2016 ވަނަ އަހަރުގެ ލީގުގެ މެޗެއްގެ ތެރެއިން މުނޯޒް (ވ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
18 ޑިސެމްބަރ 2018 - 12:10
ކްލަބް ވެލެންސިއާ އަށް 2016 ވަނަ އަހަރު ކުޅުނު ސްޕެއިންގެ މިޑްފީލްޑަރު އެންހެލް މުނޯޒަށް ނުދީ އޮތް މުސާރަ ދެ އަހަރަށް ފަހު މިދިޔަ މަހު އެ ކްލަބުން ދީފި އެވެ.
ދެ އަހަރަށް ދެމިގެންދިޔަ މައްސަލަ ނިމުނުއިރު ވެލެންސިއާ އިން ވަނީ ޖުމްލަ އެކު މުނޯޒަށް 9595 ޑޮލަރު (147،954 ރުފިޔާ) ދީފަ އެވެ. އެއީ މުސާރަ އަށްވާ 9000 ޑޮލަރު (138،780 ރުފިޔާ) އާއި ސްޕެނިޝް ފެޑެރޭޝަނަށް ދައްކަން ޖެހޭ ވަކީލުންގެ ފީގެ ގޮތުގައި 450 ޑޮލަރު (6939 ރުފިޔާ) އަދި ޖޫރިމަނާގެ ގޮތުގައި 145 ޑޮލަރު (2235 ރުފިޔާ) އެވެ.
ވެލެންސިއާ އިން ދޭން ޖެހޭ މުސާރަ ހޯދަން މުނޯޒް ފީފާ އަށް އެންމެ ފުރަތަމަ މައްސަަލަ ހުށަހެޅީ މިދިޔަ އަހަރު އެވެ. ފީފާ އިން އެ މައްސަލަ ބެލުމަށް ފަހު އޭނާ އަށް މި އަހަރު މުސާރަ ދޭން ވެެލެންސިއާ އަށް އެންގި އެވެ.
އެ މައްސަލައިގައި ވެލެންސިއާ އަށް އެއް ފަހަރުން އެ ވަރުގެ ބޮޑު އަދަދެއް ދައްކަން ދަތިތަކެއް ހުރުމުން ދެ ބަޔަކަށް ބަހާލައިގެން މުސާރަ ދޭގޮތަށް ފީފާއިން ވެލެންސިއާ އަށް ލުޔެއްދިނެވެ. އޭގެ ފުރަތަމަ ބަޔަށްވާ 4500 ޑޮލަރު (69،390 ރުފިޔާ) ވެލެންސިއާ އިން ވަނީ މި އަހަރު ކުރީކޮޅުގައި ދައްކައިފަ އެވެ. އެކަމަކު ބާކީ ބަޔަށްވާ ފައިސާ ވެލެންސިއާ އަށް ދިން މުއްދަތުގެ ތެރޭގައި ދައްކާފައިނުވާތީ ޖޫން މަހު މުނޯޒް އަނެއްކާ ވެސް ފީފާ އަށް މައްސަލަ ހުށަހެޅީ އެވެ.
އެ މައްސަލައިގައި ވެލެންސިއާ އިން ފީފާގެ ސިޓީތަކަށް ޖަވާބުދާރީނުވާތީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ފީފާއިން ވަނީ ވެލެންސިއާ އަށް އެންމެ ފަހުގެ އިންޒާރުދީފަ އެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް ދައްކަން ޖެހޭ ފައިސާގެ އިތުރުން ޖޫރިމަނާ ފައިސާ ވެސް ދައްކަން އެނގި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ވެލެންސިއާ އިން ވަނީ މިދިޔަ މަހު 28 ވަނަ ދުވަހު މުނޯޒަށް 5095 ޑޮލަރު (78،564 ރުފިޔާ) ދީފަ އެވެ. އެއީ ބާކީ ނުދައްކައި ހުރި ފައިސާ އެވެ.
މި ފަހަރު މުނޯޒަށް މުސާރަ ދިނުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންނެވެ.
އެފްއޭއެމް ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ މުނޯޒްގެ މުސާރަ ކަންތަކުގައި ވެލެންސިއާ އިން ރަސްމީ ސިފައެއްގައި ޖަވާބުދާރީވެފައިނުވާ ކަމަށާއި އެ ކްލަބަށް ދޭން ޖެހޭ ސަޕޯޓް އެފްއޭއެމުން ދިނީ ކްލަބާ ހަވާލުވާން އުޅޭ ބަޔަކު ކްލަބްގެ ފަރާތުން އެކަން ކޮށްދިނުމަށް އެދުމުން ކަމަށެވެ.
