މިދިޔަ ސީޒަނުގައި ގްރީން ސްޓްރީޓްސް އަށް ކުޅުނު ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އުމެއިރު މާޒިޔާ އަށް ސޮއިކޮށްފި އެވެ.
މިއީ އުމެއިރު މާޒިޔާ އަށް ބަދަލުވި ތިން ވަނަ ފަހަރެވެ. އޭނާ އެންމެ ފުރަތަމަ މާޒިޔާ އަށް ކުޅުނީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން 2015 ވަނަ އަހަރު ޕީޕަލްސް ކަޕަށް ފަހު މާޒިޔާ އަށް ބަދަލުވެ، އެ ޓީމަށް ތިން ސީޒަނުގައި ކުޅެދިނުމަށް ފަހު އެ ޓީމާ ވަކިވީ އެވެ. އުމެއިރު ވަނީ މާޒިޔާގެ ކެޕްޓަން ބޭންޑް އަޅައިގެން ވެސް ގިނަ މެޗުތަކެއްގައި ކުޅެފަ އެވެ. އުމެއިރު މާޒިޔާ އަށް މި ފަހަރު ސޮއިކުރީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މާޒިޔާ އިން އުމެއިރުގެ ސޮއި ހޯދި އެންމެ ބޮޑު ސަބަބަކީ އޭއެފްސީ ކަޕެވެ. މި ފަހަރުގެ އޭއެފްސީ ކަޕްގެ އިތުރުން މާޒިޔާ އިން ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންގެ ހައިސިއްޔަތުން އަންނަ ސީޒަނުގެ އޭއެފްސީ ކަޕުން ވެސް ފުރުސަތު ހޯދައިފަ އެވެ. އުމެއިރަކީ އޭއެފްސީ ކަޕްގައި ތަޖުރިބާ ބޮޑު ކުޅުންތެރިއެކެވެ. އޭނާ ވަނީ 2013 ވަނަ އަހަރު އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލުގައި ވާދަކުރި ނިއު ރޭޑިއަންޓް ޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި މާޒިޔާ އިން މިހާތަނަށް އޭއެފްސީ ކަޕްގައި އެންމެ ރަނގަޅު ނަތީޖާ ނެރުނު 2017 ވަނަ އަހަރުގެ މުބާރާތުގައި އުމެއިރު ވަނީ އެ ޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި އެވެ.
އުމެއިރު ވަނީ މާޒިޔާއާ އެކު 2011 ވަނަ އަހަރުގެ އެފްއޭ ކަޕާއި 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕާއި 2016 ވަނަ އަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އިތުރުން 2017 ވަނަ އަހަރުގެ އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ވިކްޓަރީ ސްޕޯޓްސް ކްލަބުން ޑިފެންޑަރެއްގެ ގޮތުގައި 2006 ވަނަ އަހަރު ކެރިއަރު ފެށި އުމެއިރު ވަނީ މާޒިޔާ އާއި ވީބީ ސްޕޯޓްސް ކްލަބް އަދި ނިއު އަށް ވެސް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ފަހުން އޭނާ ފެނިފައިވަނީ މިޑްފީލްޑަރެއް ނުވަތަ ފޯވާޑެއްގެ ގޮތުގަ އެވެ. އޭނާ ގްރީން ސްޓްރީޓްސް އަށް ބަދަލުވީ މިދިޔަ ސީޒަނަށެވެ. އެ ޓީމުން އެންމެ ފަހުން ކުޅުނު މެޗުތަކުގައި ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ އުމެއިރު އެވެ.
ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ކޯޗުކަމުގައި ކުރިއަށް އޮތް ސީޒަނަށް މާޒިޔާ ނުކުންނައިރު އެ ޓީމު އަންނަނީ އޮކްޓޫބަރު 23 އިން ނޮވެމްބަރު ހަތަރަކަށް މާލޭގައި ކުރިއަށްދާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިދިޔަ ސީޒަނުގައި މާޒިޔާ އިން ފެނުނު ގިނަ ކުޅުންތެރިންތަކެއް ކުރިއަށް އޮތް ސީޒަނުގައި ވެސް އެ ޓީމުން ފެންނާނެ އެވެ. މާޒިޔާ އިން ވަނީ ގްރީން ސްޓްރީޓްސް އަށް އެންމެ ފަހުން ކުޅުނު އަސްހަދު އަލީ (އަޑުބަރޭ) ގެންނަން ވެސް ވާހަކަ ދައްކައިފަ އެވެ.
އޭއެފްސީ ކަޕްގައި މާޒިޔާއާ އެކު ދެކުނު އޭޝިއާގެ ގްރޫޕްގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް ވެސް ވާދަކުރެ އެވެ. ދެން މި ގްރޫޕްގައި އޮތީ އިންޑިއާގެ ޗެންނާއީ ސިޓީ އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އެވެ.