ކޮވިޑް-19ގެ ކޭސްތައް ގިނަވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް މި މަހު ތިން ވަނަ ދުވަހު ދިރާގު ދިވެހި ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލާފައި އޮތުމަށް ފަހު އާ ގައިޑްލައިނެއްގެ ދަށުން ފުޓްބޯޅަ ކްލަބްތަކުގެ ޕްރެކްޓިސްތައް ފަށަން އެޗްޕީއޭ އިން ދިން ހުއްދައާ އެއްގޮތަށް ކްލަބްތަކުން މިއަދު ޕްރެކްޓިސް ފަށައިފި އެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ބުރާސްފަތި ދުވަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ފޮނުއްވި ސިޓީގައިވާ ގޮތުން އެފްއޭއެމާއި އެޗްޕީއޭ މަޝްވަރާކޮށްގެން ތައްޔާރުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޕްރެކްޓިސްތައް ކުރިއަށްގެންދިއުމަށް ހުރަހެއް ނެތެވެ. އެކަމަކު މާލެ ސަރަހައްދުގައި ކޮވިޑް-19 ކޮންޓްރޯލްކުރަން މި ވަގުތު އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން އަދި ދެ ހަފްތާ އަށް ފަރިތަކުރުންތައް މަޑުޖައްސާލުމަށް އެޗްޕީއޭ އިން އެދިފައިވެ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސްކެރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރު" އަށް ވިދާޅުވީ ކުރެވުނު މަޝްވަރާތަކަށް ފަހު ކްލަބްތަކުން ބޭނުންވީ ކިތަންމެ ހަރުކަށި ގައިޑްލައިންތަކެއްގެ ދަށުން ވިޔަސް އަވަހަށް ޕްރެކްޓިސް ފެށުމަށް ކަމަށެވެ. އެއީ ލީގު މެދުކަނޑާލާފައި އޮންނަތާ މި ވީ މުއްދަތުގެތެރޭގައި ވެސް ކްލަބްތަކާއި ކުޅުންތެރިންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ ކަމަށް ޖަވާ ވިދާޅުވި އެވެ.
"ކްލަބްތަކުގެ އެދުމާ އެއްގޮތަށް ގައިޑްލައިންތަކުގެ ދަށުން ޕްރެކްޓިސްތައް ދާނީ. އެފްއޭއެމުން ވެސް ވަރަށް ރަނގަޅަށް ގައިޑްލައިނަށް ފޮލޯކުރޭތޯ ބަލާނަން، ކްލަބްތަކުން އެދުނީ ގަޑިއިރެއް ވިޔަސް ޕްރެކްޓިސް ކުރެވޭ ނަމަ އެގޮތް ހަދައި އަވަހަށް ފަށަން،" ޖަވާ ވިދާޅުވި އެވެ.
ޖަވާ ވިދާޅުވީ އެފްއޭއެމުން ފުރަތަމަ ވާހަކަ ދެއްކީ އޭއެފްސީ ކަޕްްގައި ކުޅޭ އީގަލްސް އާއި މާޒިޔާ އަށް ފަރިތަކުރުމުގެ ފުރުސަތު ފުރަތަމަ ދީފައި ދެން އެހެން ކްލަބްތަކަށް ވެސް ދޭ ގޮތަށް ކަމަށާއި އެކަމަކު އެއީ އެންމެ އިންސާފުވެރި ގޮތަށް ނުވާނެތީ އެ ހިޔާލު ދޫކޮށްލީ ކަމަށެވެ. އެއީ ހުރިހާ ކްލަބަކުން ވެސް ވީ އެންމެ އަވަހަށް ޕްރެކްޓިސް ފެށުން މުހިއްމު ކަމަށް ފެންނާތީ އެވެ.
އާ ގައިޑްލައިންގެ ދަށުން މިއަދު ހެނދުނު ޕްރެކްޓިސް ފެށިއިރު، އެންމެ ފުރަތަމަ ފަރިތަކުރުންތައް ބޭއްވީ ޓީސީ ސްޕޯޓްސް ކްލަބުންނެވެ.
އެޗްޕީއޭއާ މަޝްވަރާކޮށް ހެދި ގައިޑްލައިންގައިވާ ގޮތުން ފަހަރަކު ދަނޑެއްގައި ޕްރެކްޓިސް ކުރެވޭނީ ޓީމަކަށެވެ. މީގެ ކުރިން ދަނޑެއްގައި އެއް ފަހަރާ ދެ ޓީމުން ޕްރެކްޓިސް ކުރި ނަމަވެސް އާ ގައިޑްލައިންގެ ދަށުން އެ ގޮތަށް އެކަމެއް ނުކުރެވޭނެ އެވެ. އާ ގައިޑްލައިންގެ ދަށުން ޖުމްލަ 20 ކުޅުންތެރިންނާ އެކު ޓްރެއިނިން ކުރިއަށް ގެންދަން ފުރުސަތު ދިނީ ހާފެއްގައި 10 ކުޅުންތެރިން ޓްރެއިންކުރާ ގޮތަށެވެ.
ލީގު މެދުކަނޑާލުމުން އަވަހަށް ލީގު ފެށުމުގެ ގޮތުން ހުރިހާ ޓީމެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ކޮވިޑް ވެކްސިން ޖަހައިފަ އެވެ. ޖަވާ ވިދާޅުވީ އާ ގައިޑްލައިންގެ ދަށުން ކޮންމެ ޓީމެއްގެ ކުޅުންތެރިން ވެސް ދެ ހަފްތާ އިން ޕީސީއާރް ޓެސްޓް ހަދަން ޖެހޭ ކަމަށެވެ.
މި ފަހަރުގެ ގައިޑްލައިންގައި ވެސް އެންމެ އިސް ޒިންމާއެއް އޮތީ ސީޒަން ފެށިއިރު ކޮންމެ ކްލަބަކުން ތަމްރީން ކުރި ހައިޖީން އޮފިސަރަށެވެ. އެ ގޮތުން ގައިޑްލައިނާ އެއްގޮތަށް ހުރިހާ ކަމެއް ކްލަބްތަކުން ކުރޭތޯ ބަލައި އެކަން ހަމަޖައްސަން ޖެހޭނީ ހައިޖީން އޮފިސަރެވެ.
މިދިޔަ އޮކްޓޫބަރު މަހު ޕްރީ ސީޒަން ޕްރެކްޓިސް ފެށީ ވެސް އެޗްޕީއޭ އާއި އެފްއޭއެމުން މަޝްވަރާ ކުރެވިގެން އެކުލަވާލި ގައިޑްލައިނެއްގެ ދަށުންނެވެ. އޭގެ ހިމެނޭ ގިނަ ކަންކަން މި ފަހަރު އެޗްޕީއޭއާ މަޝްވަރާކުރެވުނު ގައިޑްލައިންގައި ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ޓްރެއިނިން އަށް އަންނައިރު މާސް އެޅުމާއި ޓްރެއިނިން ފެށުމުގެ ކުރިން އެންމެންގެ ފިނި ހޫނުމިން ޗެކް ކުރުމުގެ އިތުރުން ސެނިޓައިޒްކުރުމުގެ އިންތިޒާމްތައް ހަމަޖައްސައިދިނުން ހިމެނެ އެވެ.