"ހުރިހާ ކްލަބަކަށް ވެސް އެފްއޭއެމުން އެޑިމިނިސްޓްރޭޓިވް ސަޕޯޓް ދޭނަން. އެގޮތުން ވެލެންސިއާ މި ވަގުތު އޮތީ އެހާ އެކްޓިވްކޮށެއް ނޫން. ދެން އެ ކްލަބް ހިންގުމަށް އާ ބަޔަކު އަންނަ ވާހަކަ ވެސް ދެކެވިފައި އޮތީ. މުނޯޒްގެ ކަންތަކުގައި ވެލެންސިއާ އަށް ނިސްބަތްވާ ބަޔަކު ފައިސާ ދިނުމުން. އަޅުގަނޑުމެން މީގެ ދޭން ޖެހޭ ސަޕޯޓެއް ދިނީ،" ޖަވާ ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ވެލެންސިއާ ވަނީ މި ފަހަރުގެ މާލޭ ލީގުގެ އެންމެ ފުލަށް ގޮސް ރެލިގޭޝަން ޕްލޭއޮފްގައި ކުޅެގެން ވެސް ބަލިވުމުން ދެ ވަނަ ޑިިވިޝަނަށް ރެލިގޭޓްވެފަ އެވެ.
މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގުގައި އއ. މާޅޮހަށް ކުޅުނު މުނޯޒް މި ފަހަރު ސީޒަނުގެ ކުރީކޮޅުގައި ފެނުނީ ވިކްޓަރީންނެވެ. ވިކްޓަރީން އޭނާ އަށް ދޭން ޖެހޭ މުސާރަ ނުދީ އޮތުމުން އޭނާ ވަނީ އެ ޓީމުގެ މައްސަަލަ ވެސް ފީފާ އަށް ހުށަހަޅައިފަ އެވެ. މުނޯޒް ފީފާ އަށް ލާފައިވަނީ 8800 ޑޮލަރު (135،000 ރުފިޔާ) ހޯދާށެވެ. އެއީ ދެ މަހުގެ މުސާރަ އާއި ބޯނަހުގެ އިތުރުން އެކޮމަޑޭޝަނަށް އޭނާ އަތުން ހަރަދުވި ވަރެވެ.
މުނޯޒް "މިހާރަ"ށް ބުނީ ވިކްޓަރީގެ މައްސަލައިގައި އޭނާ އިތުރަށް ފީފާގައި އޮތް މައްސަލަ ކުރިއަށް ގެންދާނީ އަންނަ ހޮނިހިރު ދުވަހުގެރޭ އޮންނަ ވިކްޓަރީގެ އިންތިހާބަށް ފަހު ކަމަށާއި އެއީ އެ ކްލަބްގެ އާ ބޯޑާ މަޝްވަރާކުރުމަށް ފަހު ކްލަބަށް އެންމެ ފަސޭހަކޮށް ކުރިއަށް ދިއުމަށް ކަމަށެވެ.
މި ސީޒަނުގައި ނިއު ރޭޑިއަންޓަށް ކުޅުނު އަފްގާނިސްތާންގެ ޑިފެންޑަރު ހާރޫން އަމީރީ އާއި ސްޕެއިންގެ ފޯވާޑް ގުއިލެމް މާޓީ ވަނީ މުސާރައިގެ މައްސަލައިގައި ފީފާ އަށް މައްސަލަ ހުށަހަޅައިފަ އެވެ. ސީޒަނުގެ ފަހު ބައިގައި މާލީ ސަބަބުތަކާ ހުރެ ނިއު އަށް ގިނަ މައްސަލަތަކެއް ދިމާވިއިރު، ސީޒަން ނިންމާފައި އެ ޓީމުގެ ބިދޭސީ ކުޅުންތެރިން ކްލަބް ދޫކޮށްދިޔައިރު ވަނީ މުސާރަ މައްސަލައިގައި ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުނޫސް
19 December 2018
ތިލާރިދެއްކީ އެފް.އޭ. އެމުންތަ ނުވަތ އެފް.އޭގެ ބޮޑު މީހަކު ބުނެގެނެްތަ
ތަކުރުބޭ
19 December 2018
ޚަބަރުލިބޭގޮތުގައި ތިބުނާ މުނޯޒެއްގެ މުސާރައިގެ ފުރަތަމަބައި ދިނީ މިއަހަރުގެ ކްލަބްގެ ބަޖެޓުން. އަނެއްކާ ޖެނަރަލް ސެކްޓެރީ ދައްކަވާ ވާހަކަ. ކްލަބެއްވިއްޔާ އޮންނާނެ ބޯޑެއް އަަދި ޗެއަރމަނެއް. އެމީހުންގެ ނަންތައްނޭގޭނަމަ ހޯމްމިނިސްޓްރީއިން އެ މައުލޫމާތު ލިބޭނެ. ޖީއެސްއަށް ނޭގޭތީ ބުނެލަން ވެލެންސިއާގެ ޗެއަރމަނަކީ ތިތަނުގެ ޕްރެޒިޑެންޓްގެ ބައްޕަ އިގޭތޯ! އެބޭފުޅާއާއި ގުޅައިގެން ޖަވާބުދާރީވުމަށް ދަންނަވަންވީނު؟ މިގޮތް ރަގަޅެއްނޫންތަ؟