ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ހަފްތާއެއް ތެރޭ ފުޓްބޯޅަ ޕްރެކްޓިސްތައް ފެށިދާނެ: އެފްއޭއެމް

ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދައާ އެކު ހަފްތާއެއްހާ ދުވަސްތެރޭ ފުޓްބޯޅަ ޓީމުތަކުގެ ޕްރެކްޓިސްތައް ފެށޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އެފްއޭއެމުން ބުނެފި އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވަމުން ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ދުވަސްވަރު ކުޅިވަރު ހަރަކާތްތައް ކުރިއަށް ނުގެންދަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ދިން ލަފަޔާ އެއްގޮތަށް ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސްތައް މެދުކަނޑާލީ މި މަހު ހަތަރު ވަނަ ދުވަހު އެވެ.

ގައުމީ ޓީމުގެ ޕްރެކްޓިސްތައް އަލުން ޕްރެކްޓިސްތައް ފަށަން އެފްއޭއެމުން ވަނީ އެޗްޕީއޭގެ އެންގުންތަކާ އެެއްގޮތަށް ގައިޑްލައިންތަކެއް ހަދައި އެޗްޕީއޭ އަށް ފޮނުވައިފަ އެވެ. އެޗްޕީއޭގެ ހުއްދަ އަކަށް އެފްއޭއެމުން އެދިފައިވަނީ ގައުމީ ޓީމުގެ އިތުރުން އޭއެފްސީ ކަޕްގައި ވާދަކުރާ ރާއްޖޭގެ ދެ ޓީމު ކަމަށްވާ ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާގެ ޕްރެކްޓިސްތައް ވެސް ފެށުމަށް ވެސް ހުއްދަ ލިބޭ ގޮތަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ނޭޝަނަލް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އަލުން ޕްރެކްޓިސްތައް ފަށަން ހުއްދަދޭނީ ބަލި ފެތުރެމުންދާ ހާލަތަށް ބެލުމަށް ފަހު ކަމަށެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) މިއަދު "މިހާރަ"ށް ވިދާޅުވީ ލަސްވެގެން ހަފްތާއެއްހާ ދުވަސްތެރޭ ޕްރެކްޓިސް ފެށޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

"އުއްމީދަކީ މި ހަފްތާ ނޫނީ ލަސްވެގެން ހަފްތާއެއްހާ ދުވަސްތެރޭ ޕްރެކްޓިސްތައް ފެށުން. އެޗްޕީއޭ އިން އެދުނު ގޮތަށް ގައިޑްލައިންތަކެއް ހަދާފައި ފޮނުވާފައި މިހާރު ވާނީ،" ޖަވާ ވިދާޅުވި އެވެ.

އަންނަ އޮކްޓޫބަރު މަހު މާލޭގައި އޭއެފްސީގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ މެޗުތައް ކުޅެން ނިންމާފައިވާއިރު، ޑރ. ނަޒްލާ ވަނީ އެ މުބާރާތް ކުރިއަށްގެންދިއުމުގެ ހުރިހާ ކަމެއް ފައިނަލްވާނީ އޭރު ހާލަތު އޮންނަ ގޮތުން ކަމަށާއި މި ވަގުތު އެކަމާ ބެހޭގޮތުން ސީދާ އެއްޗެއް ބުނަން އުނދަގޫ ކަމަށެވެ.

ޖަވާ ވިދާޅުވީ އެންމެ އިސްކަމެއްގެ ގޮތުގައި އެފްއޭއެމުން މިހާރު ބަލަމުން އަންނަނީ އޮކްޓޫބަރު 23 އިން ނޮވެމްބަރު މަހު ހަތަރަކަށް ތާވަލުކޮށްފައި އޮތް އޭއެފްސީ ކަޕްގެ މެޗުތައް ޝެޑިއުލާއެއްގޮތަށް ބޭއްވޭތޯ ބެލުން ކަމަށާއި އެކަމަށްޓަަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"އޭއެފްސީ ކަޕް (ގްރޫޕް ސްޓޭޖު މެޗުތައް) ބޭއްވުން އެންމެ ބޮޑު މަސައްކަތަކަށް މި ކުރަނީ. ހަގީގަތުގައި އެ މެޗުތައް ބޭއްވިއްޖެނަމަ މިހާރު ޝެޑިއުލް ކުރަމުންމިދާ ގޮތަށް ޑިސެމްބަރު މަހު ލޯކަލް ފުޓްބޯޅަ ސީޒަން ވެސް ފޭށޭނީ،" ޖަވާ ވިދާޅުވި އެވެ.

ޓީސީ އާއި މާޒިޔާގެ އިތުރުން އޭއެފްސީ ކަޕްގައި ދެން ވާދަކުރަނީ އިންޑިއާގެ ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އެވެ.

އޭއެފްސީ އާއި ފީފާ އިން ވަނީ ކޮވިޑް-19ގެ ސަބަބުން 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2023 އަހަރުގެ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ މެޗުތައް އަންނަ އަހަރަށް ފަސްކޮށްފަ އެވެ. މިއާ އެކު ރާއްޖޭގެ ގައުމީ ޓީމަށް މި އަހަރު ރަސްމީ އެއްވެސް މެޗެއް ނޯންނާނެ އެވެ. "މިހާރަ"ށް އެނގިފައިވާ ގޮތުގައި އެފްއޭއެމްގެ ވިސްނުމަކީ ލޯކަލް ސީޒަނަށް ހުރިހާ ކްލަބެއްގެ ޕްރެކްޓިސް ފަށަންދެން ގައުމީ ޓީމުގެ ޕްރެކްޓިސް ކުރިއަށްގެންދިއުމެވެ.

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 17%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢިވީގެ ބައްޕަ

18 August 2020

އ އާމުންނަ އައ އް ކުަޅެން ނިކުމެވޭނެ ތޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454