ޕެރިސް (ޖޫން 24) – ޕީއެސްޖީ ދޫކޮށް ބާސެލޯނާ އަށް ބަދަލުވާން އިޓަލީ މިޑްފީލްޑަރު މާކޯ ވެރާޓީ ބޭނުންވާ ކަމަށާއި އެކަމަކު ޕީއެސްޖީން އޭނާ ވިއްކާލުމުގެ ވިސްނުމެއް ނުގެންއުޅޭ ކަމަށް އެ ޓީމުގެ ކުރީގެ ޑިރެކްޓާ އޮފް ފުޓްބޯލް އަދި ފޯވާޑް ޕެޓްރިކް ކްލައިވެޓް ބުނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ވެރާޓީ ވަނީ ބާސެލޯނާއާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އޭނާ ގަތުމަށް 70 މިލިއަން ނުވަތަ 80 މިލިއަން ޔޫރޯ ހޭދަކުރަން ބާސެލޯނާ ވެސް އޮތީ ތައްޔާރަށް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު ޕީއެސްޖީން އަދި އެއްބަހެއް ނުވެ އެވެ.
"އަހަންނަށް (ޕީއެސްޖީގެ) ރައީސް ވަރަށް ރަނގަޅަށް އެނގޭ. ވެރާޓީ މިދިޔަ ސީޒަނުގައި ހަތަރު އަހަރަށް ކޮންޓްރެކްޓް އާކުރީ އަދި އަހަންނަށް އެނގޭ އޭނާ ބާސެލޯނާ އަށް އަންނަން ބޭނުންވާކަން. އެކަމަކު ޕީއެސްޖީން އޭނާ ދޫނުކުރާނެ،" ބާސެލޯނާގެ ކުރީގެ ފޯވާޑް ބުންޏެވެ.
ކްލައިވެޓް ބުނީ ވެރާޓީ ހޯދުމަކީ ބާސެލޯނާ އަށް ވަރަށް ބުރަ މަސައްކަތަކަށް ވާނެ ކަމަށެވެ. އަދި ވެރާޓީގެ އަގު 100 މިލިއަން ޔޫރޯ އަށް ވުރެ މަތިވާނެ ކަމަށް އޭނާ ދެކެ އެވެ.
އިޓަލީގެ ޕެސްކާރާ އިން 2012 ވަނަ އަހަރު ޕީއެސްޖީއާ ގުޅުނު އުމުރުން 24 އަހަރުގެ ވެރާޓީ އަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ޕްލޭމޭކިން މިޑްފީލްޑަރެވެ. އޭނާގެ ކުޅުމުގެ ސްޓައިލް އެންމެ އެއްގޮތީ އިޓަލީގެ ކުރީގެ މިޑްފީލްޑަރު އަންދްރޭ ޕިރްލޯގެ ކުޅުމާ އެވެ. ބާސެލޯނާ އިން އޭނާ ގެންދަނީ ޒަވީ ދޫކޮށްދިޔަ މަގާމް ފުރުމަށެވެ.