މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވާތީ މިދިޔަ މަހު ތިން ވަނަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް މެދުކަނޑާލި ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ނުފެށި ލަސްވާތީ ދިމާވާ ދަތިތައް އިންތިހާ އަށް ބޮޑުވެ، ލީގު އަލުން ފަށަން ހުއްދަ އަށް އެދި ކަމާބެހޭ ފަރާތްތައް ކައިރިން ފުޓްބޯޅަ ކުޅުންތެރިންނާއި ކޯޗުން އިލްތިމާސެއްކޮށްފި އެވެ.

ލީގުގެ ކުޅުން ފަށަން މިހާތަނަށް ކުރި މަސައްކަތުގައި ކުރިއެރުމެއް ލިބިފައިނުވާތީ ކަމާ ބެހޭ ފަރާތްތަކުން ފުޓްބޯޅަ ކުޅުންތެރިންގެ ހައްގު ހޯދައިދިނުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ގޮވާލައްވައިފަ އެވެ.

މިދިޔަ މަހު ތިން ވަނަ ދުވަހު ކުޅިވަރު ހަރަކާތްތައް ހުއްޓާލަން އެންގިއިރު، އެންމެ ފުރަތަމަ ފުޓްބޯޅަ ކްލަބްތަކަށް ޕްރެކްޓިސް ކޮށްލެވޭނެ ފުރުސަތެއް ވެސް ނެތެވެ. އެހެންވެ ކްލަބްތަކުގެ އިސް ފަރާތްތަކުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވެސް ބައްދަލުކޮށްފަ އެވެ. އޭގެ ފަހުން އެފްއޭއެމްއާ އެކު ކުރި ގިނަ މަޝްވަރާތަކަށް ފަހު އެޗްޕީއޭ އިން ދިން ހަރުކަށި ގައިޑްލައިނެއްގެ ތެރެއިން މިދިޔަ މަހު 28 ވަނަ ދުވަހު ކްލަަބްތަކުން ފަރިތަކުރުންތައް ފެށި އެވެ. އެއީ ހުރިހާ ޓީމެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިގެންނެވެ. އެކަމަކު މިހާރު އެޗްޕީއޭ އިން ލީގު ފަށަން ހުއްދަ ނުދޭތީ ފުޓްބޯޅަ އާއިލާ އޮތީ ބޮޑު ހާސްކަމެއްގެ ތެރޭގަ އެވެ.

އެފްއޭއެމްގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ ޕްރެކްޓިސް ކުރަން ހުއްދަ ދިން ގޮތަށް ލީގުގެ މެޗުތައް ފަށަން ހުއްދަ ނުދެވެންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ. އޭނާ ބުނީ އެޗްޕީއޭ އިން ދީފައިވާ ގައިޑްލައިނުގެ ތެރެއިން މައްސަލައެއް ދިމާނުވެ ފަރިތަކުރުންތައް ކުރިއަށްގެންދާއިރު މެޗެއް ކުޅެލަން ފުރުސަތު ނުލިބި އަންނަ މަހު ހަތް ވަނަ ދުވަހު އޭއެފްސީ ކަޕް ކޮލިފައިންގައި ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވާން ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށެވެ.

"އޭއެފްސީ ކަޕްގެ މެޗުގެ ކުރިން ލީގުގެ ދެ މެޗު ނޫނީ ތިން މެޗު ލިބިގެން ނޫނީ އީގަލްސް އަށް އެންމެ ފުރިހަމަ އަށް ތައްޔާރެއް ނުވެވޭނެ. މަދުވެގެން އެބަ ބޭނުންވޭ ދެ މެޗު ވަރު. ބޫޓާން ޓީމާ އެކު ކުޅޭއިރު ބޫޓާން ލީގު ވެސް ކުރިއަށް ދާއިރު އެ މީހުން މެޗު ކުޅެގެން އެ ހުރި ސްޓޭންޑަޑަށް އީގަލްސް މެޗު ނުކުޅެ ގެންދަން އުނދަގޫވާނެ،" ޝާޒް ބުންޏެވެ.

