ގާނޫނީ ވަކީލު މަހްފޫޒް ސައީދަށް ތޫނު އެއްޗަކުން ހަމަލާދިނީ ކާކުކަން ނޭނގޭ ކަމަށް، އެ މަންޒަރު ދުށް ހެކިވެރިއަކު ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

ސެޕްޓެމްބަރު، 2015ގައި މަހްފޫޒުގެ ބޮލަށް ވަޅި ހަރައި ޒަހަމްކޮށްލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުން ކޮށްގެން މީހަކު މަރާލަން އުޅުމާއި މީހަކު މަރާލަން އުޅުމުގައި ބައިވެރިވުމުގެ ދައުވާ ތިން މީހެއްގެ މައްޗަށް ދައުލަތުން ކުރެ އެވެ. އެއީ ހުޅުމާލޭ ފްލެޓް، ފިިރާޒް ޖައުފަރާއި ހ. ސެނާ ޚާލިދު ނަފީއުގެ އިތުރުން ހުޅުމާލޭ 11270، އަހުމަދު ރާއިދެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ދިނީ ވަޅި ހެރުމުގެ ކުރިން މަހްފޫޒް ސައިކަލުގައި މަޑުކޮށްގެން އިންދާ ފެނުނު އަދި ވަޅި ހަރާފައި ވަނިކޮށް އެ މަންޒަރު ވެސް ފެނުނު މީހެކެވެ. ކާކުކަން ނޭނގޭ ގޮތަށް، އަޑު ބަދަލުކޮށްގެން ހެކިބަސް ދެމުން އެ މީހާ ބުނި ގޮތުގައި ވަޅި ހެރުމުގެ ކުރިން މަހްފޫޒް ސައިކަލު މަތީގައި އިންދާ މީހަކު އެ ދިމާލަށް އައިސްފައި ދިޔަތަން ފެނުނު ކަމަށެވެ.

އޭގެ ފަހުން މަހްފޫޒްގެ ކޮންމެވެސް ތަނަކަށް ވަޅި ހަރާފައި ހުއްޓާ ފެނުނު ކަމަށް އެ ހެކިވެރިޔާ ބުންޏަސް، ވަޅި ހަރާފައި ހުރި ތަނެއް އެ ހެކިވެރިޔާ ހަނދާނެއް ނެތެވެ. އަދި ހަމަލާ ދިން މީހުންގެ ތެރެއިން އެކަކު ހުރީ އިސްތަށިގަނޑު ދިގުކޮށްފައި ކަމަށާއި އެކަމަކު އެ މީހާ ވެސް ފެނުނީ ފުރަގަހުން ކަމަށް އެ ހެކިވެރިޔާ ބުންޏެވެ. ހަމަލާ ދިނީ މަހްފޫޒްގެ ކޮން ތަނަކަށް ކަން އެނގޭތޯ ތަކުރާރުކޮށް ދައުލަތުން ސުވާލު ކުރުމުން ވެސް އެ ހެކިވެރިޔާ ބުނި ގޮތުގައި އެކަން ހަނދާނެއް ނެތެވެ،

ވީޑިއޯ މެދުވެރިކޮށް، ދައުވާ ލިބޭ ތިން މީހުން ދެއްކުމަށް ފަހު، އެއިން މީހަކު އެއްވެސް ތަނަކުން ފެނުނުތޯ ދިފާއީ ވަކީލު ސުވާލު ކުރުމުން ހެކިވެރިޔާ ބުނީ ދައުވާ ލިބޭ އެއްވެސް މީހަކު އެއްވެސް ތަނަކުން ކުރިން ފެނިފައި ނެތް ކަމަށެވެ. އަދި އެ މީހުން އެއްވެސް ވަރަކަށް ނުދަންނަ ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.

މިއަދު ދެވަނަ އަށް ހެކިބަސް ދިނީ މަހްފޫޒްގެ ބޮލަށް ވަޅި ހަރާފައި ހުއްޓާ އެ މަންޒަރު ފެނުނު މީހެކެވެ. އެކަމަކު ހަމަލާ ދިން މަންޒަރު އޭނާ އަކަށް ނުފެނެ އެވެ. ހަމަލާ ދިން ދުވަހާއި ވަގުތު ވެސް ސާފުކޮށް ބުނެދިނުމަށް ފަހު އެ ހެކިވެރިޔާ ބުނީ މަހްފޫޒްގެ ބޮލުގެ ވާތް ފަރާތަށް ވަޅި ހަރާފައި ހުއްޓާ ފެނުނު ކަމަށާއި އަދި އާންމުން އޭނާ އަށް އެހީތެރިވި މަންޒަރު ވެސް ފެނުނު ކަމަށެވެ.

