ވ. އަތޮޅުގައި ޑައިވިންނަށް ފައިބައިގެން އުޅެނިކޮށް ގެއްލުނު ޓޫރިސްޓުންގެ ތެރެއިން މިހާތަނަށް ފެނުނު މީހާ މަރުވެފައި އޮތީ 60 މީޓަރު އަޑީގައި ކޭވް އެއްގެ ތެރޭގައި ކަމަށާއި އަނެއް ހަތަރު މީހުން ވެސް ވީ އެތަނުގެ ތެރޭގައި ކަމަށް ބެލެވޭ ކަމަށް  އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.

 އަލިމަތާ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީގެ ފަސް ޓޫރިސްޓުން ގެއްލިގެން މެންދުރުފަހު 1:45 ހާއިރު ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން އެ މީހުން ހޯދަމުން ދަނިކޮށް ފަސް މީހުން ވެސް މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށް ފުލުހުން ފުރަތަމަ ބުންޏެވެ. ނަމަވެސް ފަހުން ބުނީ އެންމެން ފެނުނު ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށައި އަދި ފެނުނީ އެންމެ މީހަކު ކަމަށެވެ. 

އެމްއެންޑީއެފްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ފުރަތަމަ މީހާގެ ހަށިގަނޑު، އިރުއޮއްސި 6:13 ހާއިރު ފެނުނީ، މީހުން ހޯދުމުގެ މަސައްކަތުގައި އުޅުނު ސަފާރީގެ ޑައިވަރުންނަށެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ އެ އަތޮޅު ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފަ އެވެ.

 "މި ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން ކޭވްއެއްގެ ތެރެއިންނެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައެވެ." އެމްއެންޑީއެފްގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

ޑައިވަރުން ގެއްލުން ސަރަހައްދު.-- ފޮޓޯ: އެމްއެންޑީއެފް
ޑައިވަރުން ގެއްލުން ސަރަހައްދު.-- ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފުން ބުނީ މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވަތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ހާއްސަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައި ކަމަށެވެ.

 މި އޮޕަރޭޝަން ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ އެ ސަރަހައްދުގައި ހަރަކާތްތެރިވާނެ ކަމަށް ވެސް ބުންޏެވެ. 

މި ހާދިސާއާ ގުޅޭ ގޮތުން އިޓަލީގެ ފޮރިން މިނިސްޓްރީން ނެރުނު ކުރު ބަޔާނަކާ ހަވާލާދީ އޭއެފްޕީ ނިއުސް އެޖެންސީން ބުނި ގޮތުގައި ފަސް މީހުން ވެސް ވަނީ މަރުވެފަ އެވެ. 

"ސްކޫބާ ޑައިވިން ޓްރިޕެއްގައި ހިނގި އެކްސިޑެންޓެއްގައި އިޓަލީގެ ފަސް މީހަކު ދިވެހިރާއްޖޭގެ، ވ. އަތޮޅުގައި ވަނީ މަރުވެފައި،" އިޓަލީ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ. 

އެ ބަޔާނުގައި ބުނެފައިވަނީ އެ މީހުން މަރުވީ 50 މީޓަރު (164 ފޫޓް) ފުނުގައިވާ ކޭވްތަކެއް ބަލަން އުޅުމުގެ ތެރޭގަ އެވެ. 

އެކަމަކު ރާއްޖޭގައި ރެކްރިއޭޝަނަލް ޑައިވިންގައި ހުއްދަ އޮންނަނީ 30 މީޓަރާ ހަމަޔަށް (98 ފޫޓް) އަށް ފީނުމަށެވެ.