އީގަލްސްގެ ކުރީގެ ކޯޗު އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދާދި ފަހުން ހަވާލުވި މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ފުޓްބޯޅަ ހުއްޓާލާފައި އޮތުމުން މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރިމަތިވާ ގެއްލުންތައް ބޮޑު ކަމަށެވެ. އަދި މިކަމަށް އޮތް އެންމެ އަވަސް ހައްލަކީ ވީ އެންމެ އަވަހަށް ލީގު ފަށަން ހުއްދަ ދިނުން ކަމަށް މޯހަން ބުންޏެވެ.

ގައުމީ ޓީމުގެ ކެޕްޓަން އަދި ކްލަބް ވެލެންސިއާގެ ޑިފެންޑަރު އަކުރަމް އަބްދުލް ގަނީ ބުނީ ފުޓްބޯޅަ ކުޅުމަކީ ގިނަ ކުޅުންތެރިންތަކެއް އާމްދަނީ ހޯދަން އަދާކުރާ ވަޒީފާ ކަމަށާއި އެކަން ފުރިހަމަ އަށް އަދާކުރެވެން އޮތީ ލީގު ފެށި މެޗުތައް ކުޅެގެން ކަމަށެވެ.

"ވަޒީފާ އަދާކުރެވޭކަށް ނެތް. އެކަން މި އޮތީ ހުއްޓިފައި. ހޮޓާތަކަށް ވަދެވޭ. ކެފޭތަކަށް ގޮސް ކޮފީ ބޯން ތިބެވޭ އެކަމަކު ފުޓްބޯޅަ އެއް ނުކުޅެވޭ. އެހެންވީމަ މިކަމަށް އަވަސް ހައްލެއް ހޯދައިދީ އަޅުގަނޑުމެން ވަޒީފާ އަށް ނުކުންނާނެ ފުރުސަތު ހޯދައިދެއްވާ،" އަކޫ ބުންޏެވެ.

މާޒިޔާގެ ކެޕްޓަން އަދި ގައުމީ ޓީމުގެ ފޯވާޑް އަސަދުﷲ އަބްދުﷲ ބުނީ ކެފޭ ރެސްޓޯރަންޓްތައް ހިންގާ ފަރާތްތަކުގެ ވިޔަފާރި އާއި ވަޒީފާ އަށް ގެއްލުންވާތީ އެ ކަންކަމަށް ލުއިދީފައިވާ ގޮތަށް ފުޓްބޯޅަ ކުޅުންތެރިން ދިރިއުޅުމަށް ކުރާ މަސައްކަތް ކުރަން ވެސް ފުރުސަތު ދޭން އެދޭ ކަމަށެވެ. އަދި އެދެނީ ވީ އެންމެ އަވަހަށް ލީގު ފަށަން ހުއްދަ ދިނުމަށް ކަމަށް އަސަދުﷲ ބުންޏެވެ.

ގައުމީ ޓީމާއި ކްލަބް ވެލެންސިއާގެ ގޯލްކީޕަރު އަދި 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު ފައިސަލް ބުނީ އެޗްޕީއޭގެ ގައިޑްލައިންތައް މިހާރު އޮތްގޮތުން ފުޓްބޯޅަ ކުޅުންތެރިންނަށް ވަޒީފާ އަދާކުރެވޭނެ ގޮތެއް ނެތް ކަމަށާއި ކަސްރަތުކުރަން ޖިމްތަކަށް ދިއުން ފަދަ ކަންކަމަށް ފުރުސަތު އޮންނަ ގޮތަށް ފުޓްބޯޅަ ކުޅެން ވެސް ވީ އެންމެ އަވަހަށް ފުރުސަތު ދޭން އެދޭ ކަމަށެވެ.

ތަޖުރިބާކާރު ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ ގިނަ ކޯޗުން ދިރިއުޅުމަށް ކުރާ ހަމައެކަނި މަސައްކަތަކީ ފުޓްބޯޅަ ކޯޗިން ކަމަށާއި އެކަން ކުރެވޭނެ މަގެއް ވީ އެންމެ އަވަހަށް ކަމާބެހޭ ފަރާތްތަކުން ދައްކައިދޭން އެދޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަޒީފާ އަދާކުރެވެން އޮތީ ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ކުރިއަށް ގެންދެވިގެން. އުއްމީދުކުރަނީ އަޅުގަނޑުމެންގެ ދިރިއުޅުމުގައިގެން ކުރިއަށްދެވޭނެ ގޮތެއް ވީހާ ވެސް އަވަހަށް ހަމަޖެހިގެންދިއުން،" އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގެ އިތުރުން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި ސާންތީ ބުންޏެވެ.

