ކޮވިޑް-19ގެ ކޭސްތައް ގިނަވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް މި މަހު ތިން ވަނަ ދުވަހު ދިރާގު ދިވެހި ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލާފައިވާއިރު، އާ ގައިޑްލައިނެއްގެ ދަށުން ފުޓްބޯޅަ ކްލަބްތަކުގެ ޕްރެކްޓިސްތައް ފެށުމުގެ ހުއްދަ އެޗްޕީއޭ އިން އިއްޔެ ދީފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އިއްޔެ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ފޮނުއްވި ސިޓީގައިވާ ގޮތުން އެފްއޭއެމާއި އެޗްޕީއޭ މަޝްވަރާކުރެވިގެން ތައްޔާރުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޕްރެކްޓިސްތައް ކުރިއަށްގެންދިއުން ރަނގަޅު ކަމަށެވެ.

މާލެ ސަރަހައްދުގައި މިހާރު ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ އެޗްޕީއޭ އިން ބަލި ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ކްލަބްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އަމަލުތައް ބެހެއްޓުމާއި ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރަން އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ.

ޕްރެކްޓިސް ފެށުމުގެ ހުއްދަދިން ނަމަވެސް އެޗްޕީއޭ އިން ވަނީ އެފްއޭއެމްގެ ކިބައިން ޕްރެކްޓިސް ފެށުން އަދިވެސް ލަސްކުރެވެން އޮތް ނަމަ އެ ގޮތަށް އަމަލުކުރަން އެދިފަ އެވެ.

"ކޮވިޑް-19ގެ ކޭސްތައް މިހާރު ގިނަވެފައިވުމާ ގުޅިގެން އިތުރު ފިޔަވަޅުތަކެއް އެޅިފައިވުމާ އެކު އަދި 2 ހަފްތާއެއްހާ ދުވަހު ތަމްރީންތައް (ޕްރެކްޓިސް) ފެށުން މަޑުޖައްސާލުމަކީ މި އެޖެންސީގެ އެދުމެކެވެ،" އެޗްޕީއޭ އިން އެފްއޭއެމަށް ފޮނުވި ސިޓީގައިވެ އެވެ.

ރާއްޖޭގައި ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރޭތީ މިދިޔަ ސީޒަން އަވަހަށް ނިންމާލީ މިދިޔަ އަހަރުގެ މާޗް މަހުގަ އެވެ. އެއީ ސީޒަންގެ ފަހު ދެ މުބާރާތް ކަމަށްވާ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލް ކުރުމަށް ފަހު އެވެ. ނުވަ މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު އަލުން ފުޓްބޯޅަ ޓީމުތަކުގެ ޕްރެކްޓިސްތައް ފެށުނީ މިދިޔަ އޮކްޓޫބަރު މަހު އެވެ. އެއީ އެފްއޭއެމާއި އެޗްޕީއޭ އިން އޭރުގެ ހާލަތަށް އެކަށޭނެ ގޮތަށް ކަނޑައެޅި ގައިޑްލައިނެއްގެ ދަށުންނެވެ. ގައިޑްލައިންތަކާ އެއްގޮތަށް ހުރިހާ ކްލަބަކުން ވެސް އަމަލުކުރީ ކޮންމެ ޓީމަކުން ވެސް އެކަމަށް ހާއްސަ ހައިޖީން އޮފިސަރެއް ބަހައްޓައިގެންނެވެ.

އެޗްޕީއޭގެ އެންގުމާ އެއްގޮތަށް ހުރިހާ ޓީމުތަކެއްގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން އެފްއޭއެމްގެ މުވައްފުންނާއި މީޑިއާ ހިމެނޭގޮތަށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ފަހު ލީގު ފެށީ މިދިޔަ ޑިސެމްބަރު މަހުގަ އެވެ.

ލީގު ފަށައިގެން ފުރަތަމަ ބުރުގެ ކުޅުން ނިމި ދެ ވަނަ ބުރުގެ ވެސް ބައެއް މެޗުތައް ކުޅެ ނިމިފައިވަނިކޮށް ލީގު ހުއްޓާލަން ޖެހުމުން ފުޓްބޯޅަ އަށް ވަރަށް ބޮޑު ގެއްލުމެއް ވަނީ ކުރިމަތިވެފަ އެވެ. މާލީ ގޮތުން ކްލަބްތަކާއި ކުޅުންތެރިންނަށް ބޮޑު ގެއްލުމެއް ލިބުނުއިރު، ފިޓްނަސް ލެވަލް ދަށްވުމުގެ މައްސަަލަ ވެސް ކުޅުންތެރިންނަށް ކުރިމަތިވާނެ އެވެ.

ލީގު މެދުކަނޑާލުމުން އަވަހަށް ލީގު ފެށުމުގެ ގޮތުން ހުރިހާ ޓީމެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ކޮވިޑް ވެކްސިން ޖަހައިފަ އެވެ. ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައި ނެތުމުން ޓީމުތަކުން މިދިޔަ ދުވަސްތަކުގައި ފިޓްނަސް ހިފެހެއްޓުމުގެ ގޮތުން ބޭނުންކުރީ އެކުވެނި ސިންތެޓިކް ޓްރެކެވެ. އެކަމަކު ހަމައެކަނި ދުވެލައިގެން ފުޓްބޯޅަ ކަހަލަ ޓީމު ކުޅިވަރެއްގެ ފިޓްނަސް ހިފެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ކުޅުންތެރިންނާއި ކޯޗުން ވަނީ މީގެ ކުރިން ކްލަބްތަކުން އިސްވެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފަ އެވެ.