ހުއްޓުވައިފި އެވެ. 

ގައުމުން ބޭރުގައި ކުޅޭ ގިނަ ކުޅުންތެރިން ހިމެނޭ ދެ ޓީމު ކަމަށްވާ، އަފްޣާނިސްތާނާއި ޕާކިސްތާނު ވެސް ބަންގްލަދޭޝްގެ ޒުވާން ޓީމުން ހުއްޓުވި އެވެ. 

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ފެނިގެންދިޔައީ ދެ ޓީމުގެ ފަރާތުންވެސް ވަރަށް ބޮޑަށް ފިޒިކަލް ކުޅުމެކެވެ.

މެޗުގެ ބޮޑު ބައެއްގައި ބޯޅަ ހިފަހައްޓައިގެން ކުޅެ، އަފްޣާނިސްތާނުން ވަނީ މެޗު ކޮންޓްރޯލް ކޮށްފަ އެވެ. ނަމަވެސް، ބަންގްލަދޭޝްގެ ޓީމުން ވަނީ ޑިސިޕްލިން ގޭމެއް ކުޅެން މަސައްކަތް ކޮށްފަ އެވެ. 

ޑިފެންސުން ހިފަހައްޓައި ދޭތެރެދޭތެރެއިން އަފްޣާނިސްތާނުގެ ފަހަތަށް ވެސް ބާރުބޮޑު ކުރި އެވެ. 

މުބާރާޓުގެ ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ބަންގްލަދޭޝްގެ  މޫޖީބުރަހްމާނަށް ދެއްކި ރަތް ކާޑާ ގުޅިގެން އޭނާ ވަނީ މެޗަށް ސަސްޕެންޑް ވެފަ އެވެ.

 މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން އެންމެ ބޮޑު އިސްކަމެއް ދިނީ ޑިފެންސް އޯގަނައިޒް ކުރުމަށެވެ. އެގޮތުން، އަފްޣާނިސްތާނުގެ ރޮމާން ފާޒީ އާއި އަމްރެދިން ޝަރީފީ ނަގައިދިން ނުރައްކާތެރި ހުރަސްތައް، ބަންގްލަދޭޝްގެ ގޯލްކީޕަރު މެހެދީ ހަސަން ސްރާބޮން އާއި ޑިފެންސް ލައިނުން ވަނީ ދިފާއުކޮށްފަ އެވެ.

ބަންގްލަދޭޝްގެ މިޑްފީލްޑަރުން ކަމަށްވާ ޗަންދަން ރޯއީ އާއި އަސާދުލް އިސްލާމް ސާކިބް ވަނީ އަފްޣާނިސްތާނުގެ ހަމަލާތައް މެދުތެރެއިން ހުއްޓުވުމަށް މަސައްކަތްކޮށްފަ އެވެ.  އެ ކުޅުންތެރިންގެ ހިތްވަރާއެކު، އަފްޣާނިސްތާނަށް މަޖުބޫރުވީ މެދުތެރެއިން ކުޅުމުގެ ބަދަލުގައި އަރިމަތިން ހަމަލާތައް އުފެއްދުމަށެވެ.

ބަންގްލަދޭޝް އިން ބަލަމުންދިޔައީ ކައުންޓަރ އެޓޭކްގައި މިރާޖުލް އިސްލާމް މެދުވެރިކޮށް އަފްޣާނިސްތާނުގެ ގޯލަށް ނުރައްކާ ކުރެވޭތޯ އެވެ. ނަމަވެސް ގޯލަކަށް ބަދަލުކޮށްލެވޭނެ ފުރުސަތެއް ނުލިބުނެވެ. 

މެޗުގެ ދެވަނަ ހާފުންވެސް ފެނިގެންދިޔައީ ފުރަތަމަ ހާފެކޭ އެއްގޮތަށް، ދެ ޓީމުގެ ފަރާތުން ފޯރިގަދަ ޑިފެންސިވް ކުޅުމެކެވެ. ބަންގްލަދޭޝް އިން ވަނީ ވަރަށް ހުޝިޔާރުކަމާއެކު އަފްޣާނިސްތާނުގެ ހަމަލާތައް ހުއްޓުވައި، އެ ޓީމުގެ އެޓޭކްތައް ބޭކާރުކޮށްލާފަ އެވެ.

މެޗުގެ ފަހު 20 މިނެޓުގެ ތެރޭގައި ބަންގްލަދޭޝްގެ ގޯލްކީޕަރު މެހެދީ ހަސަން ސްރާބޮން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ދިފާއުކޮށް، ގޯލެއް ވަނަނުދީ ހިފަހައްޓާފަ އެވެ. އޭނާގެ މި މުހިންމު ސޭވްތަކާއެކު ބަންގްލަދޭޝްގެ ކޮޅަށް ގޯލެއް ވަނުމުން ސަލާމަތްވި އެވެ.

މި ނަތީޖާއިން މި ވަގުތު އެއްވަނައިގައި އޮތީ، މިއަދު ހަވީރު ރާއްޖޭގެ މައްޗަށް ކުރި ހޯދި ޕާކިސްތާނެވެ. އެ ޓީމުން ވަނީ ދެ މެޗު ކުޅެ ހަތަރު ޕޮއިންޓާއި ފައިދާ ތިން ގޯލް ހޯދާފަ އެވެ. އަފްޣާނިސްތަނުގެ ފުރަތަމަ މެޗުގައި ރާއްޖޭގެ މައްޗަށް 1-0 ން ހޯދި މޮޅާ އެކު އެ ޓީމަށް ދެ މެޗުން ހޯދުނީ ހަތަރު ޕޮއިންޓާ ފައިދާ އެއް ގޯލެވެ.