މި އަހަރުގެ ދިވެހި ސާފް ލީގު ފުވައްމުލަކުގައި ފަށަން އެމްއެސްއޭ އިން ތައްޔާރު ވެއްޖެ އެވެ.

އެ އެސޯސިއޭޝަނުން ވަނީ ފުރަތަމަ ފަހަރަށް ފުވައްމުލަކުގައި ގައުމީ ލީގުގެ އިވެންޓެއް ބާއްވަން އެ ސިޓީގެ ކައުންސިލާ އެކު އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

"އެލޭއިސް" ނަމުގައި ކުރިއަށް ގެންދާ މުބާރާތުގެ އިދާރީ ބައިވެރިއެއްގެ ގޮތުގައި ފުވައްމުލަކު ކައުންސިލް ހަމަޖެއްސުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތަށް ފަހު އެމްއެސްއޭގެ ރައީސް މުހައްމަދު ސޮބާހު (ޗޭ) ވިދާޅުވީ މިއީ ހާއްސަކޮށް ފުވައްމުލަކު ރާޅާއެޅުންތެރިން ވަރަށް ގިނަ ދުވަހު ކުރި އުންމީދެއްގެ ފެށުން ކަމަށްވެ.

"އިރާދަކުރެއްވިއްޔާ މި ފެށުނީ ފުވައްމުލަކު ސާފިންގެ އާ ސަފްހާއެއް ކަމަށް އުންމީދު ކުރަނީ،" ޗޭ ވިދާޅުވި އެވެ.

ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވީ މިއީ އެ ސިޓީއަކީ ކުޅިވަރުގެ ސިޓީއަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށާއި އަދި ފުވައްމުލަކުގެ ސާފިން ކޮމިއުނިޓީއަށް ވެސް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށެވެ.

އެމްއެސްއޭ އިން މި އަހަރުގެ ސާފް ލީގު ކަލަންޑަރު ވެސް އާއްމު ކޮށްފައިވާއިރު، ފުވައްމުލަކު މުބާރާތުން ލީގު ފެށުމަށް ހަމަޖެހިފައި ވަނީ ކުރިއަށް އޮތް ޖޫން 17 ގަ އެވެ. އެ އަށް ފަހު، ޖުލައި 29 އިން އޮގަސްޓް 1 އަށް މުލީކޮޅު ރާޅުގަނޑު މުބާރާތް ކުރިއަށް ގެންގޮސް، ލ. މާބައިދޫގައި ކެރަންޑޫ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް 26 އިން 29 އަށެވެ. މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ރަންނަމާރި ޗެލެންޖް ބާއްވާނީ ނޮވެމްބަރު 2-8 އަށެވެ.

މިދިޔަ އަހަރު އެމްއެސްއޭ އިން ވަނީ ގައުމީ ސާފް ލީގުގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ބޮޑީބޯޑިން ޑިވިޝަނެއް ބާއްވައިފަ އެވެ. އެއީ މާބައިދޫ މުބާރާތުގަ އެވެ.

މި އަހަރު މާބައިދޫ މުބާރާތުގެ އިތުރުން ފުވައްމުލަކުގައި ވެސް ބޮޑީބޯޑިން ޑިވިޝަން ހިމަނަން ވަނީ ނިންމައިފަ އެވެ.

މިދިޔަ އަހަރުގެ ދިވެހި ސާފް ލީގު ކާމިޔާބުކުރީ އަހުމަދު އާގިލް (އަންމަޑޭ) އެވެ. ޖޫނިއާ ލީގު ކާމިޔާބު ކުރީ ޔަސިން އަހުމަދު ނާޝިދެވެ.