އަންނަ މަހުގެ 4-9 އަށް ފިލިޕީންސްގެ މެނީލާގައި ބާއްވާ ބީޑަބްލިއުއެފް ޖޫނިއާ އިންޓަނޭޝަނަލް ސީރީޒްގައި ވާދަކުރަން ރާއްޖޭގެ ޖޫނިއާ ބެޑްމިންޓަން ޓީމު ފުރައިފި އެވެ.

މެނީލާގެ ގޭމްވިލް ސެންޓްރަލް ޕާކުގައި ބާއްވާ މި މުބާރާތުގައި ރާއްޖޭން ވާދަކުރާނީ އުމުރުން 15 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ކެޓެގަރީގަ އެވެ.

އުމުރުން 15 އަހަރުން ދަށުގެ ކެޓެގަރީގައި ވާދަކުރާނީ ރިޝާމް އަބްދުލް ފައްތާހާއި ލައިބާ އަހުމަދު މަހުލޫފް އަދި ޔަލްވީ ހުސެއިން ޒުހުރީ އެވެ.

މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ 19 އަހަރުން ދަށުގެ ކުޅުންތެރިންނަކީ އަހުމަދު ފަލާހް ފަރޫޒާން، އިޒްޔާން އަބްދުﷲ ސައީދު އަދި މުހައްމަދު އައިދިން އަންވަރުގެ އިތުރުން އާމިނަތު އަމްނާ އަލީ އާމިރެވެ.

ސިންގަލްސް އިވެންޓްގެ އިތުރުން ބައެއް ޑަބަލްސް އިވެންޓްތަކުގައި ވެސް މި ކުޅުންތެރިން ވާދަކުރާނެ އެވެ.

އުމުރުން 15 އަހަރުން ދަށުގެ އުމުރުފުރާގެ މިކްސްޑް ޑަބަލްސް އިވެންޓްގައި ވާދަކުރާނީ ޔަލްވީ އާއި ރިޝާމްގެ ޕެއާ އެވެ. އަންހެން ޑަބަލްސް އިވެންޓްގައި ލައިބާ ވާދަ ކުރާނީ އިންޑިއާގެ ކައިރާ ރައިނާއާ އެކު އެވެ.

އުމުރުން 19 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން ޑަބަލްސް އިވެންޓްގައި އިޒްޔާން އާއި ފަލާހްގެ ޕެއާ ވާދަ ކުރާގޮތަށް ހަމަޖެހިފައި ވާއިރު، މިކްސްޑް ޑަބަލްސް އިވެންޓްގައި ރާއްޖޭގެ ދެ ޕެއާއެއް ވާދަ ކުރާނެ އެވެ. އެއީ އިޒްޔާން އާއި އަމްނާގެ އިތުރުން ފަލާހް އާއި ލައިބާގެ ޕެއާ އެވެ.

ފިލިޕީންސް ޖޫނިއާ އިންޓަނޭޝަނަލް ސީރީޒްގެ ކުރިން ރާއްޖޭގެ ޓީމު ހަތް ދުވަހުގެ ތަމްރީން ކޭމްޕެއް ފުރިހަމަ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.