ގައުމީ ބެޑްމިންޓަން ޓީމުގެ ދެ ކުޅުންތެރިން ނަބީހާ އާއި ނަބާހާ.-- ފޮޓޯ: ބެޑްމިންޓަން އެސޯސިއޭޝަން
21 ނޮވެމްބަރ 2016 - 10:18
ޖަޕާންގެ ޓޯކިޔޯގައި 2020 ވަަނަ އަހަރު އޮންނަ އޮލިމްޕިކްސް އަށް ކޮލިފައިވުމަށް ކުރިއަށްގެންދާ ތަމްރީންތަކުގައި ބައިވެރިވުމަށް ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ ޖަޕާނަށް ފުރައިފި އެވެ.
މިދިޔަ އަހަރު ފެށި މި ތަމްރީން ޕްރޮގްރާމް 2020 ވަަނަ އަހަރާ ހަމައަށް ކުރިއަށްދާނެ އެވެ. ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ ނަބާހާ އާއި ނަބީހާގެ ކިޔެވުން ކުރިއަށްދާތީ މިހާރު ދަނީ ކުރު މުއްދަތުގެ ޓްރެއިނިން ޕްރޮގްރާމްތަކަށް ކަމަށާއި އޭ ލެވެލް ނިމުމުން ދެ ކުޅުންތެރިން އޮލިމްޕިކްސްއާ ހަމައަށް ޖަޕާންގައި ޓްރެއިނިން ކުރިއަށްގެންދާނެ ކަަމަށެވެ.
ނަބާހާ އާއި ނަބީހާ އަކީ ބެޑްމިންޓަން ޖޫނިއާ ގައުމީ ޓީމުން ފެށިގެން އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ދެ ކުޅުންތެރިންނެވެ. ޖަޕާންގައި ނަބީހާ އާއި ނަބާހާގެ ޓްރެއިނިން ކުރިއަށްގެންދަނީ "ސްޕޯޓްސް ފޯ ޓުމޯރޯ"، އަލްޕާ ބެޑްމިންޓަން ނެޓްވޯކާ ގުޅިގެންނެވެ. މިއީ ޖަޕާން ސަރުކާރުގެ އެހީއާ އެކު ރާއްޖޭގެ ބެޑްމިންޓަން ދެ ކުޅުންތެރިޔަކަށް ދީފައިވާ ފުރުސަތެކެވެ.
އެންޕީއޯ އަލްފާ ބެޑްމިންޓަން އެކަޑަމީގެ ނަބާހާ އާއި ނަބީހާގެ ވީޑިއޯ ޕޯސްޓް.---
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ފަރިތަކުރުމަށް ގައުމީ ބެޑްމިންޓަން ކުޅުންތެރިޔާ ޒަޔާން ޒަކީ ވެސް އަންނަނީ މެލޭޝިއާގައި ތަމްރީންތައް ހަދަމުންނެވެ.
މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ބެޑްމިންޓަން އެސޯސިއޭޝަނުން ކަނޑައެޅި ޓާގެޓަކީ ރަން މެޑަލް ހޯދުމެވެ. އެކަން ހާސިލްނުވި ނަމަވެސް ފިރިހެން ބެޑްމިންޓަން ޓީމުން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. އަންހެން ޓީމުން ލޯ މެޑެއްޔެއް ހޯދި އެވެ. އެކަމުން ފިލާވަޅު ހޯދައި ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރާއްޖެ އަށް ރަން މެޑެއްޔެއް ގެންނަން ދުރު ރާސްތާ ޕްލޭނަކާ އެކު މަސައްކަތް ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy