ގއ. އަތޮޅު ދިގުވަރު ކަނޑު އެތެރެ ވަރީގައި ދަގަނޑު ބޮއެއް އޮޔާދާތީ ކަނޑު ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން ބުނީ އެ ބޮއެ ފެނިފައިވަނީ މިއަދު ހެނދުނު 11:30 ހާއިރު ކަމަށެވެ. އޭގެ ދިގު މިނުގައި 15 ފޫޓު އަދި ފުޅާ މިނުގައި ފަސް ފޫޓު ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ބޮއެ އޮޔާ ދަނީ ދެކުނުން އުތުރަށް ކަމަށެވެ.
"ކަނޑުގެ އޮއިވަރު އޮތްގޮތުން މިރޭގެ ވަގުތެއްގައި ގއ. ވިލިނގިލި، ގއ. މާމެންދޫ، ގއ. ނިލަންދޫ އަދި ގއ.ދާންދޫގެ ސަރަހައްދެއްގައި މި ބޮއި އޮތުމަކީ އެކަށީގެންވާ ކަމެކެވެ." ފުލުހުން ބުންޏެވެ.
އެހެންވެ އެ ސަރަހައްދުން ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ދަތުރު ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފުލުހުން އެގޮތަށް އިލްތިމާސް ކުރިއިރު، އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ލ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާ ހަމައަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.
މެޓުން ބުނީ މިއަދު މެންދުރު 2:45 އިން ފެށިގެން މިރޭ 8:30އާ ހަމައަށް އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުމާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެ އެވެ.
ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މެޓުން ބުންޏެވެ.