ތުރުކީވިލާތުގެ ވެރިކަންކުރާ އަދާލަތު ވޭ ކަލްކިންމާ ޕާޓީ (އޭކޭ ޕާޓީ) ނުވަތަ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީގެ ވަފުދެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފި އެވެ.
މިއަދު ހެނދުނު ރިޔާސީ ގަނޑުވަރު މުލީއާގޭގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ހިމެނޭ ވަފުދުގެ އިސް ބޭފުޅަކަށް ހުންނެވީ އޭކޭ ޕާޓީގެ ޑެޕިއުޓީ ޗެއާމަން ހުސައިން ޔައިމާނެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އެ ބައްދަލު ކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ރާއްޖެ އާއި ތުރުކީވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމާއި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ހަރުދަނާ ކުރުމުގެ އިތުރުން ސަގާފީ ގޮތުން ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ.
އެ ބައްދަލުވުން ނިންމާލީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ކުރިމަގުގައި ވެސް އިތުރަށް ބަދަހިކުރެއްވުމުގެ ޔަގީންކަން ދެމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ލީޑް ކުރައްވާ އޭކޭ ޕާޓީއާ ރައީސް މުއިއްޒު ބައްދަލު ކުރެއްވިއިރު، ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީ (ސީޕީސީ)ގެ ވަފުދެއް ވެސް މިއަދު ރައީސްގެ އަރިހަށް ޒިޔާރާތެއް ކުރެއްވި އެވެ.
އޭކޭ ޕާޓީ އާއި ސީޕީސީގެ ވަފުދެއް ރާއްޖެ ވަޑައިގެންނެވީ މިހާރު ކުރިއަށްދާ ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތަށެވެ. އަދި ކޮންގްރެސް ފެށުމަށް ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ދެ ވަފުދުން ވެސް ބައިވެރިވިއިރު ރައީސް ވަނީ އެ ބޭފުޅުންނަށް ހޫނު މަރުހަބާއެއް ދަންނަވައި، ޝުކުރު އަދާކުރައްވައިފަ އެވެ.
އޭކޭ ޕާޓީއަކީ 2002 ވަނަ އަހަރުން ފެށިގެން ތުރުކީވިލާތުގައި ވެރިކަން ކުރަމުންދާ ޕާޓީއެވެ.