އުމްރާގެ އަޅުކަމަށް މި މަހު 5،500 އަށް ވުރެ ގިނަ މީހުން ގޮސްފައިވާ ކަމަށް އެމްއޭސީއެލުން މިއަދު ބުނެފި އެވެ.

އެ ކުންފުނިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އުމްރާ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 5،565 އަށް ވުރެ ގިނަ މީހުން ފުރާފައިވާ ކަމަށެވެ. އެކަން ފަސޭހައިން ހަމަޖެއްސުމުގައި އެހީތެރިކަން ދިން އެންމެންނަށް އެމްއޭސީއެލް އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ސްކޫލު ޗުއްޓީގެ ބަންދާ ދިމާކޮށް އެކި އުމުރުގެ މީހުން ހިމެނޭ ގޮތަށް އާއިލާތައް އުމްރާއަށް ދެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެ ކުރިން ވިދާޅުވީ 30 ގްރޫޕުގެ ހަވާލުގައި އުމްރާ އަށް 4،000 އަށް ވުރެ ގިނަ މީހުން ދިޔަ ކަމަށެވެ. ނަމަވެސް، އެ އަދަދު ވަނީ އިތުރުވެފަ އެވެ.

މީގެ ކުރިން އުމްރާގެ އަޅުކަމަށް އާއްމުކޮށް ގޮސް އުޅުނީ ބޮޑެތި މީހުން އެކަންޏެވެ. ނަމަވެސް، ފާއިތުވި ފަސް ވަރަކަށް އަހަރުގެ ތެރޭގައި އެ ޓްރެންޑަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.