ސްރީ ލަންކާގައި ދިރިއުޅެމުން އަންނަ މަރިޔަމް ސަމާ ޝަރީފް، އޭނާގެ 22،000 އިންސްޓަގްރާމް ފޮލޯވަރުންގެ ކިބައިން އެހީ އަށް އެދުނީ ލަންކާގެ އިގްތިސޯދީ ހާލަތު ގޯސްވެ، އެ ގައުމުގެ ރައްޔިތުން އުޅެމުންދާ ނިކަމެތި ހާލަތު ކައިރިން ފެނިގެންނެވެ. އެންމެ 48 ގަޑިއިރުގެ ތެރޭގައި 8713 ދިވެހި ރުފިޔާ ލިބުނެވެ.

މީގެ ތިން ދުވަހެއް ކުރިން ސަމާ އޭނާގެ އިންސްޓަގްރާމުގައި އާންމުކުރި ޕޯސްޓުގައި ވަނީ، ލަންކާއަކީ އަބަދުވެސް ދިވެހިންނާ މެދު ގާތް ގުޅުމެއް ބާއްވައި ލޯބި ދިން ގައުމަކަށްވާއިރު އެ ގައުމަށް ދިމާވެފައިވާ އިގްތިސޯދީ ތަދު ދުވަސްވަރުގައި އެ ގާތް ކަމުގެ ބަދަލު ދޭން ބޭނުންވާ ކަމަށެވެ.

އެ ވީޑިއޯއާ އެކު ދިވެހިންގެ ފަރާތުން ލިބުނީ ސަމާ ހީނުކުރާ ވަރުގެ ތަރުހީބެކެވެ. އެ ފައިސާގެ އެހީގައި ފުރަތަމަ އެހީގެ ޕެކޭޖްތައް އޭނާ ބަހާލީ އިއްޔެ އެވެ. އެއާއެކު، އެތައް ބަޔަކު ސަމާ އަށް ވަނީ ތައުރީފު ވެސް ކޮށްފަ އެވެ.

ސަމާ ބުނި ގޮތުގައި 100 މީލް ޕެކާ އެކު 11 ކެއާ ޕެކޭޖް އިއްޔެ ވަނީ ލަންކާގެ އެކި ހިސާބުތަކުގައި އުޅޭ މީހުންނަށް ބަހައިފަ އެވެ.

ކެއާ ޕެކޭޖްގެ ތެރޭގައި ހިމެނެނީ ހަނޑުލައި ފުށާއި ހަކުރު އަދި ލޮނާއި ކާށި ކިރު ޕެކެޓާއި ކައްކާ ތެޔޮ އަދި ސައިފަތާއި ބިސްކޯދު ކަހަލަ އެކި ސާމާނެވެ.

"އެންމެންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. މީހުންތައް ތިބީ ކާ އެއްޗެއްސަށް ވަރަށް ބޮޑަށް ޑެސްޕަރޭޓްވެފައި. މީލް ޕެކްތައް ބަހަން ދިއުމުން މީހުންގަނޑު އަހަރެން ވަށައިލި،" ލަންކާގެ ހާލަތު ކުރު ގޮތަކަށް ކިޔައިދެމުން ސަމާގެ އިންސްޓަގްރާމް ޕޯސްޓެއްގައިވެ އެވެ.

ދިވެހިންގެ ފަރާތުން ލިބުނު އެހީގައި އޭނާ ތައްޔާރުކުރި މީލް ޕެކްތައް ބެހި ވަގުތު އެކި މީހުންނާ އެކު ނަގާފައިވާ ފޮޓޯތައް ވެސް ސޯޝަލް މީޑިއާ އަށް ސަމާ ދޫކޮށްލި އެވެ. އޭނާ ބުނި ގޮތުގައި ފޮޓޯ އާންމުކުރީ ލިބުނު އެހީ ބޭނުންކުރީ ރަނގަޅު ގޮތުގައިކަން އެ މީހުންނަށް ދެއްކުމަށެވެ.

ސަމާ ބުނެފައިވާ ގޮތުގައި އިއްޔެއަކީ އެހީގެ ފުރަތަމަ ދުވަހަށްވާތީ އެންމެ 100 ޕެކް ތައްޔާރުކުރިޔަސް އެ ބުރުގައި ލިބުނު ފައިސާ ވެސް އަދި ބާކީ އެބަހުއްޓެވެ. އެ ފައިސާ ވެސް ބޭނުންކުރާނީ ބޭނުން ޖެހިފައިވާ އާއިލާތަކަށް ކާބޯތަކެތި ފޯރުކޮށްދޭށެވެ.

އޭނާ މިހާރު ތައްޔާރުވަމުން އެ ދަނީ އަންނަ ހުކުރު ދުވަހު އަނެއްކާ ވެސް މީލް ޕެކްތައް ބެހުމަށެވެ.

ސަމާ ބުނީ، ފުރަތަމަ ބުރުގެ މީލް ޕެކްތައް ބަހާލި ފަހުން، އެހީތެރިވާން ބޭނުންވެގެން ގިނަ ބަޔަކު އޭނާއަށް މެސެޖްތަކުރަމުން އަންނަ ކަމަށެވެ.

"ޑޮނޭޓް ކުރަން ބޭނުންވެގެން ގިނަ ބަޔަކު އެކައުންޓް ޑީޓެއިލްސް ހޯދަން އެބަ އެދެމުންދޭ. އަހަރެން އުއްމީދުކުރި ވަރަށް ވުރެ ގިނައިން މި ފަހަރު ވެސް އެހީ ލިބުނު. އެހެންވީމަ އެ ފައިސާ އެހަށް ބޭނުންކުރާނީ. އެންމެނަށް ވެސް އިނގޭ ފައިސާއަކީ އަމާނާތެއްކަން. އެކަމަށް އަހަރެން ސަމާލުވާން ޖެހޭ. މި ވަގުތު ހުރި ފަންޑު ހުސްވުމުން އިތުރަށް ފަންޑު ހޯދަން ހުޅުވާލާނަން،" ސަމާގެ އިސްޓަގްރާމު ސްޓޯރީއެއްގައިވެ އެވެ.

ލަންކާ މިހާރު ތަޖްރިބާކުރަމުން ދަނީ އެ ގައުމު މިނިވަންވީ ފަހުން، އިގްތިސާދީ ގޮތުން އެންމެ ދަތި ދުވަސްތަކެވެ. ޑޮލަރު ނުލިބުމުގެ ސަބަބުން އެންމެ އަސާސީ ތަކެތި ގަންނާނެ ބޭރު ފައިސާއެއް ވެސް އެ ގައުމަކު ނެތެވެ.

ކޮވިޑް-19 އާ ގުޅިގެން ލަންކާގެ ޓޫރިޒަމް ހުއްޓުމަކަށް އައުމުން ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެ ލަންކާ ވަނީ ތެލާއި ގޭހަށް ވެސް ޖެހިފަ އެވެ. ފިހާރަތަކުގައި ވެސް މުދާ ހުސްވެ، އާންމު ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވެ އެވެ.