އިންޑިއާއާ ވާދަކޮށް ރާއްޖޭން ވަނީ މި އަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ހޯސްޓް ކުރުމުގެ ބިޑް ކާމިޔާބުކޮށްފަ އެވެ. އެކަން ކުރީ އެޗްޕީއޭ އާއި ސްޕޯޓްސް މިނިސްޓްރީގެ ވެސް އެއްބާރުލުން ލިބިގެންނެވެ. މި ވަގުތު މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އޮތް ރާއްޖޭގެ ޓީމަކީ އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ އެވެ. އީގަލްސް އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވާދަކުރެ އެވެ. މި ދެ ޓީމުން ވެސް އެދެނީ އެ މުބާރާތްތަށް ރަނގަޅަށް ތައްޔާރުވުމުގެ ގޮތުން އަލުން ލީގު ފެށޭނެ ގޮތެއް ހަދައިދިނުމެވެ.

މާޒިޔާ އިން ވަނީ ދިވެހި ޕްރިމިއާ ލީގު ފަށަން ކުރާ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެއްބާރުލުމަށް އެދިފަ އެވެ.

"ފުޓްބޯޅަ ކްލަބްތަކާއި ކުޅުންތެރިން ވެސް މި ތިބީ ވަރަށް މާޔޫސްވެފައި. މިއީ ވަރަށް ބައިވަރު ޒުވާނުން ޝާމިލްވާކަމެއް. މި ޒުވާނުން އާމްދަނީ ހޯދަނީ ބޯޅަ ކުޅެގެން. މި ކަމުގައި ކުޅުންތެރިންނާއި ކްލަބްތަކަށް ހައްލެއް ހޯދައިދިނުމަށް މަނިކުފާނުގެ އަރިހުން އެދެން،" ރައީސް ނަޝީދުގެ ރަސްމީ ޓްވިޓާ އެކައުންޓް ޓެގް ކުރުމަށް ފަހު މާޒިޔާ އިން ކުރި ޓްވީޓްގައިވެ އެވެ.

ލީގު ފަށަން ކުރެވޭ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން މާޒިޔާ އިން ވަނީ ގަލޮޅު ދަނޑުގައި ބަހައްޓަން ޑިސްއިންފެކްޓް ގޭޓެއް ހަދިޔާކޮށްފަ އެވެ.

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ވަނީ ފުޓްބޯޅަ ލީގު ހުއްޓާލާފައި އޮތުމުން ކްލަބްތަކަށް ވާ ގެއްލުން ބޮޑު ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި ވަރަށް އަވަހަށް ކުޅިވަރުގެ ހަރަކާތްތައް ފެށޭތޯ ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފުޓްބޯޅަ އަކީ ރާއްޖޭގެ ވަކިވަކި ކުޅިވަރަށް ބަލާއިރު، އެންމެ ގިނަ ބަޔެއްގެ އާމްދަނީ ބަރޯސާވެފައި އޮތް ކުޅިވަރެވެ. މިދިޔަ ސީޒަނުގައި ކޮވިޑް-19ގެ ސަބަބުން ސީޒަން އަވަހަށް ނިންމާލާ މާޗް މަހު ފަހުކޮޅުގަ އެވެ. އެއީ ސީޒަނުގެ ފަހު ދެ މުބާރާތް ކަމަށްވާ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކޮށްފަ އެވެ. އޭގެ ފަހުން އަލުން ފުޓްބޯޅަ ހަރަކާތްތައް ފެށުނީ އަށް މަސް ފަހުންނެވެ. އަލުން ފެށިތާ ދެ މަހެއްހާ ދުވަސް ތެރޭ އަނެއްކާ ވެސް ހުއްޓާލަން ޖެހުމުން ކުޅުންތެރިންނަށް ވަނީ ވަރަށް ގިނަގޮތްގޮތުން ދަތިވެފަ އެވެ.