މާލޭގެ ރައްޔިތުން، 2014 ވަނަ އަހަރު ފެނަށް ޖެހުމާ ގުޅިގެން، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން އުފެއްދި މާލޭ ވޯޓާ ކްރައިސިސް ފަންޑަށް ލިބުނު 107 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ވީ ގޮތް ސާފުކޮށްދޭން އިދިކޮޅު އެމްޑީޕީން މިރޭ ގޮވާލައިފި އެވެ.
އެމްޑީޕީން މިގޮތަށް ގޮވާލީ، މާލެ އިން ފެނާއި ކަރަންޓު އަދި މުވާސަލާތީ ހިދުމަތް މިއަދު އެއްފަހަރާ ކެނޑި ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވި މައްސަލާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ނެރުނު ނޫސް ބަޔާނެއްގަ އެވެ. އެމްޑީޕީން ބުނީ އެމްޑަބްލިއުއެސްސީގެ ޕެނަލް ބޯޑެއްގައި ރޯވެ މުޅި މާލެ އިން ފެނުގެ ހިދުމަތް ކެނޑުމާ ގުޅިގެން، ދެ ވަނަ ފަހަރަށް އެކަން ތަކުރާރުވިޔަ ނުދޭން ފަންޑެއް އުފައްދާފައިވާއިރު، މައްސަލަ ހައްލުކުރަން އެ ފަންޑުން ކޮށްފައިވާ ކަންކަމުގެ ތަފްސީލު ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.
އަސާސީ ތިން ހިދުމަތަކަށް އެއްފަހަރާ ބުރޫއެރުމަކީ، އެމްޑީޕީން ބުނިގޮތުގައި، އަސާސީ ހިދުމަތްތަކުގެ ފެންވަރު އެތައް ގުނައަކަށް ދަށްވެ، ހިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރު ފެއިލްވެފައިވާ ކަން އަންގައިދޭ ކަމެކެވެ. ކަރަންޓާއި ފެން "ޔަގީން" ނަމުގައި ސިޔާސަތުތަކެއް ކަނޑައަޅާފައިވީ ނަމަވެސް ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ކަރަންޓުގެ އަގު އަތްނުފޯރާ ފަށަށް މައްޗަށް ގޮސްފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
"އަދި ރައްޔިތުންގެ އަތުން ނަގާ ޓެކްސް އިތުރުކުރަމުންދާއިރު ވެސް ހިދުމަތުގެ ފެންވަރު ވަނީ އެތައް ގުނައަކަށް ދަށްވެފަ އެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެ ޕާޓީން ބުނީ މާލޭގެ ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ފެންވަރު ކުއްލިގޮތަކަށް ހިދުމަތް މެދުކެނޑުން ފަދަ ކަންކަން ކުރިމަތިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ސިޔާސީ ނުފޫޒު ވައްދައި އިންތިހާ އަށް ސިޔާސީކޮށްފައިވާތީ އެވެ. އެއާއެކު، އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގައި، ގިނަ މައްސަލަތަކެއް ދިމާވަނީ، މާލެ ތޮއްޖައްސައި، ރާއްޖޭގެ ހުރިހާ ސަރަަހައްދަކުން މާލެ އަށް މީހުން ބަދަލުކުރުމުން ކަމަށާއި ރާއްޖެ ތަރައްގީވާނީ ހުރިހާ ސަރަހައްދެއް ތަރައްގީވެގެން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.