މާލެއިން މުދާ ބަރުކޮށްގެން ދެކުނަށް ދަތުރުކުރަމުން ދިޔަ "ސައިތުލައިން" ނަމަކަށް ކިޔާ ބޯޓެއް ގަވާއިދާ ހިލާފަށް މުދާ ބަރުކޮށްފައިވާ ކަމަށް ބުނެ ބޯޓު ހުއްޓުވައި، މާލޭ ފަޅަށް ވައްދައިފި އެވެ.

މެރިން ޕޮލިހުން ބުނީ މިއަދު މާލެއިން ފުރައިގެން ދެކުނަށް ދަތުރުކުރި ސައުތުލައިން ބޯޓު، ގަވާއިދާ ހިލާފަށް މުދާ ބަރުކޮށްފައިވާތީ ބޯޓު ހުއްޓުވައި، މާލެ ފަޅަށް ވައްދުވާފައިވާ ކަމަށެވެ. އަދި ގަވާއިދާ އެއްގޮތަށް މުދާ ބަރުކޮށްގެން ނޫން ގޮތަކަށް އިތުރަށް ނުފުރޭނެކަން އަންގާފައިވާ ކަމަށް ވެސް މެރިން ޕޮލިހުން ބުންޏެވެ.

މެރިން ފުލުހުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބޯޓަށް ގިނަ އަދަދަކަށް މުދާ ބަރުކޮށްފައި އޮތުމުގެ ސަބަބުން ބޯޓުގެ ފަހަށް ކޮޅު އޮތީ އަޑީގަ އެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަަސްވަރަކަށް ވާތީ ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމުގެ އިތުރުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވެސް ފުލުހުން ވަނީ ނަސޭހަތްތެރިވެފަ އެވެެ.

ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ ކަމަށް އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިވަގުތު ވެސް އޮތީ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފަ އެވެ.