އެ ހެކިވެރިޔާގެ ހެކިބަހާ ގުޅިގެން ދިފާއީ ވަކީލް އަލީ ޝާހު ވަނީ އެ ހެކިބަސް ނެގި ސަބަބާ މެދު ސުވާލު އުފައްދައިފަ އެވެ. ވަކީލް ޝާހު ވިދާޅުވީ އެ ހެކިވެރިޔާއަކީ މަހްފޫޒަށް ވަޅިން ހަމަލާދިން ކަން ސާބިތުކުރަން ހުށަހަޅާފައިވާ ހެކިވެރިއެއް ކަމަށާއި އެކަމަކު އެއީ ޑޮކްޓަރުގެ ލިޔުންތަކުން ވެސް އެނގެން އޮތް ކަމެއް ކަމަށެވެ. އެހެންވީ އިރު، އެ ހެކިވެރިޔާގެ ހެކިބަހުން ދައުވާ ލިބޭ މީހުންނާ އެ އަމަލު ގުޅުވެނީ ކިހިނެއްތޯ ޝާހު ސުވާލު އުފެއްދެވި އެވެ.

މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ އެ ހެކިވެރިޔާގެ ހެކިބަސް ނެންގެވީ އެއީ ޝަރީއަތަށް ބަލައިގެންފައިވާ ހެއްކަކަށް ވާތީ ކަމަށާއި ހެކިބަސް ނެގުމުގެ މަރުހަލާގައި އޮންނާނީ ހެކިބަސް ނެގުން ކަމަށެވެ. އަދި ހެކިވެރިންގެ ހެކިބަހާ މެދު ދެ ފަރާތުން ފާހަގަކުރާ ކަންކަމަށް ރިއާޔަތްކޮށް، ހެކިބަހަށް ދޭނެ ބުރަދަނެއް ކަނޑައަޅާނީ މައްސަލަ ނިންމަމުން ކަމަށް ވެސް ގާޒީ އާދަމް ވިދާޅުވި އެވެ.

މިއަދު ދެ ހެކިވެރިއެއްގެ ހެކިބަސް ނެގި އިރު، އަދިވެސް އިތުރު ހެކިންގެ ހެކިބަސް ނެގުން ކުރިއަށް އެބައޮތެވެ. ދެން އޮންނަ އަޑުއެހުމެއްގައި ވެސް އޮންނާނީ ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިންގެ ހެކިބަސް ނެގުމެވެ.

ހުރިހާ ހެކިވެރިންގެ ހެކިބަސް އެއް ދުވަހެއްގައި ނެގޭނެ އިންތިޒާމެއް ހަމަޖައްސަން ދައުވާ ލިބޭ ތިން މީހުންގެ ވަކީލް ޝާހު އެދިވަޑައިގަތެވެ. އަދި ތިން އަހަރުވުމާ ގާތްވެފައިވާ އެ މައްސަލަ ނުނިމި ގިނަ ދުވަސްވާތީ އެކަމުގެ ޝަކުވާ ވެސް ދައުވާ ލިބޭ ތިން މީހުން މިއަދު ކުރި އެވެ.

ޖަވާބުގައި ގާޒީ ވިދާޅުވީ އެ މައްސަލައަކީ ގިނަ ދުވަސްވީ މައްސަލައެއް ކަން ގަބޫލު ކުރައްވާ ކަމަށާއި އެ މައްސަލަ އަވަހަށް ނިންމަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ހުރިހާ މައްސަލައެއްގައި ވެސް އެއް ދުވަހެއްގައި ހެކިބަސް ނެގުމަށް ކޯޓުން މަސައްކަތް ކުރާ ކަމަށާއި އެކަން ނުކުރެވި އޮންނަނީ އެކި ސަބަބުތަކާ ހެދި ކުރިމަތިވާ ދަތިތަކުގެ ސަބަބުން ކަމަށް ވެސް ގާޒީ އާދަމް ވިދާޅުވި އެވެ.

ބަންދުގައި ބޭތިއްބުމަށް ފަހު ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލާފައިވާ އެ މީހުންގެ ޝަރުތުތަކަށް ލުޔެއް ދޭން އެދުމުން ގާޒީ ވަނީ އެ މީހުންގެ ޝަރުތުތަކަށް ވެސް ލުޔެއް ދެއްވައިފަ އެވެ. ކުރިން ރޭގަނޑު 10:00 އިން ފެށިގެން ހެނދުނު 6:00 އާ ހަމައަށް ގެއިން ބޭރަށް ނުކުތުން މަނާކޮށްފައި އޮތުމުން ވަޒީފާ އަށް ދިއުމުގައި ދަތިވާ ކަމަށް ބުނެ އެކަމުގެ ޝަކުވާ ކުރުމުން ގާޒީ ވަނީ އެ ޝަރުތު އުވާލައްވައިފަ އެވެ. އެކަމަކު މާލެއިން ބޭރަށް ދާ ނަމަ ކޯޓުގެ ހުއްދަ ހޯދަން ޖެހޭނެ އެވެ.