ޕެރިސް (ޖޫން 13) - ޕީއެސްޖީ އަށް ކުޅޭ އިޓަލީގެ މިޑްފީލްޑަރު މާކޯ ވެރާޓީ އަންނަ ސީޒަނުގައި ބާސެލޯނާ އިން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ވެރާޓީގެ އޭޖެންޓް ޑޮނާޓީ ޑި ކާޕްލީ ބުނެފި އެވެ.

މިދިޔަ ހަފްތާގައި ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު އެންޓެރޯ ހެންރީކޭއާ އެކު ބޭއްވި ބައްދަލުވުމުގައި ވެރާޓީ ވަނީ އެ ކްލަބް ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި ޕީއެސްޖީން ވަނީ ވެރާޓީގެ އެގޮތަށް ބޭނުންވާނަ އެ ކްލަބުން ހުރަސްނާޅާނެ ކަމަށް ބުނެފަ އެވެ.

އުމުރުން 24 އަހަރުގެ ވެރާޓީ ހޯދުމަށް މެންޗެސްޓާ ސިޓީ އާއި ޔުވެންޓަސް އިން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް ވެރާޓީގެ އޭޖެންޓް ޑިކާޕްލީއާ ހަވާލާދީ ފްރާންސްގެ ނޫސްތަކުން ބުނެފައިވަނީ ވެރާޓީ ފެނުމުގެ ފުރުސަތު އެންމެ ބޮޑީ ބާސެލޯނާ އިން ކަމަށެވެ.

ބާސެލޯނާގެ އާ ކޯޗު އާނެސްޓޯ ވަލްވޭޑޭ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ވެރާޓީ އަކީ އެންމެ މުހިއްމު ކުޅުންތެރިއާ އެވެ. ރިޕޯޓްތައް ބުނާގޮތުން ވެރާޓީ ގަންނަން ބާސެލޯނާ އިން ވަނީ 80 މިލިއަން ޕައުންޑްގެ ބިޑެއް ކުރަން ތައްޔާރުވެފަ އެވެ. އަދި މުސާރައިގެ ގޮތުގައި އަހަރަކު ވެރާޓީ އަށް 10 މިލިއަން ޔޫރޯ ދިނުމަށެވެ.

ބާސެލޯނާ އިން ވެރާޓީ ގެންނަން މަސައްކަތް ކުރާއިރު، އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

އިޓަލީ ގައުމީ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިޔާ ވެރާޓީ އަކީ މި ވަގުތު ޔޫރަޕުގައި ކުޅޭ އެންމެ އުއްމީދީ އެއް ޕްލޭމޭކަރެވެ. އުމުރުން 23 އަހަރުގެ ކުޅުންތެރިޔާ ޕީއެސްޖީ އަށް 2012 ވަނަ އަހަރު ބަދަލުވީ އިޓަލީގެ ޕެސްކާރާ އިންނެވެ. ފާއިތުވި އަހަރުތަކުގައި ޕީއެސްޖީން ހޯދި ގިނަ ކާމިޔާބީތަކުގައި ވެރާޓީގެ ދައުރު ބޮޑެވެ.