ޕެރިސް (ޖުލައި 30) - ބްރެޒިލްގެ ތަރި ނޭމާ އަށް ޕީއެސްޖީން މަރުހަބާ ކިޔާނެ ކަމަށާއި އަދި އެ ޓީމަށް ކުޅޭ އިޓަލީގެ މިޑްފީލްޑަރު މާކޯ ވެރާޓީ ބާސެލޯނާ އަށް ބަދަލުނުވާނެ ކަމަށް ޕީއެސްޖީގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޕީއެސްޖީ އޮތީ ނޭމާގެ ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ 222 މިލިއަން ޔޫރޯ ދީގެން އޭނާ ގެންދަން ތައްޔާރަށެވެ. އަދި ނޭމާ ވެސް ޕީއެސްޖީއާ އެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފްރާންސްގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ލީގު ޗެމްޕިއަނާއި ކަޕް ޗެމްޕިއަންގެ މެދުގައި ކުޅެވޭ މެޗުން ޕީއެސްޖީ ވަނީ ރޭ 2-1 އިން މޮނާކޯގެ މައްޗަށް ކުރިހޯދައިފަ އެވެ. މެޗަށް ފަހު އެމެރީ ބުނީ މިދިޔަ ސީޒަނުގައި ލީގު ޗެމްޕިއަންކަން ގެއްލުނު ހިސާބުން މި އަހަރަށް ޕީއެސްޖީން ވިސްނަން ފަށާފައިވާ ކަމަށާއި ޓީމު އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަހަރެމެން މި އަންނަނީ މި ދިޔަ ސީޒަނުގައި ގެއްލުނު ފުރުސަތުތައް މި ފަހަރު ހޯދަން މަސައްކަތް ކުރަމުން. އެ މަސައްކަތްތަކަށް ރަނގަޅު ފެށުމެއް މިއީ. މި ތަށި ލިބުމަކީ،" އެމެރިކާ ބުންޏެވެ.

ވެރާޓީ އާއި ނޭމާގެ ޓްރާންސްފާއާ ގުޅޭގޮތުން އެމެރީ ބުނީ ޕީއެސްޖީ އަކީ ޓީމުގެ މުހިއްމު ކުޅުންތެރިން ވިއްކާނެ ޓީމެއް ނޫން ކަމަށެވެ.

"ވެރާޓީ އަކީ ޓީމުގެ މުހިއްމު ކުޅުންތެރިއެއް. އަހަރެމެން މި ސީޒަނުގެ ހުރިހާ ޕްލޭނެއް މި ހަދަނީ ވެރާޓީ ލައިގެން. ދެން ނޭމާ އަކީ މޮޅު ކުޅުންތެރިއެއް. ޕީއެސްޖީ ކަހަލަ ޓީމަކަށް ނޭމާ އަކީ ބޭނުން ހިފޭނެ ކުޅުންތެރިއެއް. ނޭމާ މި ޓީމާ ގުޅޭނަމަ އޭނާ އަށް މަރުހަބާ ކިޔާނަން،" އެމެރީ ބުންޏެވެ.

ރޭގެ މެޗުގައި މޮނާކޯ އިން ފުރަތަމަ ލީޑުނެގީ ޖިބްރިލް ސިޑިބޭ ޖެހި ލަނޑުންނެވެ. ޕީއެސްޖީ އަށް އެއްވަރުކޮށްދިނީ މި ފަހަރުގެ ޓްރާންސްފާގައި އެ ޓީމާ ގުޅުނު ބްރެޒިލްގެ ފުލްބެކް ޑެނީ އަލްވެސް އެވެ. އެ ޓީމު މޮޅު ކޮށްދިން ލަނޑު ކާމިޔާބުކުރީ އަލްވެސް ދިން ބޯޅައަކުން އެޑްރިއަން ރަބިއޯ އެވެ.